ޝަހާބުއްދީން.. ފޮޓޯ: ޑީޓީ
ދުނިޔެ
24 Jul 2026 | 22:15
ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިޢުފާ ދެއްވައިފި

ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން ރައީސްކަމުގެ މަގާމުން މިއަދު އިސްތިއުފާދެއްވައިފިއެވެ.

ރައީސް މުޙައްމަދު ޝަހާބުއްދީން، މިއަދު ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޙާފިޒުއްދީން އަޙްމަށް އިސްތިއުފާގެ ސިޓީފުޅު ފޮނުއްވާފައެވެ. އިސްތިޢުފާގެ ސިޓީގައި ޝަހާބުއްދީން ވިދާޅުވެފައިވަނީ، ސިއްޙީ ގޮތުން ދިމާވެފައިވާ ގިނަގުނަ އުނދަގޫތަކުގެ ސަބަބުން، ދުސްތޫރީ އެންމެ މަތީ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޖިސްމާނީ އަދި ނަފްސާނީ ޤާބިލުކަން މިހާރު އެމަނިކުފާނުގެ ކިބައިގައި ނެތް ކަމަށެވެ.

އެގޮތުން ޝަހާބުއްދީން ވަނީ އެމަނިކްފާނަށް ހިތުގެ ބައްޔާއި، ލޭމަތީވުމާއި، ހަކުރުބަލީގެ އިތުރުން ކިޑްނީގެ މައްސަލަތަކަށް ފަރުވާ ހޯއްދަވަމުންދާކަމަށް ވިދާޅުވެފައެވެ. ޝަހާބުއްދީން މަޖިލީހުގެ ރައީސްއަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވަނީ، އެމަނިކްފާނު ހިތުގެ ބައިޕާސް ސާޖަރީއެއްވެސް ހައްދަވާފައިވާކަމަށެވެ. އަދި އެންމެ ފަހުން ހެދި މެޑިކަލް ޓެސްޓުތަކުން ދައްކާގޮތުން 'އޮޓޯނޮމިކް ނިއުރޯޕަތީ' ކިޔާ ބައްޔެއް ޖެހިފައިވާކަންވެސް ވަނީ ވިދާޅުވެފައެވެ. މި ބަލީގެ ބާވަތުން ބައެއް ފަހަރު ކުޑަވަގުތުކޮޅަކަށް ހޭނެތޭ ގޮތްވެއެވެ.

މި ހުރިހާ ބަލިތަކެއްގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ނުކުޅެދުންތެރިވެ، ދައުލަތުގެ ރައީސް ފަދަ މުހިންމު މަޤާމެއްގެ ވާޖިބުތައް އަދާކުރުމަކީ މިހާރު އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން. އަދި އަޅުގަނޑަށް ދިގު މުއްދަތުގެ ފަރުވާ ބޭނުންވޭ

ޝަހާބުއްދީން

" ވީމާ، މި ހާލަތަށް ރިއާޔަތްކޮށް، ޤާނޫނުއަސާސީގެ 50 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން އިސްތިޢުފާ ދެމެވެ" ޝަހާބުއްދީންގެ ސިޓީ ނިންމަވާލައްވަމުން ވިދާޅުވެފައި ވެއެވެ.

ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން މަގާމުން އިސްތިއުފާ ދެއްވުމާއެކު އިންތިޤާލީ ރައީސަކު އައްޔަންކުރުމުގެ ދުސްތޫރީ މަރުޙަލާ ފެށިފައިވާއިރު، އެ މަސައްކަތް ކުރިއަށްދާކަމަށް ބަންގްލަދޭޝް ސަރުކާރުން ވަނީ ބުނެފައެވެ.

ބަންގްލަދޭޝްގެ ޤާނޫނު އަސާސީގެ 54 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސަކު ނެތް ހާލަތެއްގައި އައު ރައީސަކު އިންތިޚާބު ކުރެވެންދެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރައްވާނީ މަޖިލީހުގެ ރައީސެވެ. އެ މާއްދާގައި ބުނެފައިވަނީ ރައީސްގެ މަޤާމު ހުސްވެއްޖެނަމަ، ނުވަތަ ބަލިވެގެން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ މަޤާމުގެ ވާޖިބުތައް އަދާނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އައު ރައީސަކު އިންތިޚާބު ކުރެވެންދެން އެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރަންވާނީ މަޖިލީހުގެ ރައީސް ކަމަށެވެ.

މީގެ އިތުރުން ޤާނޫނުއަސާސީގެ 123 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، ރައީސް އަވަހާރަވުމުގެ ސަބަބުން ނުވަތަ އިސްތިޢުފާ ދެއްވުމުން ނުވަތަ މަޤާމުން ވަކިކުރުމުގެ ސަބަބުން މަޤާމު ހުސްވެއްޖެނަމަ، 90 ދުވަހުގެ ތެރޭގައި އައު ރައީސަކު އިންތިޚާބު ކުރަންޖެހޭނެ ކަމަށެވެ.

މުޙައްމަދު ޝަހާބުއްދީނަކީ 2011 އިން 2016 އަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ ކޮމިޝަނަރެއްގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ބަންގްލަދޭޝްގެ 22 ވަނަ ރައީސްގެ ގޮތުގައި މަޤާމާ ހަވާލުވެވަޑައިގަތީ ޢަވާމީ ލީގު ސަރުކާރުގައި، 24 އޭޕްރީލް 2023 ގައެވެ. 5 އަހަރުގެ ދައުރެއް ފުރިހަމަކުރައްވަން އޮތް ނަމަވެސް، މިއަދު އެމަނިކްފާނު މަގާމުން އިސްތިއުފާދެއްވިއިރު ދައުރު ހަމަވާން 2 އަހަރު އެބައޮތެވެ.

ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވާފައިމިވަނީ، އެޤައުމުގެ ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ސަރުކާރު އެކުލަވާލުމާއެކު، ރައީސް ބަދަލުކުރުމުގެ ވާހަކަތަކެއް ދެކެވިފައިވަނިކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.