ދިވެހިބަހުގެ ޕީއެޗްޑީ ހެދުމުގެ ފުރުސަތު އެމްއެންޔޫ އިން ހުޅުވާލައިފި

17 Oct 2018 | 06:49

ދިވެހި ބަހުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ، އެމްއެންޔޫ އިން ހުޅުވާލައިފިއެވެ.

އެމްއެންޔޫ އިން ކުރެއްވި އިއުލާންއެއްގައި ވަނީ އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް) މާއްދާއިން ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) ހެދުމަށް ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމް މިމަހުގެ 31 ވާ ބުދަ ދުވަހުގެ 13:00ގެ ފަހުން ހުށަހެޅުއްވޭނެ ކަމަށެވެ.

އަދި އެޕްލިކޭޝަން ފޯމާއެކު ޕީއެޗްޑީ ހާސިލުކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް ތައްޔާރުކޮށް ހުށަހެޅުންޖެހޭނެ ކަމުގައެވެ.

ކޯހުގެ ޖާގަ ކަނޑައަޅާނީ ކުރިމަތިލާ ކެނޑިޑޭޓުން ހުށައަޅާ ޕްރޮޕޯޒަލްތަކަށް ބެލުމަށްފަހު، ސުޕަވައިޒަރުންނާއި ހަޔާ ޑިގްރީސް ކޮމެޓީއިން ނިންމާ ގޮތެއްގެ މައްޗަށް ކަމަށް އެމްއެންޔޫއިން މައުލޫމާތުދެއެވެ.

އެމްކިއުއޭއިން ބުނެފައިވަނީ އެ ކޯހަށް ކުރިމަތިލާ ފަރާތްތަކަކީ އެޕްލައިޑް ލިންގުއިސްޓިކްސް ނުވަތަ ގުޅުންހުރި ދާއިރާއަކުން އެމްކިއުއޭ ޤަބޫލުކުރާ ލެވެލް 9 ގެ ސަނަދަކާއި ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭ ކަމަށެވެ. ނުވަތަ އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން އެމްކިއުއޭ ޤަބޫލުކުރާ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށް އެންމެ މަތީ ދަރަޖައިގައި ފާސްވެފައިވުމުގެ އިތުރުން ދިރާސީ މަސައްކަތްތަކެއް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ.

ޑިގްރީ ނުވަތަ މާސްޓަރސް ހާސިލު ކުރުމުގެ އިތުރުން 1 އަހަރު ދުވަހުގެ ދިރާސީ މަސައްކަތެއް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އަދި ދިވެހިބަހުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތައް ކޯހަށް ހޮވުމުގައި އިސްކަން ދެވޭނެއެވެ.

މިއީ ތިން އަހަރު ދުވަހުގެ ކޯހެއް ކަމަށާއި މި ކޯސް ހިންގާނީ ފެކަލްޓީ އޮފް އާޓްސް އިން ކަމަށް އެމްއެންޔޫއިން މައުލޫމާތު ދެއެވެ.

Advertisement

ކޮމެންޓް