ބާޣީ އަބްދުﷲ ލުތުފީ އައިޖީއެމްއެޗަށް ގެނެސް ޑޮކްޓަރަށް ދައްކައިފި

23 Jul 2019 | 19:00

ބާޣީ އަބްދުﷲ ލުތުފީ އައިޖީއެމްއެޗަށް ގެނެސް ޑޮކްޓަރަށް ދައްކައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ ހެނދުނު ލުތުފީ އައިޖީއެމްއެޗްއަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން ލުތުފީގެ ޓެސްޓެއް ވެސް ހެދި ކަމަށެވެ. ޑޮކްޓަރަށް ދެއްކުމަށްފަހު ލުތުފީ ވަނީ މާފުށީ ޖަލަށް ގެންގޮސްފައެވެ.

ލުތުފީ އަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ކުލީ ސިފައިން އަރާ ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރިޔާއެވެ. ބޭސް ފަރުވާއަށް ކަމަށް ބުނެ އެމްޑީޕީގެ ސަރުކާރުގައި ލުތުފީ ފިލުވުމުން، ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހިމާއަތުގައި އުޅެމުންދަނިކޮށް އޭނާ އަލުން އަނބުރާ ރާއްޖެ ގެެނެސްފައިވަނީ މިމަހުގެ ނުވަަ ވަނަ ދުވަހުގައެވެ.

އުމުރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ލުތުފީ މިހާތަނަށް ޖަލުހުކުމް ތަންފީޒު ކޮށްފައި ވަނީ 21 އަހަރެވެ. ހޯމް މިނިސްޓަރު އިމްރާން މަޖިލީހަށް ހާޒިރުވެ ވިދާޅުވެފައި ވަނީ ލުތުފީގެ ހުކުމުގައި ބާކީ އޮންނާނީ ހަތަރު އަހަރާ ދުވަސްކޮޅެއް ކަމަށެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ އޭނާ ފިލައިގެން ދިޔަ މައްސަލަ ވަކިން ބަލާނެ ކަމަށެވެ.

Advertisement

ކޮމެންޓް