އިންޑިއާގެ ރެސްޓޯރެންޓެއްގެ ބަދިގެ.. ފޮޓޯ: ސްޕައިސީ ޑައިން އިން ރެސްޓޯރެންޓް
ދުނިޔެ
15 Mar 2026 | 15:05
އިންޑިއާގައި ކައްކާ ގޭސް ލިބުން ދަތިވެ، ރެސްޓޯރެންޓްތަކުގެ މެނޫތައްވެސް މަދުކޮށްލައިފި

އިންޑިއާގައި ކައްކާ ގޭސް ލިބުން ދަތިވެ، އެންމެފަހުން ރެސްޓޯރެންޓްތަކަށް އެކަމުގެ ދަތިކަން އިންތިހާއަށް ކުރިމަތިލާން ޖެހިއްޖެއެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން މިއަދު ރިޕޯޓްކުރިގޮތުގައި ވިޔަފާރިތަކަށް ކައްކާ ގޭސް ނުލިބުމުގެ މައްސަލަ ވަނީ އިންތިހާއަށް ކުރިމަތިވެފައެވެ. އެކަމާހުރެ ބައެއް ރެސްޓޯރެންޓްތައް ބަންދުކޮށް، ގިނަ ރެސްޓޯރެންޓްތަކަކުން ވަނީ މެނޫގައި ހިމެނޭ ގިނަ އައިޓަމްތަކެއް މިވަގުތައް ވަރަށްބޮޑަށް މަދުކޮށްލާފައެވެ.

ފްރާންސް 24 ނޫހަށް ވާހަކަދައްކަމުން ގުޖަރާތް ސްޓޭޓްގެ ރެސްޓޯރެންޓެއްކަމަށްވާ ސްޕައިސީ ޑައިން އިން ރެސްޓޯރެންޓުން ވަނީ ކައްކާ ގޭސް ނުލިބުމުގެ މައްސަލަ ވަރަށް ބޮޑުކަން ފާހަގަކޮށްފައެވެ. އެގޮތުން ރެސްޓޯރެންޓްގެ ބަދިގޭ ތެރެއިން މިހާރު ފެންނަން ހުރީ ހުސް ފުޅިތައްކަމަށް އެ ރެސްޓޯރެންޓުގެ ފަރާތުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ. 

ބެންގަލޫރުގައި 12 ރެސްޓޯރެންޓް ހިންގާ ސައީދު ޖަމީލް ބުނީ ގޭހުގެ ސަޕްލައިއަށް ބަލާއިރު، "ކޮމާޝަލް ސަޕްލައި" މުޅިން ހުއްޓިއްޖެ ކަމަށެވެ.

"ލިބެން ހުރި ގޭހުގެ އަގު ހަތަރު ގުނަ ބޮޑު. އެހެންވެ މެނޫ ގާތްގަނޑަކަށް 50 އިންސައްތަ މަދުކޮށްފިން" ޖަމީލް ބުންޏެވެ.

ގޭހުގެ ބަދަލުގައި ރެސްޓޯރެންޓްތަކުން ދަނީ ބޯޓުދެލި، ދަރު އަދި އިލެކްޓްރިކް ފްރަޔާ ފަދަ ވަސީލަންތައް ހޯދަމުންނެވެ. ނަމަވެސް ޖަމީލް ބުނީ، ރެސްޓޯރެންޓް ފަދަ ތަންތަނުގައި ކައްކަން ބޭނުންކުރަން ބޯޓުދެއްޔާއި، ދަރަށް ބަރޯސާވެވެން ނޯންނަ ކަަމަށެވެ. 

ގުޖުރާތު ސްޓޭޓުގެ ޝެފް ލީޖޫ ނިނާން ބުނީ "އަހަރެމެން މި ތިބީ ހަމަ ކިރިޔާ ސަލާމަތްވެގެން ކަމަށާއި ސަޕްލައިއެއް ނެތް. މެނޫގައި މިހާރު ހުންނާނީ ދޭއް ނުވަތަ ތިން ބާވަތް އެކަނި" ކަމަށެވެ.

ކަންކަން މިދާގޮތަށް ބަލާއިރު، އަދި އިތުރު ފަސްދުވަހު މިކަމުގައި ތަހައްމަލުކޮށްގެން ހުންނަން ޖެހިދާނޭކަމަށް ޝެފް ލީޖޫ ނިނާން ބުންޏެވެ. "ނޫނީ ދެން އިތުރު ފަސްދުވަހަށް މިކަން ދިގުލައިގެން ހިނގައްޖެނަމަ ރެސްޓޯރެންޓް ޖެހޭނީ ބަންދުކުރަން" އޭނާ ބުންޏެވެ.

އިންޑިއާގައި ކައްކާ ގޭހުގެ އަގު ބޮޑުވެ، ލިބުން ދަތުވުމާ ގުޅިގެން ނެޝަނަލް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް އިންޑިއާ (އެންއާރުއޭއައި) އިން ވަނީ މާޗް 11 ގައި ޕެޓްރޯލިއަމް ވަޒީރަށް ސިޓީއެއްވެސް ފޮނުވާފައެވެ. އެގޮތުން މި ސިޓީގައި އެފަރާތްތަކުން ވަނީ ރެސްޓޯރެންޓްތަކަށް މެދުނުކެނޑި ކޮމާޝަލް ގޭސް ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.

ހުޅަނގު އިންޑިއާއަށް ނިސްބަތްވާ ހޮޓެލް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކުރިއަށްއޮތް ދެ ދުވަހެއްގެ ތެރޭގައި މި ހާލަތު ރަނގަޅު ނުވެއްޖެ ނަމަ، މުމްބާއީގެ ދެބައިކުޅަ އެއްބައި ރެސްޓޯރެންޓް ބަންދުކުރަން ޖެހިދާނެ ކަމަށެވެ.

އިންޑިއާގައި ކައްކާ ގޭސް ލިބުން ދަތިކަމަށް މީޑިއާތަކުން ފާހަގަކުރިނަމަވެސް އިންޑިއާ ސަރުކާރުން ބުނެފައިވަނީ ގޭހުގެ ދަތިކަމެއް ނެތް ކަމަށެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުތަ މޯދީ މާޗް 12 ގައި ވިދާޅުވެފައިވަނީ ބައެއް މީހުން މިކަމުގައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އިންޑިއާ ސަރުކާރުން ވަނީ، ކުރިމަތިވި މި ދައްޗާއެކު ޤައުމީ ފެންވަރުގައި ގޭސް އުފައްދާ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ.

އިންޑިއާގެ ރެސްޓޯރެންޓްތަކަށް ކައްކާ ގޭސް ލިބުން ކުއްލިއަކަށް ދަތިވި މައިގަނޑު ސަބަބަކީ ވިޔަފާރިތަކަށް ގޭސް ސަޕްލައިކުރުން ހިފެހެއްޓުމަކަށްގެނެސް ގޭބިސީތަކަށް ގޭސް ފޯރުކޮށްދިނުމުގައި އިސްކަން ދިނުމުންނެވެ. ސަރުކާރުގެ މިހާރު ސިޔާސަތަކީ ކައްކާ ގޭސް ފޯރުކޮށްދިނުމުގައި ގޭބިސީތަކާއި، ތައުލީމްދޭ ތަންތަނައި ހޮސްޕިޓަލްތައް އިސްކުރުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.