ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ހުށެހެޅި މައްސަލައިގެ ހުކުމް އަންނަ ބުދަ ދުވަހު އިއްވަން ތާވަލުކޮށްފި އެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުން ކުރިއަށްގެންދިޔަ ހުރިހާ އަޑުއެހުމެއް މިހާރު ނިމިފާވާއިރު، ހުކުމް އިއްވަން ހަމަޖައްސާފައިވަނީ އަންނަ ބުދަ ދުވަހުގެ ހެނދުނުގަ އެވެ.
މަޖިލީހުން ގާނޫނުއަސާސީއަށް ގެންނަން ފާސްކޮށްފައިވާ އިސްލާހުގެ ދަށުން، މަޖިލީހުގެ މެންބަރަކު އިންތިހާބުވުމަށްފަހު އިންތިހާބުވީއިރު އެ މެންބަރު ހުރި ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ އެ ޕާޓީން އެ މެންބަރު ވަކިކޮށްފިނަމަ އޭނާގެ ގޮނޑި ގެއްލޭނެ އެވެ. އެގޮތުން، އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމުގައި ވިދާޅުވެ، ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށެހެޅީ، ކެންދޫ ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަލީ ހުސައިނެވެ.
މައްސަލައިގެ ހުކުމްކުރަންދެން ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ނުގެއްލޭނެކަމަށް ވަގުތީ އަމުރެއް ނެރިދިނުމަށް ކޯޓުގައި އޭނާ އެދުމުން، ސުޕްރީމް ކޯޓުން ނިންމާފައިވަނީ ހުކުމެއް ނެރެވެންދެން ގޮނޑި ނުގެއްލޭ ގޮތަށް ވަގުތީ އަމުރެއް ނެރެފިނަމަ އެކަމުގެ ސަބަބުން މައްސަލައިގެ މައުޟޫއަށް އަސަރުކުރާނެތީވެ އެފަދަ އަމުރެއް ނެރެވެން ނެތް ކަމަށެވެ.
ސަރުކާރުން ގާނޫނުއަސާސީއަށް އިސްލާހު ގެންނަވަން ހުށަހަޅާ ބިލްތަކަށް އިދިކޮޅުގެ ފަރާތްތަކުން ދަނީ ދެކޮޅު ހަދަމުންނެވެ. އެގޮތުން، ސަރުކާރާއި އިދިކޮޅު ގިނަ ފަރާތްތަކުން ދަނީ ސަރުކާރުން ގާނޫނުއަސާސީއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކުރަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists