ބީއެމްއެލްގެ ބޯޑު ޑިރެކްޓަރުން ވަކިކުރަންޖެހޭ: ޔައުގޫބު

18 Jul 2019 | 20:27

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ތުހުމަތު ކުރެވޭ ބީއެމްއެލްގެ ބޯޑު ޑިރެކްޓަރުން މަގާމުން ވަކިކުރަންޖެހޭ ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވައިލާ މީހުންނަށް ހިމާޔަތް ދިނުމާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ޔައުގޫބް ވިދާޅުވީ މިސަރުކާރަކީ ކޮރަޕްޝަނާއި ވައްކަމަށް ''ޒީރޯ ޓޮލަރެންސް'' އޮތް ސަރުކާރެއްކަން ރައީސް ސޯލިހު ކުންފުނިތަކުގެ ވެރިންނަށް ހަނދުމަފުޅުކޮށްދެއްވީ ބޮޑެތި ވައްކަން ކުރަނީ ކުންފުނިތަކުގެ ތެރެއިން ކަމަށް ވާތީ ކަމަށެވެ.

އެހެންކަމުން އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ހިންގާފައި ވަނީ ބީއެމްއެލްއާއި އެމްއެމްއޭގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާ އެކީގައިކަން މާލިއްޔަތު ކޮމެޓީގައި އެބޭފުޅުން ދެއްކެވި ވާހަކަތަކުން އެނގޭ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

ޔައުގޫބު މިހެން ވިދާޅުވިއިރު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ބީއެމްއެލްގެ އިސްވެރިން ވަނީ އެބޭފުޅުންގެ އެއްވެސް އިހުމާލެއް އެކަމުގައި ނެތް ކަމަށް ކޮމެޓީގައި ވިދާޅުވެފައެވެ. ނަމަވެސް ބީއެމްއެލްގެ އެވާހަކަތައް އޭސީސީން ދޮގު ކުރެއެވެ.

ޔައުގޫބު ވިދާޅުވި ގޮތުގައި ބީއެމްއެލްގެ ބޯޑަށް ވިޔަފާރި ޕާޓްނަރުން ހުށަހަޅަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވެއެވެ. ނަމަވެސް އެއީ ވިސްނަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ ބައެއް މުވައްޒަފުން އެމްއެމްޕީއާރުސީގެ ހިޔަނާތުގައި ބައިވެރިވާ ކަމުގެ ތުހުމަތުގައި ބައެއް ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ ްޮފީހަށް ފޮނުވާފައިވާނެ ކަމަށް އޭސީސީން މާލިއްޔަތު ކޮމެޓީގައި ބުނެފައި ވެއެވެ.

Advertisement

ކޮމެންޓް