ސީލައިފްގެ މައްސަލައިގައި ބަދަލުދިނުން މަޑުޖައްސާލުމަށް އަންގައިފި

17 Jul 2019 | 20:48

ސީލައިފް ގްލޯބަލްގެ ފްލެޓްތަކަށް ޑައުންޕޭމަންޓް ފައިސާ ދެއްކި ފަރާތްތަކަށް ދައުލަތުގެ ފަރާތުން ބަދަލުދިނުން މަޑުޖައްސާލުމަށް އަންގައިފިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މިގޮތަށް އެޗްޑީސީއަށް އެންގީ، ސީލައިފާއި ގުޅުންހުރި މަައްސަލައެއް އެކޮމިޝަނުން ތަހުގީގުކުރަމުންދާތީއެވެ.

ސީލައިފް ގްލޯބަލްއިން އެޅުމަށް ނިންމި ފްލެޓްތައް ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ސަރުކާރުގެ ހައުސިން ސްކީމަކުން އެޕާޓްމެންޓް ދިނުމަށް ވަނީ ސެޓެލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ވާގޮތުގައި ދައުލަތުން ސީލައިފަށް ދޭން ޖެހޭ 12 މިލިއަން ޑޮލަރުގެ ތެރެއިން އެ ފައިސާ 203 މީހުންނަށް ދޭންޖެހެއެވެ. އެނގިފައިވާ ގޮތުގައި އެ ބާރަ މިލިޔަން ޑޮލަރަކީ މީގެ ކުރިން ސީލައިފްއާއި 2011ވަނަ އަހަރު ހަވާލުކުރެވުނު މަޝްރޫއުއެއްގެ އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ގޮތުގައި ދޭންޖެހޭ އަދަދެކެވެ.

މި އެއްބަސްވުމަށް އާދެވިފައިވަނީ ދައުވާ ކުރާ 203 މީހުންނާއި، ސަރުކާރާއި، އެޗްޑީސީ އާއެކު މަޝްވަރާ ކުރުމަށް ފަހުގައެވެ. މި އެއްބަސްވުމަށް އަމަލުކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން ފްލެޓްތަކުގެ މަޝްރޫއު އަލުން ހިންގުމަށް ސީލައިފަށް ފުރުސަތު ދޭންވެސް ނިންމިކަމަށް އެނގިފައިވެއެވެ. އެ ހުކުމްގައިވާ ގޮތުގައި ސީލައިފް މައްސަލައިގެ ފަރުދީ ޒިންމާ އައްމަޓީ އުފުލާކަށް ނުޖެހޭނެއެވެ

Advertisement

ކޮމެންޓް