އެންމެ ހަފްތާއަކުން ލުތުފީ މުސްކުޅިވެއްޖެ، މިވީ ކިހިނެއް!

24 Jul 2019 | 17:02

ރާއްޖެ ދުށް އެންމެ ބޮޑު ބާޣީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިމަހުގެ 9 ވަނަ ދުވަހުގެރޭ މާލެ ގެނައި އިރު ހުރި ޒުވާންކަން އެންމެ ހަފްތާއަކުން ގެއްލި، ވަަރަށް ބޮޑަށް މުސްކުޅިވެއްޖެއެވެ.

3 ނޮވެންބަރު 1988 ގައި ދިވެހިރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލުމުގެ މޭސްތިރިޔާ އުމުރަށް ޖަލަށްލާފައި ވަނިކޮށް ބޭސްފަރުވާއަށް ކަމަށްބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 16 ޖެނުއަރީ 2010 ގައި އޭނާ ރާއްޖެއިން ބޭރަށް ފޮނުވާލިއެވެ.

އެދުވަހުން ސުރެ ލުތުފީ އުޅުނީ ސްރީލަންކާގައި ފިލައިގެންނެވެ. 8 އަހަރު ވަންދެން ލަންކާގައި ފިލައިގެން އުޅެނިކޮށް އެގައުމުގައި ދިން ބޮން ގޮއްވުމުގެ ހަލަމާއަށްފަހު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ މަސައްކަތް ފުލުހުން ފެށުމާއެކު ލުތުފީ ގަންނާކުރައްވާ ބިރުން ހިމާޔަތް ހޯދަން ގޮސްވަނީ އެގައުމުގައި ހުރި ދިވެހި އެމްބަސީއަށެވެ. އޭގެ ފަހުން ދެ މަސް ވަންދެން އެނާ ދިވެހި އެމްބަސީގައި އޭނާ ފޮރުވައިގެން ގެންގުޅުނެވެ. އެންމެ ފަހުން ލުތުފީ ރާއްޖެ ގެނައިީ އޭނާ ފޮރުވައިގެން އެމްބަސީގައި ގެންގޫޅޭކަން ކުރީގެ ހޯމް މިނިސްޓަރު އުމަަރު ނަސީރު ފަޅާއަރުވާލުމުން ރައްޔިތުންގެ ފަރާތުން ސަރުކާރަށް ކުރިމަތަި ކުރުވި ފިއްތުންތަކަށް ކެތް ނުކުރެވިގެންނެވެ.

ނަމަވެސް ގައުމުން ބޭރުގައި ފިލައިގެން އުޅޭ ކުށްވެރިން ރާއްޖެ ގެނައުމާއި އިންޓަޕޯލު މެދުވެރިކޮށް ހޯދަން އިއުލާންކޮށްފައިވާ ލުތުފީ ރާއްޖެ ގެނައުމާއި ހާސް ތަފާތެވެ. ލުތުފީ ރާއްޖެ ގެނައި އިރު ހުރީ ޓީޝާޓަކާއި ޖީންސެއް ލައިގެން، ބޮލުގައި ތޮތްޕެއް އަޅައި އަދި ލޮލުގައި އަވި އަނެއް އަޅައިގެންނެވެ. ބުރަކަށީގައި ދަބަހެއް އަޅުވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތެރޭގައި ހިނގާލާފައި ދިޔައިރު ލުތުފީ ހުރީ ވަރަށް ހިނި އައިސްފައެވެ. މޫނުމަތިން އެއްވެސް ހާސްކަމެއް ނެތެވެ. އެއާޕޯޓް ތެރެއިން ލުތުފީ ނުކުތުމުން އޭނާ ހުރި ގޮތް ފެނި ރައްޔިތުން ލޭ ހޫނުވެ ކެކި އަރައިގެން ދިޔަ މަންޒަރު ފެނުނެވެ. ދިވެހިން ހީކުރީ ލުތުފީ ފެންނައިރު ހުންނާނީ އަތުގައި ބިޑިއަޅުފާފަ ކަމަށެވެ. އެއީ ކުށްވެރިންނާ މެދު ސަރުކާރުން އަބަދުވެސް އަމަލުކުރާ ގޮތްކަމަށްވީތީއެވެ.

ހީކުރި ގޮތާ މުޅިން ތަފާތެވެ. ވަރަށް ސްމާޓްވެފައި ދެ ފަރާތުގައި ފުލުހުން ތިބެގެން ގޮސް ފުލުހުންގެ ވެހިކަލަށް އަރަން ދިޔައިރު މުޅި ސަރަހައްދުން ގުގުމާލީ ''ބާޣީ ޖަލަށް ގެންދޭ'' ގޮވާ އަޑެވެ. އެވަގުތު މޫނުމަތީގައި ހުރި އޮފްދާރުކަން ގެއްލެން ފެށިއެވެ.

ލުތުފީ ރާއްޖެ ގެނައި ނަމަވެސް އެއީ ލުތުފީ ކަމާ މެދު ގިނަބައެއްގެ ހިތުގައި ޝައްކު އުފެދުނެވެ. ހާއްސަކޮށް އިދިކޮޅު ޕީޕީއެމްއިން އެކަން ފާހަގަކުރަން ފެށިއެވެ. މީގެ 30 އަހަރު ކުރިން ހިންގި އުދުވާނުގައި ލުތުފީ ހުރި ގޮތާއި އެރޭ ލުތުފީ ފެނުން އިރު ހުރި ގޮތް ވަރަށްވެސް ތަފާތެވެ. އަނެއްކޮޅުން ލުތުފީ މާފުށީ ޖަލުގައި ހުއްޓައި އިއްޔެ ޑޮކްޓަރަށް ދައްކަން ގެނައިއިރު ހުރި ގޮތްވެސް އެހާމެ ތަފާތެވެ. ކުއްލި އަކަށް އެންމެ ހަފްތާއަކުން ލުތުފީ މުސްކުޅިވެ އޭނާގެ އަސްލު ސޫރަ ފެނުނީއެވެ.

ޑޮކްޓަރަށް ގެންދިޔައިރު ހުރީ އަތުގައި ބިޑިވެސް އަޅުވާފައެވެ. ގައިދީންގެ ހެދުންވެސް ލައްވާފައެވެ. ކުރިން މޫނުމަތިން ފެނުނު އުފާވެރިކަމުގެ ބަދަލުގައި ފެނިގެން ދިޔައީ މާޔޫސްކަމެވެ. އެއީ ހަމަ އެރޭ ރާއްޖެ ގެނައި ލުތުފީ ހެއްޔެވެ. ގެނައި އިރު ޒުވާންކޮށް ފެނި ބަހުސް ކުރެވުނު ފަދައިން އެންމެ ހަފްތާއަކުން އެހާ ބޮޑަށް މުސްކުޅިވި ގޮތާމެދު އަނެއްކާވެސް މިވަނީ ބަހުސް ކުރެވެން ފަށާފައެވެ.

Advertisement

ކޮމެންޓް