މާލޭގައި އާންމުން ދިރިއުޅެމުންދާ ރެސިޑެންޝަލް ބްލޮކްތަކުގައި ވިޔަފާރި އުސޫލުން ގޭގޭގައި މަސްކެއްކުމާއި، ރިހާކުރު ހެދުމާއި، މުގުރި މިރުހާއި ޕައުޑަރު ހަވާދު ހެދުމުގެ މަސައްކަތް ކުރާ މީހުންނަށް ޒޯނެއް ކަނޑައަޅައި، އެ މަސައްކަތް ކުރުމަށް ފުރުސަތު ފަހިކޮށްދިނުމާ މެދު މާލެ ސިޓީ ކައުންސިލުން ދިރާސާ ކުރަން ފަށައިފި އެވެ.
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
މި މައްސަލަ ކައުންސިލްގެ ޖަލްސާއަށް ހުށައަޅަމުން ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު އިސްމާއީލް ހަލީމް ވަނީ، ގަލޮޅުގެ ބައެއް ގޭގޭގައި ޒަމާނުއްސުރެ މަސްކައްކައި ރިހާކުރު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަން ފާހަގަކޮށްފަ އެވެ. އަދި މިހާރު އެ މަސައްކަތް ކުރަނީ ދެވަނަ ޖެނެރޭޝަންގެ މީހުން ކަމަށާ ސަރަހައްދު ތަރައްގީވެ، ބޮޑެތި އިމާރާތްތައް ހެދެމުންދާއިރު އާންމުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމަށް އޭނާ ފާހަގަ ކޮށްފައިވެ އެވެ.
އަދި ހަނި ގޯޅިތަކުގެ ތެރޭގައި ދަރު އަންދައިގެންނާއި ދުން އަރުވައިގެން މިފަދަ މަސައްކަތްތައް ކުރުމަކީ މިއަދުގެ މުޖުތަމައުގައި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެން ކަމުން އާންމުންނަށް އުނދަގޫ ނުވާނެ ގޮތަކަށް އެ ފަރާތްތަކަށް މަސައްކަތް ކުރެވޭނެ މަގުފަހިކޮށްދޭން އެދިފައިވެ އެވެ.
މި މައްސަލައާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި އިންޑަސްޓްރިއަލް ޒޯންތަކެއް ހެދިފައިވާ ކަމަށެވެ. ނަމަވެސް މާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރުކާރުން ނަގާފައިވާ ކަމަށާއި، ވިލިމާލޭގައި އޮތް ތަން ތިލަމާލެ ބުރިޖުގެ މަސައްކަތަށް ބޭނުންކުރާތީ އެތަނުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. މީގެއިތުރުން ތިލަފުއްޓަކީވެސް މިފަދަ މަސައްކަތްތަކަށް ހާއްސަ ތަނެއްކަން މޭޔަރު ފާހަގަކުރެއްވި އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists