ދިވެހިރާއްޖޭގެ އިޤްތިޞާދަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭރުފައިސާ ނުވަތަ ޑޮލަރު ލިބުމުގައި ދިމާވެފައިވާ ދަތިކަމެވެ. ރާއްޖެއަކީ އިމްޕޯޓަށް މުޅިންހެން ބަރޯސާވެފައިވާ ޤައުމަކަށް ވުމާއެކު، ބޭރުފައިސާގެ ދަތިކަމަކީ ޤައުމުގެ އެންމެހައި ދާއިރާތަކަށް އޭގެ ނޭދެވޭ އަސަރު ފޯރަމުންދާ ކަމެކެވެ. އެހެންކަމުން، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ބޭރުފައިސާއާ ބެހޭ ހަރުދަނާ އުސޫލުތަކާއި ޤަވާއިދުތަކެއް އެކުލަވާލައި ތަންފީޒުކުރުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
މީގެކުރިން، ދެހާހުގެ އަހަރުތަކުގެ ކުރީކޮޅަށް ބަލާއިރު ބޭންކުތަކުން ބޭނުންވަރަކަށް ޑޮލަރު ގަންނަން ލިބުނެވެ. އެ ދުވަސްވަރު ޑޮލަރު ބޭނުންވަނީ މައިގަނޑު ގޮތެއްގައި ރާއްޖެއިން ބޭރަށް އެކި ކަންކަމުގައި ކުރާ ދަތުރުތަކަށް އެކަންޏެވެ. ނަމަވެސް، މިއަދު ރާއްޖޭގެ އިޤްތިޞާދު ވަނީ ވަރަށް ބޮޑަށް ފުޅާވެ، ތަރައްޤީވެފައެވެ. ވިޔަފާރިތަކުގެ އިތުރުން އާންމު ރައްޔިތުންވެސް ޑޮލަރަށް ބޭނުންވާ މިންވަރު މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ކުރިން ދިވެހިން އެއްޗެހި ގަންނަން މަޖީދީމަގުގެ ފިހާރަތަކަށް ދިޔަ ނަމަވެސް، މިއަދު އީ-ކޮމާސްގެ ޚިދުމަތްތައް ފުޅާވެ، އޮންލައިންކޮށް ބޭރު ޤައުމުތަކުން މުދަލާއި ޚިދުމަތް ހޯދައި، ބޭރަށް ފައިސާ ދައްކަންޖެހޭ މިންވަރު ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.
އާންމު ރައްޔިތުންގެ ޒަރޫރީ އަދި ޒަމާނީ ބޭނުންތަކުގެ އިތުރުން، ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ބޮޑެތި އަދަދުތަކުން ޑޮލަރު ބޭނުންވެއެވެ. ރައްޔިތުން ބޭނުންކުރާ ކާޑުގެ ބާވަތްތަކާއި، ބޭސްފަރުވާއަށް ބޭނުންވާ ތަކެއްޗާއި، ތެލާއި އެނޫންވެސް އެތައް ޒަރޫރީ މުދަލެއް އެތެރެކުރެވެނީ ބޭރު ޤައުމުތަކަށް ޑޮލަރުން ފައިސާ ދައްކައިގެންނެވެ. އަދި ނުވިތާކަށް ރާއްޖެއިން ބޭރުން ނަގާފައިވާ ދަރަނިތައްވެސް އަދާކުރަންޖެހެނީ ބޭރުފައިސާއިންނެވެ. އެހެންކަމުން، ޤައުމުގެ އަސާސީ ޚިދުމަތްތަކުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ދައުލަތުގެ ބޭންކިންގ ނިޒާމުގައި ބޭރުފައިސާ ހުރުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ.
ދައުލަތުގެ ބައިތުލްމާލަށް ބޭރުފައިސާ ލިބޭ މައިގަނޑު ވަސީލަތަކީ ޓޫރިޒަމް ދާއިރާއިން ނަގާ ޓެކުހާއި އެކި ކަހަލަ ފީތަކެވެ. މިފަހުން ބޭރުފައިސާ ލިބުން ދަތިވުން ހައްލުކުރުމުގެ ގޮތުން ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތްތަކަށް ކޮންމެވެސް ވަރެއްގެ ބަދަލު ތަކެއް ވަނީ ގެނެސްފައެވެ. ނަމަވެސް މި ބަދަލުތަކާއެކު ފާހަގަވެގެން ދިޔަކަމަކީ މިކަމުގައި ހަރުދަނާގޮތެއްގައި އަދިބެސް ބަދަލުތަކެއް ގެންނަންޖެހޭ ކަމެވެ.
ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް މަންޒިލަކަށް ވިޔަސް، ހިތާމައަކީ ރިސޯޓްތަކުން ލިބޭ އާމްދަނީގެ ބޮޑުބައެއް ރާއްޖޭގެ ބޭންކިންގ ނިޒާމަށް ނުވަދެ، ބޭރުގެ އެކައުންޓްތަކުގައި ދައުރުވަމުން ދިއުމެވެ. މިސާލަކަށް، ރާއްޖެއަށް އަންނަ ބޭރުގެ މުއްސަނދި މަހުޖަނަކު ޗުއްޓީ ހޭދަކުރުމަށް ދައްކާ ބޮޑު ބުކިންގ ފީގެ ބޮޑު އިންސައްތައެއް ދަނީ ރާއްޖެއިން ބޭރުގައި ހުންނަ ބޭންކް އެކައުންޓަކަށެވެ. ރިސޯޓްތަކަސް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ހުންނަނީ ރާއްޖެއިން ބޭރުގެ އެކި އެކައުންޓްތަކުގައެވެ. ރިސޯތްތަކުގެ އާމްދަނީގެ ގޮތުގައި ލިބޭ އަދަދުން ރާއްޖޭގެ ބޭންކުތަކުގައި ހުންނަނީ ވަރަށް މަދު މިންވަރެއްކަން ކަމާބެހޭ އިދާރާތަކުން ހއިްސާކުރާ ތަފާސްހިސާބުތަކުން އެނގެއެވެ. ޑޮލަރުން ދައުލަތުގެ ބައިތުލްމާލަށް ލިބެނީ އެއާޕޯޓު ޑިޕާޗާ ފީއާއި، ގްރީން ޓެކުހާއި، ޓީޖީއެސްޓީ ފަދަ ސަރުކާރަށް ދައްކަންޖެހޭ މަދު މިންވަރެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި އުފެދޭ ޑޮލަރުގެ ޑިމާންޑާ އެއްވަރަށް ބޭންކުތަކުގައި ޑޮލަރު ދައުރުވާން ނުހުންނަ މައްސަލަ ވަނީ ބޮޑުވެފައެވެ.
ދައުލަތް ހިންގުމަށް ބޭނުންވާ ބޭރުފައިސާގެ މައްސަލަ ހައްލުކުރުމަށް މީގެ ކުރިން އެކި ސިފަސިފައިގައި މަސައްކަތް ކުރިއެވެ. ނަމަވެސް ވަކި ބައެއްގެ ނުފޫޒާހެދި އެކަންކަން ދިޔައީ ނުވެއެވެ. އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ސަރުކާރުން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީނަމުގައި ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ހޯދައިދިނުމަށް ކުންފުންޏެއް ހެދިއެވެ. ނަމަވެސް އެންމެ ފުރަތަމަ ހިއްސާ ވިއްކުމުގެ މަރުހަލާގައިވެސް ވަކި ބައެއް ހިއްސާތައްގަނެ އަދި އަދާހަމަޔަށްވެސް ޓޫރިޒަމުން ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ އުފާފާގަތިތަން އޮތީ ނުލިބިއެވެ.
ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި އެތެރެކުރާ އެސްޓީއޯއަށް ބޭރުފައިސާ ލިބުން ދަތިވާތީ އެކުންފުނިން ހުޅުމާލޭގައި ސިޓީ ހޮޓަލެއް ހަދައި ހޮޓަލެއް ހިންގަން އުޅުނެވެ. ނަމަވެސް އެ މަޝްރޫޢުގެ މަސައްކަތްވެސް ކޮޅެއްގައި ނުޖެހި ދިޔައީއެވެ.
ސަރުކާރުގެ އެކި ކުންފުންޏަށް ޑޮލަރު ހޯދަން ދަތިވެ އެންމެފަހުން އެކުންފުނިތަކަށް ބޭނުންވާ ބޭރުފައިސާ ހޯދަމުން ދިޔައީ ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ހޯދައިގެންކަން ކަމާބެހޭ ފަރާތްތަކުގެ ވާހަކަތަކުން އެބަ އެނގެއެވެ. މި ހުރިހާ ސަބަބުތަކަށްޓަކައި، ބޭރުފައިސާއާ ބެހޭ ޤާނޫނުތަކާއި ގަވާއިދުތައް އިސްލާހުކޮށް، ހަރުދަނާ އުސޫލުތަކެއް ޤާއިމުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ބޭރުފައިސާގެ އުސޫލުތައް ހަރުދަނާކުރުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަމުންނާއި އެހެނިހެން ދާއިރާތަކުން ރާއްޖެއަށް ވަންނަންޖެހޭ ބޭރުފައިސާ ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ވައްދައި، އިޤްތިޞާދުގައި ޑޮލަރު ދައުރުވާ މިންވަރު އިތުރުކުރުމެވެ. މިފަދަ ހަރުދަނާ އުސޫލުތަކެއް ތަންފީޒުކުރެވިގެން މެނުވީ ޑޮލަރުގެ ކަޅުބާޒާރު ނައްތާލައި، އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ މަގު ތަނަވަހެއް ނުކުރެވޭނެއެވެ. ވީމާ، ޤައުމުގެ މާލީ ހަމަޖެހުމާއި އިޤްތިޞާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި ބޭރުފައިސާގެ ހަރުދަނާ އުސޫލުތަކަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެއީ މިއަދު ކޮންމެހެންވެސް ގެންނަން ޖެހިފައިވާ ބަދަލެއްކަމަށް ގަބޫލުކުރަންޖެހެނީ ކުރިން ދެންނެވި ސަބަބުތައް ހުރީތީއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists