މަރުވި އިޓަލީ ޑައިވަރުން-
ހަބަރު
20 May 2026 | 12:00
މަރުވި އިޓަލީ ޑައިވަރުންގެ ތެރެއިން ބައެއް މީހުންގެ ނަން ދިރާސާ ކުރާ ލިސްޓުގައި ނެތް ކަން ހާމަވެއްޖެ

ވ. އަލިމަތާ ކައިރީ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަން އުޅުމުގެ ތެރޭގައި އިޓަލީގެ ފަސް ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ދެ ތަހުގީގެއް ފަށާފައިވާ އިރު، އެ ދަތުރު އިންތިޒާމުކުރި ފަރާތުން ހުށަހެޅި ދިރާސާ ކުރާ މީހުންގެ ލިސްޓުގައި، މަރުވި މީހުންގެ ތެރެއިން ދެ މީހެއްގެ ނަން ނެތް ކަން ހާމަވެއްޖެ އެވެ.

މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ސަރުކާރުގެ އިތުރުން އިޓަލީގެ ރޯމްގެ ޕްރޮސެކިއުޓަރުން ވެސް ވަނީ "ކަލްޕަބަލް ހޯމިސައިޑް" ނުވަތަ އިހުމާލުން މީހަކު މަރުވުމުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގެއް ފަށާފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް އޭބީސީ ނިޔުސްއަށް ވިދާޅުވީ، ސަރުކާރުގެ ތަހުގީގުގައި މައިގަނޑު ގޮތެއްގައި ބަލާނީ މި ދަތުރު އިންތިޒާމުކުރި ފަރާތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިތޯ އާއި އެކަށީގެންވާ ޕްލޭނެއްގެ ދަށުން ކުރިއަށްދިޔަ ކަމެއްތޯ އެވެ.

އޭނާ ވިދާޅުވީ، އެ ގްރޫޕަށް ދިރާސާ ކުރުމުގެ ހުއްދަ ދީފައި އޮތް ނަމަވެސް، ހުށަހެޅި ޕްރޮޕޯޒަލްގައި ގިނަ ކަންކަން ހާމަކޮށްފައިނުވާ ކަމަށެވެ.

"އެމީހުން ކަނޑުއަޑީގެ ހޮހަޅައެއް ބަލަން އުޅޭކަން ސަރުކާރަށް އަންގާފައެއް ނުވޭ. އަދި އެމީހުން ފީނަން އުޅުނު ސީދާ ސަރަހައްދެއް ވެސް އަޅުގަނޑުމެންނަށް އެނގިފައެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން، މަރުވި މީހުންގެ ތެރެއިން ދެ މީހަކީ ދިރާސާ ޓީމުގެ ލިސްޓުގައި ހިމެނޭ ބައެއް ނޫން ކަމަށާއި، އެމީހުން އެ ދަތުރުގައި ބައިވެރިވިކަން ވެސް އެނގިފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން އެ ހުރިހާ ކަމެއްވެސް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެއީ ކޮންބައެއްކަން ޝަރީފް ހާމަ ނުކުރެއްވި ނަމަވެސް، އިޓަލީގެ ނޫސްތަކުން ބުނެފައިވާގޮތުން، ހުއްދައިގައި ނަން ހިމެނެނީ ހަމައެކަނި މޮންޓެފަލްކޯނޭ، އޮޑެނީނޯ އަދި ގުއަލްޓިއޭރީގެއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، އެ ޑައިވިންގް ގްރޫޕުން ކުރިއަށް ގެންދިޔަ ހަރަކާތަކީ އެ ސަރަހައްދުގެ ފުންމިނާއި، ކަނޑުއަޑީގެ ގޮތްތަކާއި، އޮއިގަދަވުމުގެ ސަބަބުން "ވަރަށް ބޮޑެތި ގޮންޖެހުންތަކެއް" ކުރިމަތިވާނެ ކަމެކެވެ.

"މިސާލަކަށް، އެ ހޮހަޅައަށް ވަނުމަށްފަހު ފެންނަ މިންވަރު ނުވަތަ ވިޒިބިލިޓީ ހުންނަނީ ގާތްގަނޑަކަށް ސުމެއްގައި ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ،" ޝަރީފް ވިދާޅުވިއެވެ.

އިޓަލީގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޖިއޯފިޒިކްސް އެންޑް ވޮލްކަނޮލޮޖީ އާއި ޔުނިވަރސިޓީ އޮފް ޖެނޯއާއިން ވަނީ ނިޔާވި ޑައިވަރުންގެ ތަފްސީލު ހާމަކޮށްފައެވެ. އެއީ މޮންޓެފަލްކޯން އާއި، އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމަކަލް (ޖެނޯއާ ޔުނިވަރސިޓީގެ ބަޔޯމެޑިކަލް އިންޖިނިއަރިންގް ދަރިވަރެއް)، މިއުރިއަލް އޮޑެނީނޯ (ޖެނޯއާ ޔުނިވަރސިޓީގެ ރިސާޗަރެއްާ) އަދި މެރިން ބަޔޮލޮޖިސްޓެއް ކަމަށްވާ ފެޑެރިކޯ ގުއަލްޓިއޭރީ (ޖެނޯއާ ޔުނިވަރސިޓީން މެރިން ބަޔޮލޮޖީ އެންޑް އިކޮލޮޖީގެ ދާއިރާއިން ދާދިފަހުން ދަސްވެނިވިފައިވާ ފަރާތެއް) އެވެ.

މީގެ އިތުރުން، އެ އިދާރާތަކުން ވަނީ މި ހާދިސާގައި ނިޔާވި އަނެއް ފަރާތަކީ ޑައިވިންގް އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެއްޓީ ކަމަށް ބުނެފައެވެ.

ދިވެހި ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް ތިން މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ޝަރީފް ވިދާޅުވި ގޮތުގައި، ފިންލޭންޑްގެ ޑައިވިންގް ޓީމުން ވަނީ ހޮހަޅައިގެ ތިންވަނަ ބައިން ދެ މީހެއްގެ ހަށިގަނޑު ނަގާފައެވެ.

ފެނިފައިވާ ދެ ހަށިގަނޑަކީ ކޮން ބައެއްކަން ކަށަވަރު ކުރެވޭނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް، ގުއަލްޓިއޭރީގެ އާއިލާގެ ވަކީލު އެންޓޮނެއްލޯ ރިޗިއޯ ވަނީ އަންގާރަ ދުވަހު ފެނުނު ހަށިގަނޑުތަކުގެ ތެރޭގައި މޮންޓެފަލްކޯން އާއި ގުއަލްޓިއޭރީގެ ހަށިގަނޑު ހިމެނޭކަން ކަށަވަރުކޮށްދީފައެވެ.

ސަރުކާރުގެ އަނެއް ތަރުޖަމާނު އަހުމަދު ޝާމް ވިދާޅުވި ގޮތުގައި، ހަތަރު މީހެއްގެ ހަށިގަނޑު ފެނިފައިވަނީ ހޮހަޅައިގެ އެންމެ އެތެރޭގައި، ގާތްގަނޑަކަށް 200 ފޫޓު އަޑީގަ އެވެ. ރާއްޖޭގެ ގާނޫނުތައް ބުނާގޮތުން މުނިފޫހިފިލުވުމަށް ފީނޭނެ އެންމެ ފުން މިނަކީ 100 ފޫޓެވެ.

ޝާމް ވިދާޅުވި ގޮތުގައި، ކުރިންވެސް ލަފާކުރެވުނު ފަދައިން، ހަތަރު މީހެއްގެ ހަށިގަނޑު ފެނިފައިވަނީ ހޮހަޅައިގެ ތެރެއިންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ހަށިގަނޑުތައް ފެނުނީ ހޮހަޅައިގެ ވަދެވޭ ހިސާބަކުން ނޫނެވެ. އޭގެ ބަދަލުގައި، ހަށިގަނޑުތައް ފެނިފައިވަނީ ހޮހަޅައިގެ އެންމެ އެތެރޭގައި އޮންނަ، އަދި އެންމެ ޖާގަ ބޮޑު ސަރަހައްދު ކަމަށްވާ ތިންވަނަ ބައިގެ ތެރެއިންނެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި ހަތަރު ހަށިގަނޑުވެސް ފެނިފައިވަނީ ވަރަށް ކައިރި ކައިރިން، ގާތްގަނޑަކަށް އެއް ސަރަހައްދަކުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު މި މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ސިފައިންނާއި ފިންލޭންޑުގެ ޑައިވިން ޓީމަކުން ހަރަކާތްތެރިވެފައިވެ އެވެ. މި ނުރައްކާތެރި އޮޕަރޭޝަންގެ ތެރޭގައި އެމްއެންޑީއެފްގެ ޑައިވަރަކު ވެސް ވަނީ މަރުވެފަ އެވެ.

މިހާތަނަށް ތިން މީހެއްގެ ހަށިގަނޑު ނެރެވިފައިވާ އިރު، ބާކީ ތިބި މީހުންގެ ހަށިގަނޑުތައް ނެރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ