1 ނޮވެމްބަރ އިން ފެށިގެން އެސްޓީއޯގެ ކްރެޑިޓް ސްކީމަށް ބަދަލު ގެންނަނީ

18 Oct 2018 | 13:39

ނޮވެމްބަރ 1 ފެށިގެން ދައުލަތުގެ މުވައްޒަފުންނަށް މަހުން މަހަށް ފައިސާ ދައްކާގޮތަށް އޮންނަ ކްރެޑިޓް ސްކީމަށް ފައިސާ ދެއްކުމާއި ޖޫރިމަނާ ކުރުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެންނަން އެސްޓީއޯ އިން ނިންމައިފިއެވެ. 

އެގޮތުން ގެނެވުނު ބަދަލުތަކަކީ:

- ގެރެންޓީދޭ ފަރާތުން އެސްޓީއޯ އަށް ދައްކަންޖެހޭ ފައިސާއެއްވާނަމަ ނުވަތަ އެހެން ފަރާތަކަށް ގެރެންޓީދެވި އަދި ފައިސާ ނުލިބިވާނަމަ އެފައިސާ ދެއްކުމަށް ރަސްމީ 7 (ހަތެއް) ދުވަސް ދިނުމަށްފަހު ނުދައްކަވާނަމަ ކްރެޑިޓް ސްކީމްގެ ދަށުން މުދާ ހޯދުމަށް ހުށަހަޅާފައިވާ ފޯމް ބާތިލް ކުރެވޭނެއެވެ. ނަމަވެސް ފައިސާ ދައްކައި ހަލާސް ކުރުމުން އަލުން ފޯމް ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ.

- ކްރެޑިޓް ސްކީމަށް ދޫކުރެވޭ މުދަލާއި ގުޅިގެން ތައްޔާރުކުރެވޭ އިންވޮއިސް ކްރެޑިޓް ސްކީމަށް ނަގާ ފަރާތަށް ނުވަތަ ގެރެންޓަރ އަށް އެސްޓީއޯއިން ފޯރުކޮށްދިނުމުން، މި ވަޒީފާ އަދާކުރާ ފަރާތަށް އިންވޮއިސް ހަވާލުކުރަންވާނީ ކްރެޑިޓް ސްކީމަށް މުދާ ނަގާ ފަރާތުންނެވެ.

- ކްރެޑިޓް ސްކީމަށް މުދާނަގާ ފަރާތުން އެސްޓީއޯށް ދައްކަންޖެހޭ ފައިސާ ނުދައްކައި ވަނިކޮށް ވަޒީފާއިން ވަކިވެއްޖެ ނަމަ، ނުވަތަ އަދާކުރަމުންދާ ވަޒީފާ ބަދަލުވެއްޖެ ނަމަ، އެކަން ވީ އެންމެ އަވަސް ފުރުސަތެއްގައި އެސްޓީއޯ އަންގަން ވާނެއެވެ. ކްރެޑިޓް ސްކީމަށް މުދާނަގާ ފަރާތް ވަޒީފާއިން ވަކި ވުމުގެ ސަބަބުން، ވަޒީފާ ބަދަލު ކުރުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާއި ހުރެ އެސްޓީއޯއަށް ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ ތާރީޚަށް ނުދައްކައިފިނަމަ، ފައިސާ ނުދައްކައި އިތުރުވާ ކޮންމެ ދުވަހަކަށް، ކްރެޑިޓް ސްކީމް ބިލަށް ނުވަތަ އިންވޮއިސްއަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ %0.05 (ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ) ޖޫރިމަނާ ކުރެވޭނެއެވެ. އަދި ފައިސާ ދައްކައި ޚަލާސް ކުރެވެންދެން ޖޫރިމަނާ އަރަމުންދާނެއެވެ.

އެެސްޓީއޯގެ މި ސްކީމުގެ ދަށުން ދައުލަތުގެ މުވައްޒަފުންނަށް މަހުން މަހަށް ފައިސާ ދެއްކޭ ގޮތަށް ކްރެޑިޓަށް މުދާ ދޫކުރާނީ ވަޒީފާގައި އުޅޭތާ މަދުވެގެން ހަ މަސް ދުވަސްވެފައިވާ ދާއިމީ މުވައްޒަފުންނަށް އެކަންޏެވެ.

Advertisement

ކޮމެންޓް