ދިވެހިރާއްޖޭގެ މަގުތަކަކީ އެންމެންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ވާންޖެހޭއިރު، މިއަދު މަގުމައްޗަށް ނުކުންނަ ކޮންމެ މީހެއްގެ ހިތުގައިވެސް އޮތީ ބިރުވެރިކަމެވެ. ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތަކާއި، ޓްރެފިކް ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ނަތީޖާއެއްގެ ގޮތުން މަގުމަތީގެ ނުރައްކާތެރި ހާދިސާތައް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، ވައްކަމާއި މަސްތުވާތަކެތީގެ ނުރައްކަލާ އެއްވަރަށް މިއަދު ދިވެހި މުޖުތަމަޢަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަގުމަތީގެ އެކްސިޑެންޓްތަކެވެ.
ފުލުހުންގެ ކޭސް ރިޕޯޓިންގ ޕްލެޓްފޯމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2026 ވަނަ އަހަރުގެ މިހާތަނަށް ޖުމްލަ 8,498 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކެވެ.
ވައްކަން: 2,330 މައްސަލަ (27.4 އިންސައްތަ) – އެންމެ ގިނައިން ހުށަހެޅުނު މައްސަލަ
ޓްރެފިކް އެކްސިޑެންޓް: 2,030 މައްސަލަ (23.9 އިންސައްތަ) – ދެވަނައަށް އެންމެ ގިނަ މައްސަލަ
މަސްތުވާތަކެތި: 1,830 މައްސަލަ (21.5 އިންސައްތަ) – ތިންވަނައަށް އެންމެ ގިނަ މައްސަލަ
މީގެ އިތުރުން ތަކެތި ގެއްލުމުގެ 696 މައްސަލައާއި، މުދަލަށް ގެއްލުން ދިނުމުގެ 446 މައްސަލައާއި، މާރާމާރީގެ 439 މައްސަލައާއި، ގެވެށި އަނިޔާގެ 224 މައްސަލައާއި، ޖިންސީ ކުށުގެ 184 މައްސަލައާއި، ޚިޔާނާތުގެ 175 މައްސަލައާއި، ފޭރުމުގެ 103 މައްސަލައާއި، ފޯޖަރީގެ 40 މައްސަލަ އަދި ޗެކް ބައުންސްވުމުގެ އެއް މައްސަލަ ވަނީ ހުށަހެޅިފައެވެ. މި ހިސާބުތަކުން އެނގިގެންދަނީ އެކްސިޑެންޓްތަކުގެ ނިސްބަތް އާދަޔާޚިލާފަށް މަތިވެފައިވާ ކަމެވެ.
ފުލުހުން ޖުލައި މަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު (މާލެ ސަރަހައްދާއި، ސިނަމާލެ ބްރިޖު އަދި ހައިވޭ ހިމެނޭހެން)، ހިނގާފައިވާ އެކްސިޑެންޓްތަކުގައި 1,322 މައްސަލައެއްގައި މީހުންނަށް ލިބިފައިވަނީ ކުދި އަނިޔާތަކެވެ. އަދި 31 މައްސަލައެއްގައި ސީރިއަސް އަނިޔާތައް ލިބިފައިވާއިރު، ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 2 މީހެއްގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފައެވެ.
އެފަހުންވެސް ނުރައްކާތެރި ހާދިސާތައް ހިނގުން ހުއްޓުމަކަށް ނާދެއެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން އެންމެ 9 އަހަރުގެ ކުއްޖަކު ވަނީ ފަރުވާދެމުން ދަނިކޮށް ނިޔާވެފައެވެ. މީގެ އިތުރުން އާދިއްތަ ދުވަހު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން 62 އަހަރުގެ މީހަކަށް ހާލު ސީރިއަސްވެ އަދިވެސް ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.
މިފަހުން ހިނގި ނުރައްކާތެރި އެކްސިޑެންޓް-ފޮޓޯ/ ވޮއިސް
އެކްސިޑެންޓްތަކުގެ ސަބަބުން ޖުމްލަ 1,482 އުޅަނދަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ރެކޯޑުކުރެވިފައިވެއެވެ. މި ގެއްލުންތަކާ ގުޅިގެން އިންޝުއަރެންސް މެދުވެރިކޮށް ބަދަލުގެ ގޮތުގައި ޖުމްލަ 3,284,622 (ތިން މިލިއަން ދެލައްކަ އަށްޑިހަ ހަތަރު ހާސް ހަސަތޭކަ ބާވީސް) ދިވެހި ރުފިޔާ ވަނީ ނަގައިދެވިފައެވެ.
މިއީ:
މަހެއްގެ މައްޗަށް އެވްރެޖްކޮށް: 547,437 ރުފިޔާ
ރެކޯޑުކުރެވުނު ކޮންމެ އެކްސިޑެންޓަކަށް ނިސްބަތުން: 2,424.07 ރުފިޔާ
ގެއްލުން ލިބުނު ކޮންމެ އުޅަނދަކަށް ނިސްބަތުން: 2,216.34 ރުފިޔާ
މި އެވްރެޖް ހިސާބުތަކަކީ ޖުމްލަ އަދަދަށް ބަލައި ބަހާލެވިފައިވާ ނިސްބަތެއް ކަމުން، މިއީ ހުރިހާ އެކްސިޑެންޓަކަށް ނުވަތަ ހުރިހާ އުޅަނދަކަށް ބަދަލު ލިބުނު މިންވަރެއް ނޫނެވެ. ނަމަވެސް މިއިން ދައްކުވައިދެނީ މިފަދަ ހާދިސާތަކުގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި މާލީ ގޮތުން އުފުލަންޖެހޭ ބުރަ ބޮޑުކަމެވެ.
2026 ވަނަ އަހަރުގެ މިހާތަނަށް ފެންނަން ހުރި ހިސާބުތަކަކީ ކޮންމެ ފަރުދަކުވެސް ވިސްނާ ފިކުރުކުރަންޖެހޭ ވަރުގެ ބޮޑު އިންޒާރެކެވެ. މަގުމަތީގެ ނުރައްކާތެރި ހާދިސާތަކަކީ ހަމައެކަނި ތަފާސްހިސާބެއް ނޫނެވެ. އެއީ ގެއްލިގެންދާ ފުރާނަތަކާއި، ވޭނުގައި އުޅެންޖެހޭ ޢާއިލާތަކުގެ ހިތާމައެވެ.
އެކްސިޑެންޓްތައް މަދުކޮށް، މަގުމަތީގެ އަމާންކަން ކަށަވަރުކުރެވޭނީ ދަތުރުފަތުރުކުރާ އެންމެހައި ފަރާތްތަކުން ޓްރެފިކް ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ކަނޑައެޅިފައިވާ ދުވެލީގައި ދުއްވައިގެންނެވެ. އެހެން މީހުންގެ ފުރާނައާއި މުދަލަށް އިޙްތިރާމްކޮށް، ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ މަގުމަތި ބޭނުންކުރާ ކޮންމެ ފަރުދެއްގެވެސް ދީނީ އަދި ޤައުމީ ވާޖިބެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists