އެއްގަމު އުޅަނދު ދުއްވަމުންދާއިރު އުޅަނދުގެ ކޮންޓްރޯލް ކުޑަކުއްޖަކާ ނުވަތަ ލައިސަންސް ނެތް މީހަކާ ހަވާލުކޮށްފި ނަމަ ބޮޑެތި އަދަބުތަކެއް ލިބޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެ ތަސްދީޤު ކުރައްވައިފިއެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި، އުޅަނދުގައި ދަތުރުކުރާ މީހުންނާއި އަދި މަގުމަތި ބޭނުންކުރާ އެހެނިހެން އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. އަދި އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހައި ކަންކަން ޒަމާނާ އެކަށޭނަ ގޮތެއްގެ މަތީން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ރާވައި، ހިންގައި ބެލެހެއްޓުމެވެ.
ތަސްދީޤުކުރެވުނު އައު ޤާނޫނުގެ 103 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، އެއްގަމު އުޅަނދެއް ދުއްވަމުންދާއިރު އުޅަނދުގެ ކޮންޓްރޯލް ކުޑަކުއްޖަކާ ނުވަތަ ލައިސަންސް ނެތް މީހަކާ ޙަވާލުކުރުމާއި، އުޅަނދުގެ ހުންގާނު ފަސިންޖަރުންގެ ސީޓުގައި އިންނަ މީހަކާ ޙަވާލުކުރުމަކީ ކުށެކެވެ.
މިފަދަ ކުށެއް ކޮށްފިނަމަ، އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި މި ޢަމަލުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ 50,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
ނަމަވެސް، އުޅަނދުގެ ކޮންޓްރޯލް ޙަވާލުކުރީ ކުޑަކުއްޖަކާ ކަމުގައިވާނަމަ، އެ ކުށްކުރި ފަރާތަކަށް ކަނޑައަޅަންވާނީ ޤާނޫނުގައި ބަޔާންކުރާ އެންމެ ބޮޑު އަދަބު ކަމަށްވާ 50,000 ރުފިޔާ ނުވަތަ އަނިޔާއެއް ލިބިފައިވާނަމަ 100,000 ރުފިޔާގެ ޖޫރިމަނާއެވެ.
މީގެއިތުރުން، މިފަދަ ކަމެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ ނުވަތަ މީހަކު މަރުވެއްޖެނަމަ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ޖިނާއީ ދަޢުވާ އުފުލުމަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.
މި މާއްދާގެ ދަށުން ފިޔަވަޅު އަޅާއިރު، ކުށްކުރި މީހާގެ ލައިސަންސް 2 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ބާޠިލުކުރެވޭނެއެވެ. އަދި އެ މީހަކީ ލައިސަންސް ނެތް މީހެއްނަމަ، އެ މުއްދަތަށް ލައިސަންސް ހޯދުމަށް އެދުމުގެ ޙައްޤު ގެއްލިގެންދާނެއެވެ. ލައިސަންސް ބާޠިލުކުރެވޭ ފަރާތްތަކަށް އަލުން ލައިސަންސް ލިބޭނީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން، ކަމާބެހޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް ފާސްވުމުންނެވެ.
އެއްގަމު ދަތުރުފަތުރުގެ މި އައު ޤާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، މި ބިލު ތަސްދީގުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާތާ 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު، މީގެކުރިން އަމަލުކުރަމުން އައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (ޤާނޫނު ނަންބަރު 2009/5) އާއި މަގުމަތީގައި ހިނގާއުޅުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 78/70) އުވިގެންދާނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists