ސެކިއުލަރިޒަމްގެ ނުރައްކާތެރިކަން 8

21 Jun 2019 | 18:35

ލިޔުނީ: އައްޝައިޚް އަޙްމަދު ސަމީރު

ސެކިއުލަރިޒަމްގެ ހިތި ނަތީޖާ

އިސްލާމީ ޤައުމުތައް ސެކިއުލާ ކުރުމަށް ކުރެވެމެވުންދާ މަސައްކަތަކީ ދުރާލާ ރޭވިގެން ހިންގޭ ވަރަށް ވަރުގަދަ ޙަރަކާތެކެވެ. އިސްލާމީ މުޖުތަމަޢުގައި މި ޖަރީމާ ހިންގުމަށް މާލީގޮތުނާއި ފަންނީ ގޮތުންނާއި ޢަސްކަރީގޮތުން އެހީތެރިވަމުންދަނީ ދުނިޔޭގެ ވަރުގަދަ ބާރުތަކުންނެވެ. މިގޮތުން ކުރެވެމުންދާ މަސައްކަތުގެ ނުބައި އަސަރު އިސްލަމީ ޤައުމުތަކަށް ކުރަމުންދަނީ ވަރަށްވެސް ބާރަށެވެ. އެކަން ޞިފަކުރެނީ މުޅި ޤައުމު އެފުށްމިފުށަށް ޖަހާފާނެ ވަރުފަދަ ތޫފާނެއްގެ ގޮތުގައެވެ. އެ ތޫފާނުވަނީ އަހަރުމެން ވަށާލާފައެވެ. މަތިން ޖެހެމުންދާ ގަދަ ވައިގެ ސަބަބުން ބޯމަތީގައިވާ ފުރާޅު އެއްލާލައި، ވަށައިގެންވާ ރުއްގަސް ބޯމައްޗަށް ވެއްޓިދާނެ ފަދައެވެ. ބޯވާރެއާއި، ލޯތައް ބުރައިގެން ދާފަދަ ވަރުގަދަ ވިދުމާއި، ކަންފަތް ބަށްވެދާފަދަ ހޮނުގުގުރިގެ ނާމާންކަން ފަދައެވެ. ވިދުވަރަށްފަހު ވެރިވެގަންނަ ކަނު އަނދިރީގެ ނާމާންކަން ފަދައިންނެވެ. ފައިދަށުން ބިންގަނޑު ގަނބައިގެން ހިނގައިދާނެ ފަދައެވެ. މި ވަރުގަދަ ކާރިޘާގައި އަތުން ބީވެގެން ދަރިން ހިނގައިދާނެ ކަމުގެ ބިރެވެ. ދުވަހަކުވެސް އެކުދިންނާ ބައްދަލު ނުވެދާނެގޮތުގައި ވަކިވެދާނެކަމުގެ ކަންބޮޑުވުމެވެ. ﷲ ގެ ރަޙުމަތުން ސަލާމަތްކުރެވި ތަނަކާއި ބައެއް މެނުވީއެވެ.

ދަންނާށެވެ! ޢަލްމާނިއްޔަތު ނުވަތަ ސެކިއުލަރިޒަމް އަކީ އޭގެ ސަބަބުން ގެއްލުމެއް ނޫނީ ނުވާނެ މުޑުދާރު އެއްޗެކެވެ. މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގައިވާ ފަދައިންނެވެ. { وَالَّذِي خَبُثَ لَا يَخْرُجُ إِلَّا نَكِدًا }(الأعراف:58) މާނައީ" (ބިން) ނުބައި ރަށްރަށުން ފައިދާއެއްނެތް މަދު ގަސްކޮޅެއް މެނުވީ ނުފަޅައެވެ."

އާނއެކެވެ! އެ ނުބައިކަމުގެ ސަބަބުން އިސްލާމުންނަށް ނިސްބަތްވާ ބަޔަކު މިވަނީ ދީނުން ހަށިފޮޅާލާފައެވެ. އިސްލާމުންނަށް ނިސްބަތްވާ މީހުންގެ ތެރެއިން ބައެއް މީހުން، ދީނަކީ ދިރިއުޅުމާ ގުޅުންހުރިކަމެއް ނޫންކަމަށް ބުނަންފަށައިފި ނޫންންހެއްޔެވެ؟ ހިތްހަމަ ޖައްސާލުމަށް މުނާސަބާތުތަކުގައި ބަނގުރާފޮދެއް ބޯލުމާއި، ރިބަވީ މުޢާމަލާތްތައް ކުރުމާއި، ދެޖިންސު ގައިގޯޅިވެ، ނަށާލުމާއި، ބަދުއަޚުލާޤީ ލަވަތައް ކިޔާލުމާއި، މިކަންކަންކަމާ ދީނާ އޮތީ ކޮން ގުޅުމެއްހޭ ބުނާމީހުން ފާޅުވާން ފަށައިފި ނޫންހެއްޔެވެ؟ އަދިކިއްތަ މިފަދަ ކަންކަން ކުރުމަކީ އަމިއްލަ ޒާތީ މިނިވަންކަމާ ގުޅިފައިވާ، ތަހުޒީބުގެ މުޖުތަމަޢުތަކުގެ ޢަލާމާތްތައް ކަމުގައި ބުނަން ފަށައިފިއެވެ. ޝުޢައިބުގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނާ ޖަދަލުކުރި ފަދައިންނެވެ. {قَالُوا يَا شُعَيْبُ أَصَلَاتُكَ تَأْمُرُكَ أَنْ نَتْرُكَ مَا يَعْبُدُ آبَاؤُنَا أَوْ أَنْ نَفْعَلَ فِي أَمْوَالِنَا مَا نَشَاءُ} (هود:87) މާނައީ" އެއުރެން ދެންނެވޫއެވެ. އޭ شعيبގެފާނެވެ! ތިމަންމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި ދޫކޮށްލުމަށް، ނުވަތަ ތިމަންމެންގެ މުދާތަކާމެދު ތިމަންމެން އެދޭގޮތަކަށް ކަންތައްކުރުން ދޫކޮށްލުމަށް، ކަލޭގެފާނުގެ ނަމާދު، ކަލޭގެފާނަށް أمرކުރަނީތޯއެވެ!"

މިތަނުގައި ޝުޢައިބުގެފާނުންގެ ޤައުމުގެ ކާފަރުން އެ އިންކާރު ކުރަނީ އިޤްތިޞާދީ މުޢާމަލާތްތަކަށް ދީންވެއްދުމާ މެދުގައެވެ. މިއަދު އެކަމަށް އިންކާރު ކުރަމުންދަނީ މުސްލިމުންގެ ނަމުގައި ތިބޭ ބައެކެވެ. މިއީ ސެކިއުލަރިޒަމްގެ ހިތި މޭވާއެވެ. ސެކިއުލަރިޒަމް އަކީ ބިމުގައި ފަޅާފައިވާ ނުބައި ގަހެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. {وَمَثَلُ كَلِمَةٍ خَبِيثَةٍ كَشَجَرَةٍ خَبِيثَةٍ اجْتُثَّتْ مِنْ فَوْقِ الْأَرْضِ مَا لَهَا مِنْ قَرَارٍ} (إبراهيم:26) މާނައީ" އަދި ނުބައި ބަހެއްގެ مثالއަކީ، ބިންމަތިން އުފުރާލި (އަދި) އެ ގަހަކަށް އެއްވެސް ސާބިތުކަމެއްނުވާ، ނުބައި ގަހެއްގެ مثالއެވެ."

އިސްލާމީ މުޖުތަމަޢުގައި ކުފުރުގެ ނުބައި އޮށް މުޑުވަށްކޮށް އެޔަށް ފެންދެމުންދަނީ ވަރަށް މަކަރުވެރިކަމާ އެކުއެވެ. ތިރީގައި މިފާހަގަ ކޮށްލަނީ މިކަމުގެ ހިތިމޭވާއެވެ.

1- އިސްލާމީ ޝަރީޢަތުގެމައްޗަށް ފައިޞާލަކުރުމަށް ދެކޮޅުހަދައި، އިންސާނާގެ ޙަޔާތުގެ ތަފާތު މައިދާންތަކުން ޝަރީޢަތުގެ ޙުކުމްތަކަށް ޢަމަލުކުރުމުން އެއްކިބާކޮށް، އިލާހީ ޝަރީޢަތުގެ ބަދަލުގައި ﷲ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށްފައިވާ ކާފިރުން ހަދާ ވަޟުޢީ ނިޒާމުތަކާއި ވަޟުޢީ ޤާނޫނުތަކަށް ދީލައިލުމާއި، ކާފިރުންގެ ވަޟުޢީ ޤާނޫނުތައް ދޫކޮށް އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރުމަށް ގޮވާލެވޭ ގޮވާލުމަކީ، ތަރައްޤީއާއި ތަހުޒީބާ ޚިލާފަށް، ފަހަތަށްޖެހުން ގަމުގައި ޞިފަކޮށް، އެކަމަށް ގޮވާލާ މީހުންނަކީ މަލާމާތާއި، ފުރައްސާރަކުރެވޭ ބުއްދިއެއް ނެތް ބައެއްކަމުގައި ދައްކައި، އިސްލާމީ ޝަރީޢަތުގެ މަތިވެރި އުޞޫލުތަކަށް ގޮވާލާ އަޑު އުފުލާ މީހުން، މުޖުތަމަޢުގެ އަފުރަދުންނާއި، ޒުވާނުންނާ ގުޅުންބަދަހިވާފަދަ ބަސްކިޔޭ މަޤާމްތަކާއި ވަޒީފާތަކަށް އަޔަ ނުދިނުން.

އިސްވެ ބަޔާންވެދިޔަ ނުކުތާގައި ހިމެނޭ ކަންކަން އިސްލާމީ ވަރަށް ގިނަ ޤައުމުތަކުން މިއަދު މިދަނީ ފެންނަމުންނެވެ. އިސްލާމީ ޝަރީޢަތޭ ބުނެވޭ ކޮންމެ ފަހަރަކު އެޝަރީޢަތުގެ ޙުކުމްފުޅުތަކާއި އެޙުކުމްފުޅުތަކަށް ޢަމަލުކުރުމަށް ގޮވާލާމީހުންނާމެދު، މީހުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް އެ ޝަރީޢަތުގައިވާ ދެތިން އަދަބެއްގެ ވާހަކަ ދައްކަމުން ދަނީ މަދެއްކޮށެއް ނޫނެވެ. އަތް ކަނޑާށްވެސް، ޙައްދުޖަހާކަށްވެސް، ރަޖަމުކުރާކަށްވެސް، ޤަތުލުކުރާކަށްވެސް އަހަރުމެން ނޭދެން ކަމުގައްޔާއި، އެއީ އަހަރުމެންގެ ސިޔާސަތެއްނޫންކަމަށް ބުނެ އެކިގޮތްގޮތުން ފުރައްސާރަކޮށް ބަހަނާ ދައްކާމީހުންގެ އަޑު ދުވަހެއް ދުވަހަކަށް ދަނީ ގަދަވަމުންނެވެ.

އެފަދަ މީހުން ޤައުމުތަކުގެ މަތިފަޑިއަށް އަރަމުންދަނީ ހީވެސް ނުކުރާހާ ބާރުމިނުގައެވެ. މީސްތަކުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމު ކުރުމާއި، އިންސާނީ ޙައްޤުތަކާއި، މިނޫންވެސް ތަފާތު ޙައްޤުތައް ޙިމާޔަތްކުރާ ފަރާތްތަކެއްގެ ގޮތުގައެވެ.

ޢަދުލު އިންޞާފަކީ ﷲ ގެ ޝަރީޢަތެވެ. އެކި ޒަމާންތަކުގައި އެކަލާނގެ ރަސޫލުބޭކަލުންނާއި ނަބީ ބޭކަލުން ފޮނުއްވައި އެބޭކަލުންގެ އަތްޕުޅުމައްޗަށް ފޮތާއި ޝަރީޢަތް ބާވައިލެއްވީ މީސްތަކުންގެ މެދުގައި ޢަދުލުއިންޞާފު ޤާއިމުކުރެއްވުމަށްޓަކައެވެ. ޢަދުލަކީ މާތް ﷲ އެކަލާނގެ ޒާތުފުޅުގެ މައްޗަށް ލާޒިމު ކުރައްވާފައި މަތިވެރި ޞިފަފުޅެކެވެ. އަނިޔާވެރިކަން އެކަލާނގެ ވަނީ އެކަލާނގެ ޒާތުފުޅުގެ މައްޗަށް ޙަރާމް ކުރައްވާފައެވެ. އަދި އެކަން ވަނީ އަޅުތަކުންނަށްވެސް ޙަރާމްކުރާއްވާފައެވެ. ކަންމިހެން ހުރިއިރު އެކަލާނގެ ޝަރީޢަތުން ބޭރުން ޢަދުލު އިންޞާފު ޤާއިމުވާނެކަމަށް ބެލެވޭނީ ކޮން ފަދައަކުން ހެއްޔެވެ؟ އެފަދަ ވާހަކައެއް އިސްލާމަކަށްވެހުރެ ދެއްކޭނީ ކޮންހަމައަކުންހެއްޔެވެ؟

2- އިސްލާމީ ތާރީޚުގެ ޙަޤީޤަތް އޮޅުވާލައި ހުތުރުކޮށް ދެއްކުން. ... ( ނުނިމޭ)

ނޯޓު: މިލިޔުމުގެ އަޞްލަކަށް ބަލާފައިވާނީ. حقيقة العلمانية معناها ونشأتها ..... الشيخ أبو سليمان عبد الله بن محمد الغفيلي ، މިފޮތެވެ. އިތުރަށް ޝަރަޙަކޮށްދިނުމުގެ ގޮތުންވެސް އިތުރު އެކި ވާހަކަތައް ލިޔެފައިވާނެއެވެ.

Advertisement

ކޮމެންޓް