ޗެންލް 13 އިން ބްރޯޑްކާސްޓިން ކޮމިޝަނުން ޖަވާބުދާރީ ވުމަށް އަންގައިފި

18 Oct 2018 | 15:37

އިލެކްޝަން ކޮމިޝަނުން ޗެންލް 13 މައްޗަށް އުފުލާފައިވާ ހަތް ދައުވާއަކަށް ޖަވާބުދާރީ ވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް 13 އަށް އަންގައިފި އެވެ.

ހަތް މައްސަލައިގަ ހިމެނެނީ އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފްގެ އަބުރަށް ހުތުރުވާ ފަދަ ކޮންޓެންޓެއް ޗެނަލް 13 އިން ބްރޯޑްކާސްޓް ކުރި ކަމުގެ ހަ މައްސަލައާއި އީސީ މެންބަރުން އަގު ވެއްޓޭފަދަ ވާހަކަތައް ބްރޯޑްކާސްޓް ކޮށްފައިވާތީ ހުށަހަޅާފައިވާ މައްސަލަ އެކެވެ.

އެގޮތުން އީސީގެ ފަސް މެންބަރަކު ފިއްލަވައިގެން އުޅުއްވާ ބޭފުޅުންކަން ދެހަވާ ގޮތަށް ކަންކަން ކުރަމުން ދާތީ އިލެކްޝަން ކޮމިޝަނުން ވަނީ މީގެކުރިން ޗެނަލް 13 އަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފަ އެވެ.

ޗެނަލް 13 އިން ކޮންޓެންޓް ފޮނުވުމުގައި ސަމާލުވުމަށް މީގެކުރިންވެސް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންއިން ވަނީ އިލްތިމާސް ވެސް ކޮށްފި އެވެ.

އެގޮތުން ޗެނަލް 13 އަށް ބްރޯޑްކާސްޓިން ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީގައި ބުނެފައި ވަނީ މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ، އިންތިޚާބުގައި ވާދަކުރެއްވި ދެ ކެނޑިޑޭޓުންނާއި ސަރުކާރުން ގަބޫލުކުރައްވައި ބަޔާން ނެރުއްވާފައިވަނިކޮށް، އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ، ރައްޔިތުންގެ ހިތްތަކުގައި އިންތިޚާބުގެ ޞައްޙަ ކަމާމެދު ސުވާލު އުފެދޭ ގޮތަށް، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” އިން ތަކުރާރުކޮށް ފޮނުވަމުންދާ ކަމުގެ ޝަކުވާތަކެއް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންއިން ވަނީ މީގެ ކުރިންވެސް ރައީސް ޔާމިނުގެ އަބުރުފުޅަށް ހުތުރުވާގޮތަށް ބްރޯޑްކާސްޓް ކޮށްފައިވާތީ ބޮޑެތި އަދަދުތަކުން ރާއްޖޭޓީވީ ޖޫރިމަނާ ކޮށްފައެވެ.

Advertisement

ކޮމެންޓް