ޕާޓްނަރޝިޕް ފޯރަމްގެ ބައިވެރިން ރާއްޖެއަށް އަންނަން ފަށައިފި

15 Jun 2019 | 18:54

ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ބާއްވާ މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގެ ބައިވެރިން ރާއްޖެއަށް އަންނަން ފަށައިފިއެވެ.

މިއީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ބޭރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ރާއްޖޭގައި ބާއްވާ ފޯރަމްކަން ފާހަގަކޮށްލެވެއެވެ.

މި ފޯރަމްގައި ރާއްޖެއަށް ކަނޑައަޅުއްވާފައި މާލެ، ކޮޅުނބު އަދި ދިއްލީގައި ތިއްބަވާ ގިނަ ސަފީރުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. އެގޮތުން މި ފޯރަމްގައި ބައިވެރިވުމަށް މިއަދުވެސް ގިނަ އަދަދެއްގެ ބޭފުޅުން ރާއްޖެއަށް ވަނީ ވަޑައިގަންނަވާފައެވެ. އަދި މާދަމާ ބާކީ ބޭފުޅުން ވަޑައިގަންނަވާނެއެވެ.

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރުނބާ މޯލްޑިވްސްގައެވެ.

ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ޝަރަފުގައި މާދަމާ ރޭ ޝެރެޓަން މޯލްޑިވްސް ރިސޯޓުގައި ފޮރިން މިނިސްޓަރ ޝާހިދު ދެއްވާ ރިސެޕްޝަނެއް އޮންނާނެއެވެ.

މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު ހެނދުނު 9 ޖަހާއިރު. އޮންނާނީ ކުރުނބާ މޯލްޑިވްސްގައެވެ. މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި، ފޮރިން މިނިސްޓަރ ޝާހިދު އަދި ފިނޭންސް މިނިސްޓަރ އަމީރު ވާހަކަފުޅު ދައްކަވާނެއެވެ.

ފޯރަމްގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނެ ސެޝަންތައް:

• މާލީ އަދި އިޤްތިޞާދީ ދާއިރާ – ދިވެހިރާއްޖޭގެ މިވަގުތުގެ މާލީ އަދި އިޤްތިޞާދީ ހާލަތުގެ މައުލޫމާތު މި ޕެނަލް ޑިސްކަޝަންގައި ދެވޭނެއެވެ.

• ނޫ އިޤްތިޞާދު – ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން ހިމެނިގެން އިޤްތިޞާދީ ދާއިރާ ތަރައްޤީކުރުން

• އިޖްތިމާޢީ ދާއިރާ – ސިއްހީ އަދި ތައުލީމީ ދާއިރާ ތަރައްޤީކުރުމާއި، ސަޤާފީ އަދި ޒުވާނުންނާއި ގުޅޭ ކަންކަން އަދި ބޯހިޔާވަހިކަން

• އިދާރާތައް ހަރުދަނާކުރުން – ހިންގުމާއި އަދުއިންސާފުގެ ނިޒާމް ހަރުދަނާކުރުން

• ޕްރައިވެޓް ސެކްޓަރ އާއި ގުޅިގެން ތަރައްޤީކުރުން – ޤައުމީ ތަރައްޤީގައި ޕްރައިވެޓް ސެކްޓަރ އަށް އަދާކުރެވިދާނެ ދައުރު

ފޯރަމްގެ މައުލޫމާތު www.mpf.gov.mv އިން ލިބޭނެއެވެ.

Advertisement

ކޮމެންޓް