ނުރައްކާތެރިކޮށް އަދި ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވައިގެން މީހަކަށް އަނިޔާއެއް ވެއްޖެނަމަ، 100,000 (އެއްލައްކަ) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭ ގޮތަށް އެކުލަވާލާފައިވާ އެއްގަމު ދަތުރުފަތުރުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެ ތަސްދީގު ކުރައްވައިފިއެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި، އުޅަނދުގައި ދަތުރުކުރާ މީހުންނާއި އަދި އެއްގަމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ އެހެނިހެން ފަރާތްތަކުގެ ވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. އަދި އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހައި ކަންކަން ޒަމާނާ އެކަށޭނަ ގޮތެއްގެ މަތީން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ރާވައި، ހިންގައި ބެލެހެއްޓުމެވެ.
މި ޤާނޫނުގެ ދަށުން ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެފަދަ އަމަލެއް ކޮށްފިނަމަ، އެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި 25,000 (ފަންސަވީސްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި މިފަދަ އަމަލެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ، 100,000 (އެއްލައްކަ) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވައިގެން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ ނުވަތަ މީހަކު މަރުވެއްޖެނަމަ، އެ ކުށްކުރި މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ޖިނާއީ ދަޢުވާ އުފުލުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.
މި ކުށްތައް ކުރާ ފަރާތްތަކާ މެދު އިތުރު ފިޔަވަޅުތަކެއް އެޅުމަށްވެސް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ކުށްކުރި މީހާއަށް ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ބާތިލުކުރެވޭނެއެވެ. އަދި އެ މުއްދަތުގައި އެފަދަ ފަރާތަކަށް ލައިސަންސް އޮތުމުގެ ހައްގު ގެއްލިގެންދާނެއެވެ. ކުށްކުރި ފަރާތަކީ ލައިސަންސް ނެތް މީހެއްނަމަ، އެ މުއްދަތަށް އޭނާއަށް ލައިސަންސެއް ހޯދުމަށް އެދި ހުށަހެޅުމުގެ ހައްގު ގެއްލޭނެއެވެ.
ލައިސަންސް ބާތިލުކުރެވޭ ފަރާތްތަކަށް އަލުން ލައިސަންސް ދޫކުރެވޭނީ، ލައިސަންސް ހޯދުމުގެ ހައްގު އަލުން ލިބުމަށްފަހު، ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވުމުގެ އިތުރުން، ޤާނޫނުގައި ބަޔާންކޮށްފައިވާ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް ފާސްވުމުންނެވެ.
އެއްގަމު ދަތުރުފަތުރުގެ މި އައު ޤާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، މި ބިލު ތަސްދީގުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާތާ 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު، މީގެކުރިން އަމަލުކުރަމުން އައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (ޤާނޫނު ނަންބަރު 2009/5) އާއި މަގުމަތީގައި ހިނގާއުޅުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 78/70) އުވިގެންދާނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists