ޔޫކްރޭނަށް އިނގިރޭސިވިލާތުން ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވުމުގެ ގޮތުން، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާނަމް، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ޔޫކްރޭނުގެ ވެރިރަށް ކީވްއަށް މިއަދު ވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅު ކުރައްވަނީ ޔޫކްރޭނުގެ 35 ވަނަ މިނިވަން ދުވަހާ ދިމާކޮށެވެ. ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
ކީވްގައި ހުންނަވާ މުއްދަތުގައި، ޔޫކްރޭނުގެ ރައީސް ވޮލޯޑިމީރް ޒެލެންސްކީއާ ބައްދަލުކުރެއްވުމުގެ އިތުރުން، މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބޮޑުވަޒީރު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ޔޫކްރޭނުގެ ދިފާއީ ކަންކަމަށް އިތުރަށް އެހީތެރިވެދެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވުމަށް 'ކޯލިޝަން އޮފް ދަ ވިލިންގް' ގެ ބައްދަލުވުމެއްގެ ރިޔާސަތުވެސް ބަލަހައްޓަވާނެއެވެ.
މީގެއިތުރުން، ފަރަންސޭސީވިލާތުގައި އުފައްދާ ދުރު ރާސްތާގެ ސްކާލްޕް މިސައިލްތަކުގައި ބޭނުންކުރާ އިނގިރޭސިވިލާތުގެ އުފެއްދުންތަކާ ބެހޭ ސިއްރު މައުލޫމާތުތައް ހިއްސާކުރުމުގެ ހުއްދަ ދިފާއީ ކުންފުނި އެމް.ބީ.ޑީ.އޭ އަށް ދިނުމަށް އިނގިރޭސި ސަރުކާރުން އެއްބަސްވެފައިވާކަން ބޮޑުވަޒީރު އިއުލާނުކުރައްވާނެ ކަމަށް ބެލެވެއެވެ. މިއީ ޔޫކްރޭނުގައި މިފަދަ މިސައިލްތައް އުފެއްދުމުގެ މަސައްކަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތީއްސުރެ އިނގިރޭސިވިލާތުން އަންނަނީ އަސްކަރީ، އިގްތިސާދީ އަދި ހާރިޖީ ގޮތުން ބޮޑެތި އެހީތަކެއް ޔޫކްރޭނަށް ފޯރުކޮށްދެމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists