ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) އާއި ވިޔަފާރީގެ ޓެކުހުން ލިބުނު ފައިސާ އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން 20 އޮގަސްޓްގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.61 ބިލިއަން ރުފިޔާ ލިބި ކުރީ އަހަރާ އަޅައިބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފިއެވެ.
2025 ވަނަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ވަދެފައި ވަނީ 25.00 ބިލިއަން ރުފިޔާއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ ފާއިތުވެދިޔަ ހަފުތާގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން މި ކުރިއެރުމަށް އެންމެ ބޮޑު ބާރެއް އެޅީ ޓީޖީއެސްޓީން ލިބުނު ފައިސާ ވަދެފައިވާ މިންވަރެވެ. އެ ޓެކުހުން 7.39 ބިލިއަން ރުފިޔާ ލިބިފައިވާއިރު ކުރީ އަހަރު ލިބުނީ 6.88 ބިލިއަން ރުފިޔާއެވެ. އެއީ 512.1 މިލިއަން ރުފިޔާ ނުވަތަ 7.4 އިންސައްތައިގެ އިތުރުވުމެކެވ
ވިޔަފާރިއާއި މުދަލުން ނެގޭ ޓެކުހުގެ ދާއިރާއިން ވެސް ބޮޑު ކުރިއެރުމެއް ފެނިފައިވެއެވެ. މި ބައިން 5.55 ބިލިއަން ރުފިޔާ ލިބިފައިވާއިރު ކުރީ އަހަރު ލިބުނީ 4.60 ބިލިއަން ރުފިޔާއެވެ. މިއީ 944.3 މިލިއަން ރުފިޔާ ނުވަތަ 20.5 އިންސައްތައިގެ ކުރިއެރުމެކެވެ. ކޯޕަރޭޓް އިންކަމް ޓެކުހުން 2.86 ބިލިއަން ރުފިޔާ ލިބި 7.1 އިންސައްތަ މައްޗަށް ޖެހިފައިވާއިރު ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކުހުން 924.5 މިލިއަން ރުފިޔާ ލިބި 10.2 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެއެވެ. ހަމައެއާއެކު ވިޔަފާރިއާއި މުދަލުގެ އެހެނިހެން ޓެކުހުން ލިބުނު ފައިސާ 87.9 އިންސައްތަ މައްޗަށް ގޮސް 1.39 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
ޖުމްލަ ޓެކްސް އާމްދަނީ 21.48 ބިލިއަން ރުފިޔާގައި ހުރިއިރު މިއީ ކުރީ އަހަރާ ބަލާއިރު 12.1 އިންސައްތައިގެ ކުރިއެރުމެކެވެ. އެކި ދާއިރާތަކަށް ބަލާއިރު އިމްޕޯޓް ޑިއުޓީ 16.6 އިންސައްތަ އިތުރުވެ 2.19 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ޢާންމު ޖީއެސްޓީން 3.53 ބިލިއަން ރުފިޔާ ވަދެ 10.8 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާއިރު ގްރީން ޓެކުހުން 1.40 ބިލިއަން ރުފިޔާ ލިބި 6.2 އިންސައްތަ މައްޗަށް ޖެހިފައިވެއެވެ. އެއާޕޯޓް ޚިދުމަތުގެ ޗާޖާއި ޑިޕާޗާ ޓެކުހުން 1.24 ބިލިއަން ރުފިޔާ ލިބި 13.4 އިންސައްތަ އިތުރުވެފައިވާއިރު އެއާޕޯޓް ޑިވެލޮޕްމަންޓް ފީން 1.27 ބިލިއަން ރުފިޔާ ވަދެ 15.2 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެއެވެ. މީގެ އިތުރުން މުދަލުން ލިބުނު އާމްދަނީ 31.9 އިންސައްތަ ކުރިއަރައި 1.68 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު ހިލޭ އެހީ 105.7 އިންސައްތައިގެ ބޮޑު ކުރިއެރުމަކާ އެކު 455.7 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވެއެވެ.
ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު ރިކަރަންޓް ޚަރަދާއި ކެޕިޓަލް ޚަރަދު ހިމެނޭ ގޮތުން ޖުމްލަ 28.74 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ކުރީ އަހަރު އެ މުއްދަތުގައި ޚަރަދުވީ 24.09 ބިލިއަން ރުފިޔާ ކަމުން މިއީ 19.3 އިންސައްތައިގެ އިތުރުވުމެކެވެ. ރިކަރަންޓް ޚަރަދު 25.00 ބިލިއަން ރުފިޔާއަށް އެރި އިރު އެއީ 20.8 އިންސައްތައިގެ ކުރިއެރުމެކެވެ. ރިކަރަންޓް ޚަރަދުގެ ތެރެއިން ކައުންސިލް ގްރާންޓަށް 1.66 ބިލިއަން ރުފިޔާ ހޭދަކޮށް 15.8 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެއެވެ. މުސާރައާއި އިނާޔަތްތަކަށް 9.39 ބިލިއަން ރުފިޔާ ޚަރަދުވެ 11.1 އިންސައްތަ މައްޗަށް ގޮސްފައިވާއިރު އިދާރީ އަދި ހިންގުމުގެ ޚަރަދު 27.0 އިންސައްތަ ކުރިއަރައި 15.54 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ސަބްސިޑީތަކަށް ކުރި ހޭދަ 76.3 އިންސައްތަ ބޮޑުވެ 3.54 ބިލިއަން ރުފިޔާއަށް އެރިއިރު އާސަންދައަށް 1.43 ބިލިއަން ރުފިޔާ ހޭދަވެ 13.5 އިންސައްތައިގެ އިތުރުވުމެއް ލިބިފައިވެއެވެ.
ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.75 ބިލިއަން ރުފިޔާ ޚަރަދުކޮށް 10.2 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެއެވެ. އިންފްރާސްޓްރަކްޗާ ވަސީލަތްތަކަށް 3.26 ބިލިއަން ރުފިޔާ ހޭދަކޮށް 9.1 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވެއެވެ. ބިމާއި އިމާރާތްތަކަށް 1.20 ބިލިއަން ރުފިޔާ ޚަރަދުކޮށް 47.1 އިންސައްތަ ކުރިއެރިއިރު ފާލަންތަކާއި ބަނދަރު ހެދުމަށް ކުރި ޚަރަދު 63.9 އިންސައްތަ ބޮޑުވެ 284.5 މިލިއަން ރުފިޔާއަށް އެރިއެވެ. ނަމަވެސް މަގުތަކާއި ބްރިޖް އަދި އެއާޕޯޓްތަކަށް ކުރި ހޭދަ 32.1 އިންސައްތަ ދަށަށް ގޮސް 961.3 މިލިއަން ރުފިޔާއަށް ވަނީ މަދުވެފައެވެ.
މައިގަނޑު ޓެކްސްތަކުން ލިބޭ އާމްދަނީ ކުރިއެރި ނަމަވެސް ކައުންސިލް ގްރާންޓާއި ސަބްސިޑީ އަދި އިންފްރާސްޓްރަކްޗާ މަޝްރޫޢުތަކަށް ކުރާ ހޭދަ ބޮޑުވެ ޖުމްލަ ޚަރަދު ވެސް އާމްދަނީއަށް ވުރެ މައްޗަށް ގޮސްފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists