ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތައް މިރޭގެ ނިޔަލަށް ނެގުމަށް ސިޓީ ކައުންސިލުން އަންގައިފިއެވެ.
އެ ކައުންސިލުން އިއްޔެ ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި ސްޓޭޖުގެ މަތީގައި ދަގަނޑުން ރާވާފައިވާ ބައިތައް ވީރާނާވެ އެ ތަކެތީގެ ބައިތައް ތިރިއަށް ފައިބަމުންދާތީ އެ ހިސާބުން ދާހާ ބައެއްގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދަގަނޑު ބައިތައް ރޫޅައި ތަން ސާފުކުރުމުގެ މަސައްކަތް އިއްޔެއިން ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
އެހެންކަމުން، މިހާރު އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް އެތަކެތީގެ ވެރިފަރާތްތަކުންނާއި ވެހިކަލްތައް ދުއްވާ އަދި ބަލަހައްޓަވާ ފަރާތްތަކުން ސްޓޭޖް ރޫޅާލުމުގެ މަސައްކަތް ނިމެންދެން ނަގައި، 25 އޮގަސްޓްގެ 23:30 ގެ ކުރިން ތަން ހުސްކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ވެހިކަލްތައް ނެގުމުގެ އިތުރުން ރޫޅައިލުމުގެ މަސައްކަތް ނިމެންދެން އެ ސަރަހައްދަށް ފައިމަގުގައި ވެސް އަދި ދުއްވާ އެއްޗެހީގައި ވެސް ނުވަނުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ސްޓޭޖް ރޫޅައިލުމުގެ މަސައްކަތް ނިމެންދެން އެ ސަރަހައްދު ބަންދުވެފައި އޮންނާނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists