ފަނޑިޔާރު ދީދީއަށް ޖަވާބުދާރީވާން ފަސްދުވަސް ދިނުމަށްފަހު މިއަދުގެ އަޑުއެހުން ނިންމާލައިފި

20 Jun 2019 | 13:43

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައިގައި ތަހުޤީޤުން ފާހަގަކޮށްފައިވާ ކަންކަމަށް ލިއުމުން ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ދިނުމަށްފަހު ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަތަކުގެ ތަހުޤީޤު ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

މިއަދު ދަރުބާރުގޭގައި ޢާއްމުންނަށް ހުޅުވާލެވިގެން އަދި ޓީވީން ވަގުތުން ދުރަށް ދެއްކި މި ތަހުޤީޣުގައި ފަނޑިޔާރު ދީދީގެ ފަރާތުން ވަނީ ތަހުޤީޤުގައި ހުށައަޅާފައިވާ ލިއެކިއުންތަކަށް ޖަވާބުދާރީ ވުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެފައެވެ. އެގޮތުން އިތުރު ވަގުތު ބޭނުންވާ ކަމަށް ފަނޑިޔާރު ދީދީގެ ވަކީލުން އެދިވަޑައިގަތުމުން ލިޔުމުން ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ރިޔާސަތުން ވަނީ ނިންމާފައެވެ.

ފަނޑިޔާރު ދީދީ އާއި ދިފާއީ ވަކީލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، މައްސަލަ ރައްދުވާ ފަރާތަށް ބަރީއަ ވުމުގެ ފުރުސަތު، ގާނޫނުއަސާސީ އާއި ގާނޫނުން ފުރިހަމައަށް ލިބެން ޖެހޭނެ ކަމަށެވެ.

އަދި ފަނޑިޔާރު ދީދީގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގާބެހޭ މައުލޫމާތު ހިމެނޭ ސިޓީ ފަނޑިޔާރު އަބުދުﷲ ދީދީއަށް ލިބިވަޑައިގެންނެވީ ދަރުބާރުގޭގެ މާލަމުން މިއަދު 10:10 ގައި ކަމަށާއި 10:12 ގައި ތަހިގީގު ފެށިފައިވާ ކަމަށް ތަކުރާރުކޮށް ފަނޑިޔާރު ދީދީއާއި ވަކީލުންގެ ޓީމުން ވަނީ ވިދާޅުވެފައެވެ.

ފަނޑިޔާރު ދީދީގެ ސުލޫކީ މައްސަލަ ބަލާ ކޮމިޓީއަށް ފުލުހުން ހުށަހަޅާފައިވާ ލިޔުމުގައި ވާގޮތުގައި އެއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލޯންޑަކުރުމުގެ ތުހުމަތުކުރެވޭ މީހުންގެ އަތުން އަބްދުﷲ ދީދީ އެކި ފަހަރުމަތިން ފައިސާ ނެންގެވި ކަމަށާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދަން އުޅުއްވި ކަމަށް ބެލެވޭ ހެކި ފުލުހުންނަށް ލިބިފައިވާ ބުނެފައިވެއެވެ.

އޭގެ އިތުރުން، 12 ޖުލައި 2017 ވަނަ ދުވަހު އަބްދުﷲ ދީދީގެ ނަމުގައި ރަޖިސްޓަރ ކޮށްފައި އޮތް ނަންބަރަކުން "ރާއްޖޭން ބޭރަށް ދާން އުޅޭ ކަމަށާއި، ޑޮލަރުކޮޅެއް ބޭނުންފުޅުވާ" ކަމަށް ވިދާޅުވެ ސަސްޕެކްޓް 1 އަށް މެސެޖުކޮށްފައިވާ ކަމަށާއި، އެކި ފަރާތްތަކަށް ފައިސާ ދިނުމަށާއި، ފައިސާ ދޭންވީ މީހުންގެ ނަންބަރު ސަސްޕެކްޓް 1 ގެ ފޯނުން ފޮނުވާފައިވާއިރު، އޭގެ ތެރޭގައި ފަނޑިޔާރު ދީދީގެ ނަންބަރުވެސް ހިމެނޭ ކަމަށް ފޮރެންސިކް އެކްސްޓްރެކްޝަން ރިޕޯރޓުން ފާހަގަވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

ކޮމެންޓް