ބޭރު ފައިސާއިން އާމްދަނީ ހޯދާ ވިޔަފާރިތަކުގެ އާމްދަނީގެ ބައެއް ބޭންކުތައް މެދުވެރިކޮށް މާރުކުރުން ލާޒިމުކުރެއްވުމުގެ ހިތްވަރު ހުރި ހަމައެކަނި ވެރިއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީން ގެނެސްދޭ "ކޮންގްރެސް ފޯރި" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ވިދާޅުވީ ކުރީގެ ވެރިންވެސް މި ސިޔާސަތުގެ ވާހަކަ ދައްކަވާފައިވީ ނަމަވެސް ރައްޔިތުންގެ ލާބައަށް އެ ނިންމެވުން ޢަމަލީ ގޮތުން ތަންފީޒުކުރައްވާ ފުރަތަމަ ލީޑަރަކީ ރައީސް މުޢިއްޒު ކަމަށެވެ.
ރާއްޖޭގައި ވެރިކަން ކުރައްވާފައި ތިބި ހުރިހާ ބޭފުޅުންވެސް، އަދި ސިޔާސީ މަސައްކަތުގެ މައިދާނުގައި މަސައްކަތްކުރެއްވި ބޭފުޅުންވެސް… މަޖިލީހުގައި އަޅުގަނޑު 10 އަހަރު މަސައްކަތްކުރިއިރު، އެކި ކޮމިޓީ ތަކުގައި އެކި ފެންވަރުގައި ދެކެވިފައި ހުރީ މި ވާހަކަ (ޑޮލަރު މާރުކުރާ ވާހަކަ) އެހެން ނަމަވެސް އެއަށް އަމަލީ ގޮތުން، މައިދާނެއްގައިވެސް، ބުނެލަންވެސް ނުކެރި، ފަހަތަށް ޖެހެމުން ޖެހެމުން (ދިޔައީ) ކީއްވެ ކަމެއް ނޭނގެ. ނަމަވެސް ރައީސް މިގޮތަށް މިކަން ނިންމެވި ނިންމުމަކީ ދިވެހި ރައްޔިތުންގެ މަސްލަހަތު ނެގެހެއްޓެވުމަށް ނިންމެވި ނިންމެވުމަށް.
ނާއިބު ރައީސް
ނާއިބު ރައީސް ވިދާޅުވީ، ޑޮލަރު މާރުކުރާ ގޮތަށް ހެދުމަކީ ރައްޔިތުންނަށް ފައިދާވާނެ ކަމެއް ކަމަށާ، އެ ސިޔާސަތަކީ އިޤުތިޞާދުގައި ޑޮލަރު ދައުރުނުވާ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދެވުމަށް ދުރު ރާސްތާ ވިސްނުންފުޅާއެކު ފަރުމާކުރެއްވި ސިޔާސަތެއް ކަމަށެވެ.
"ޑޮލަރު ނުލިބި ގައުމުގެ އިގުތިސާދުގައި ޑޮލަރު ދައުރުނުވާ ނުވުމަށް ނިމުމެއް ގެނައުމަށްޓަކައި ހަރުދަނާ ދުރުވިސްނޭ ސިޔާސަތެއް އެ ނިންމެވީ. އެހެންވީމާ އެ ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ މަންފާތައް ކިތަންމެހާ ވެސް ބައިވަރު. އެހެންނަމަވެސް މީގެ ތެރޭގައި އުޅެދާނެ ހިތްހަމަނުޖެހޭ ބަޔަކު އެއީ އެ ބަޔަކަށް ލިބޭ މަންފާތައް ކޮންމެވެސް ވަރަކަށް އުނިތަކެއް އައިސްދާނެތީ"
ނައިބު ރައީސް
ބޭރު ފައިސާގެ މައްސަލަ މިހާރު މި އޮތް ހާލަތަށް ވެއްޓުމުގެ މައިގަނޑު ސަބަބެއް ކަމުގައި ނައިބުރައީސް ފާހަގަކުރެއްވީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ސަސްޕެންޑުކޮށް ގިނަ ޢަދަދެއްގެ ދިވެހި ފައިސާ ޗާޕުކުރުމެވެ. ފައިސާ ޗާޕުކުރުމުން ޑޮލަރުގެ އަގަށް އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން އެ ދުވަސްވަރު އިދިކޮޅު ފަރާތްތަކުން ދެއްވި މަޝްވަރާތަކަށް ބެލުމެއް ނެތި އެކަން ކުރިއަށް ގެންދިޔައީ ކަމަށް ވިދާޅުވިއެވެ.
ހަމައެހެންމެ އެމްޑީޕީގެ ކުރީގެ ވެރިކަމުގައިވެސް މި ސިޔާސަތު ތަންފީޒުކުރުމަށް ތައްޔާރަށް ތިބި ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ ފަހަތަށް ޖެހިވަޑައިގެންނެވީ ކަމަށް ނައިބުރައީސް ވިދާޅުވިއެވެ.
"އެހެންނަމަވެސް އެ ބޭފުޅުން ފަހަތު ފަޔަށް ބުރަވީ. ކީއްވެގެންތޯ އެހެންވާންވީ ރައްޔިތުންނަށްޓަކައި ހިދުމަތް ކުރާނެ ވެރިއަކު ރައްޔިތުން މި އިހުތިޔާރު ކުރަނީ. އެއީ ރައީސްގެ ތަފާތަކީ. ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށްޓަކައި ފަހަތަށްޖެހިވަޑައިނުގަންނަވާނެ ކުރިއަށް ވަޑައިގަންނަވާނީ"
ނައިބު ރައީސް
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން 40 އިންސައްތަ ދިވެހި ބޭންކުތައް މެދުވެރިކޮށް މާރުކުރުން ލާޒިމުކުރާ ގޮތަށް ބޭރު ފައިސާގެ ޤާނޫނަށް ސަރުކާރުން ވަނީ އިސްލާހް ގެނެސްފައެވެ. އެކަމާ ގުޅިގެން އިދިކޮޅުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists