ދިވެހި ރައްޔިތަކަށް ވާން މިދިޔަ އަހަރު ފަސް ބިދޭސީން އެދުނު

04 Jul 2019 | 13:59

ދިވެހި ރައްޔިތުކަން ބޭނުންވެގެން މިދިޔަ އަހަރުގެ ތެރޭގައި ފަސް ބިދޭސީން ހުށައެޅިކަމަށް އެޓާނީ ޖެެނެރަލް އޮފީހުން ބުނެފިއެވެ.

އެ އޮފީހުގެ އަހަރީ ރިޕޯޓްގައިވާ ގޮތުގައި ދިވެހި ރައްޔިތަކަށް ވާން ބޭނުންވެގެން ހުށައަޅާފައިވަނީ އިންޑިއާގެ ތިން ރައްޔިތަކާއި ޖޯޑަންގެ ރައްޔިތެއްގެ އިތުރުން ސްރީލަންކާގެ ރައްޔިތެކެވެ.

އެ ފަރާތްތަކަށް އެގޮތަށް ހުށައެޅެނީ 1969ވަނަ އަހަރު ފާސްކޮށްފައިވާ ސިޓިޒެންޝިޕް ގާނޫނުގެ ދަށުންނެވެ.

އެ ގާނޫނުގައިވާގޮތުގައި ދިވެހިރައްޔިތުކަން އެދޭ ބޭރު މީހާ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ކަަމަށްވާ ނަމަ އެކަން ލިޔުމުން ފޮރިން މިނިސްޓްރީއަށް ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އެ ގާނޫނުގައި ބުނެފައިވަނީ ދިވެހިރައްޔިތުކަން ބޭނުންވާ މީހާ މެދުނުކެނޑި ދިވެހިރާއްޖޭގައި 12 އަހަރު އުޅެފައިވާން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެހެން ގައުމަކަށް ދިޔަނަމަވެސް ހަމަހަށްވުރެ ދިގު މުއްދަތެއް އެހެން ގައުމެއްގައި ވެގެން ނުވާނެ ކަމަށްވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އެ ގާނޫނުގެ ދަށުން ދިވެހި ރައްޔިތަކަށް ވެވެނީ ވަކި ޚާއްސަ އިމްތިހާނެއް ފާސްވުމުންނެވެ. މިދިޔަ އަހަރު އެ އިމްތިހާނުން ފާސްވެފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ހަބީބު ރަހުމާން މުހައްމަދު ހަނީފެވެ.

ސިޓިޒެންޝިޕް ގާނޫނުގައި ބުނެފައިވާ ޝަރުތުތަކާއި އަދި ގާނޫނު އަސާސީގެ މައުލޫމާތު އެނގޭ މިންވަރު ބެލުމަށް ދޭ އިމްތިހާނުން ފާސްވެއްޖެ ނަމަ އެފަރާތެއް ދިވެހި ރައްޔިތަކަށް ހެދުމުގެ އިހްތިޔާރު އޮންނާނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

Advertisement

ކޮމެންޓް