ލުތުފީގެ ވާހަކަ ދައްކަން ޖެހެނީ ކީއްވެ؟

10 Jul 2019 | 17:40

ހ.ހާޖަރާގޭ އަބްދުﷲ ލުތުފީގެ ނަމަކީ ދިވެހިން ހަނދާން ނެތޭނެ ނަމެއް ނޫނެވެ.

އޭނާގެ ސަބަބުން ދިވެހި ތާރީހުގައި ކަޅު އަނދިރި ސަފްހާއެއް ލިޔެވިގެން ދިޔަކަން އަންނަން އޮތް ޖީލުތަކަށް ކިޔައިދޭންވެސް ޖެހެއެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި އޭނާ އަކީ ބާޣީއެކެވެ. ޤައުމަށް ހިޔާނާތްތެރިވި ޣައްދާރުންގެ ލިސްޓެއް ލިޔާނަމަ ލުތުފީގެ ނަން، އެފަދަ ލިސްޓެއްގެ އެންމމެ ކުރިން ޖާގަ ހޯދާނެއެވެ. އޭނާގެ ނަން އުނިކޮށްފިނަމަ، ބާޣީންގެ ލިސްޓު ފުރިހަމައެއްވެސް ނުވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

19 ދިވެހިންގެ ލޭ ދިވެހި ފަސްގަނޑަށް އޮހޮރުވާލި ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމމަލާ ރޭވި ލުތުފީއަށް މަރުގެ ހުކުމް އިއްވުމުން، ރައީސް މައުމޫން އަބްދުލްޤައްޔޫމް އޭނާއަށް މާފު ދެއްވިއަސް، ދިވެހި ރައްޔިތުން އަދިވެސް ލުތުފީއަށް މާފު ނުކުރާކަން ޔަގީންކޮށްދީފިއެވެ. މުޅި ސޯޝަލް މީޑިއާގައިވެސް އެތައް ދިވެހިންނެއް ދަނީ ލުތުފީއާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

އެގޮތުން އޭނާ ފަދަ ޓެރަރިސްޓަކު ފިލައިގެން އުޅެނިކޮށް އަނބުރާ ގެނައިއިރު، ބިޑި ނާޅުވާތީ ގިނަ ބަޔަކު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

"އާދައިގެ ދެރަ ނިކަމެތި މީހެއް ނަމަ ގެންނާނީ ބިޑި އަޅުވައިގެން." އެކަމަށް ފާޑު ކީ މީހަކު ބުންޏެވެ.

"ލުތުފީ ގެނައީ ސެލެބްރިޓީއެއް ހެން. އެހާ އިއްޒަތާއި ޝަރަފްގައި އޭނާ ގެންނާކަށް ނުޖެހޭ. އެއީ ބޮޑު ކުށްވެރިއެއް" އިތުރު މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށުން ލުތުފީ މާލެ ގެނެސްފައިވާއިރު، ގިނަ މީހުން ފާހަގަކުރި އަނެއް ކަމަކީ އޭނާ ވަރަށް ހިތްހަމަޖެހިފައި ހުރިކަމެވެ. އަދި ދޭތެރެ ދޭތެރެއިން އޭނާގެ މޫނު މައްޗަށް ގެނައި ހިނިތުންވުންވެސް ފާހަގަކުރިއެވެ.

" ބޮޑު ކުށެއް ކުރެވުނު މީހެއްގެ މޫނުމަތިން ފެންނަން ހުންނަން ޖެހޭނެ ކަންނނޭގެ ލަދުވެތިކަންވެސް. ލުތުފީ ހުރީ ވަރަށް އުފަލުން. އެކަމަކު އޭނާ ޖެހޭނެ ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދެން" ޒުވާނަކު ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

ލުތުފީއާއި ގުޅޭގޮތުން އެންމެ ބޮޑަށް ފާހަގަވި އަނެއް ކަމަކީ އޭނާގެ ދުޅަހެޔޮ ހަށިގަނޑެވެ. ރޭ އެއާޕޯޓުން ފެނުނީ މީގެ ކުރިން ދިވެހިން ދަންނަ ލުތުފީއެއް ނޫނެވެ.

އޭނާއަކީ އުމުރުން 70 އަހަރުވާން ކައިރިވެފައި ހުރި މީހަކުހެން ހީވެސް ނުވެއެވެ. އއެކަމާއި ގުޅިގެން މީސްމީޑިއާގައި އެތައް މީމްސްތަކެއް ދަނީ ދައުރުވަމުންނެވެ. ގިނަ މީހުންނަށް ލުތުފީގެ ސިފައަށް އައިސްފައިވާ ބަދަލު ވެފައިވަނީ ޖޯކަކަށެވެ.

ކޮންމެއަކަސް، ބާޣީ ލުތުފީ ވެފައި މިވަނީ ހޮޅުއަށިތަކުގައާއި، ކޮފީ މޭޒުތަކުގައާއި، ގޭގޭ ސިޓިންރޫމްތަކުގައި އެންމެ ހޫނު މައުޟޫއަށެވެ. އެހެން އެކަން ނުވާންވީ ސަބަބެއްވެސް ނެތެވެ. 

ޤައުމުގެ ހައްޤުގައި ޝަހީދުވެގެން ދިޔަ ބަތަލުންގެ ޒިކުރާ އާކުރެވޭނީ، ޚާއިނުން މަތިންވެސް ހަނދާން ކޮށްގެނެވެ. ޚާއިނުންގެ ވާހަކަ ނުދައްކާނަމަ، ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ބޭނުމެއްވެސް ނެތެވެ. އެހެންކަމުން ލުތުފީ ފަދަ ކުށްވެރިންގެ ވާހަކަ އަބަދުވެސް ދައްކަން ޖެހެއެވެ. 

ފޮޓޯ: އަވަސް އޮންލައިން

Advertisement

ކޮމެންޓް