ދުނިޔޭގެ އިގްތިސާދީ ނުހަމަކަންކަން ކުޑަކުރުމަށާއި ޗައިނާއިން އެކްސްޕޯޓަށް ބަރޯސާވާ މިންވަރު ދޫކޮށް އެ ގައުމުގެ އެތެރޭގެ ވިޔަފާރިއާއި އުފެއްދުންތެރިކަން ވަރުގަދަކުރުމަށް ބާރުއެޅުމުގެ ގޮތުން، ޖީ20 ގެ ގައުމުތަކުން ޗައިނާއާއެކު އޮންނަ ވިޔަފާރީގެ އުސޫލުތަކާއި ޝަރުތުތައް އަލުން މުރާޖައާކުރުމަށް އެ ގައުމުތަކަށް ބާރުއަޅާނެކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް މިހެން ވިދާޅުވީ ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ބެސެންޓް ފާހަގަކުރެއްވި ގޮތުގައި ޗައިނާގެ ވިޔަފާރީގެ ފައިދާ 1.2 ޓްރިލިއަން ޑޮލަރަށް އަރާފައިވާއިރު، މިހާރު ޗައިނާއިން ބޭރަށް ފޮނުވަމުންދާ މުދަލުގެ މިންވަރަކީ ދުނިޔޭގެ އިގްތިސާދަށް ދެމެހެއްޓެނިވި މިންވަރެއް ނޫނެވެ.
އެމެރިކާއިން މިހާރުވެސް ވަނީ ޗައިނާގެ ގިނަ މުދާތަކަކުން ބޮޑެތި ޓެރިފްތަކެއް ނަގައި، ކާރު ފަދަ އުފެއްދުންތައް އެތެރެކުރުން މަނާކޮށް އެ ގައުމުގެ އިގްތިސާދު ރައްކާތެރިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ސަބަބުން ޗައިނާއިން ވަނީ އެ ގައުމުގެ މުދާތައް ވިއްކުން ޔޫރަޕާއި ލެޓިން އެމެރިކާގެ ގައުމުތަކަށް ބަދަލުކޮށްފައެވެ. ބެސެންޓް ވިދާޅުވީ، ޗައިނާގެ އެތެރޭގެ ކަންކަން ރަނގަޅުކޮށް އެކްސްޕޯޓަށް ބަރޯސާވުން ކުޑަކުރުމަށް ޗައިނާއަށް ބާރުއެޅޭނީ އެހެން ގައުމުތަކުންވެސް ޗައިނާގެ މުދަލަށް އިތުރު ހުރަސްތަކެއް ކުރިމަތިކޮށްގެން ކަމަށެވެ.
މިފަދަ ހަރުކަށި ވާހަކަތަކެއް ދެއްކެވި ނަމަވެސް، އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ސީދާ ވިޔަފާރީގެ ގުޅުން ރަނގަޅުވަމުން އަންނަކަން ބެސެންޓް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ސެޕްޓެމްބަރު މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައްދަލުކުރެއްވުމުގެ ކުރިން، ދެ ގައުމުން ކުރެން ކޮންމެ ގައުމަކުންވެސް 30 ބިލިއަން ޑޮލަރުގެ މުދަލުން ޓެރިފް ކުޑަކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، އާޓިފިޝަލް އިންޓެލިޖެންސްގެ ބާރުގަދަ މޮޑެލްތައް ނުރައްކާތެރި ފަރާތްތަކުގެ އަތްމައްޗަށް ދިޔަނުދީ ހިފެހެއްޓުމާ ބެހޭގޮތުންވެސް ޗައިނާއާއެކު މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ބެސެންޓް ވިދާޅުވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists