އިންޑިއާގެ މަޝްހޫރު އެތައް ފަރާތްތަކަކާމެދު ރޭޕް އަދި ޖިންސީ ގޯނާގެ ތުހުމަތު

19 Oct 2018 | 22:37

އިންޑިއާގެ މީޑިއާތަކަށް ނިސްބަތްވާ ނުފޫޒުގަދަ ވެރިންނާއި މަޝްހޫރު ފިލްމީ ތަރިން އަދި ކޮމީޑިއަނުންނާއި މެދު ރޭޕް އަދި ޖިންސީ ގޯނާގެ ތުހުމަތުތަކެއް ފެންމަތި ވެއްޖެއެވެ.

މިއީ އަންހެނުންނާއި މެދު ބޮޑެތި ތަފާތުކުރުން ތަކެއް ގެންގުޅޭ އިންޑިއާގެ މުޖުތަމައުން އާންމުކޮށް ނުފެންނަ މަންޒަރުތަކަކާއި އަޑު ތަކެކެވެ.

މިދިޔަ މަހު ބޮލީވުޑްގެ އެކްޓްރެސް ޓަނޫޝީ ދުއްތާ ވަނީ މަޝްހޫރު އެކްޓަރު ނާނާ ޕަޓޭކަރު އޭނާއަށް ޖިންސީ ދުއްތުރާ ކޮށްފައިވާކަން އާންމުންނަށް އިނގޭނެހެން ފާޅުގަ ބުނެފައެވެ.

އޭގެ ފަހުން މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން ނޫސްވެރިކަމުގައި ހަރަކާތްތެރިވާ އެތަކެއް އަންހެނުންނެއް އަންނަނީ އެމީހުނަށް ދިމާވެފައިވާ މިކަހަލަ ހާދިސާތައް ހިއްސާކުރަން ފަށާފައެވެ.

މި ތުހުމަތުތައް ކުރެވުނު ގިނަ ފަރާތްތަކަކުން އަދި އެއްވެސް އެއްޗެކޭ މިކަމުގައި ބުނެފައި ނުވާއިރު ބައެއް ފަރާތްތަކުން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ.

ރޭޕް އަދި ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އިންޑިއާގެ 70 އަށް ވުރެ ގިނަ ނުފޫޒުގަދަ ފަރާތްތަކާމެދު މިވީހާތަނަށް ވަނީ ކުރެވިފައެވެ.

ނަމަވެސް މިކަމާމެދު އިންޑިއާގެ މަޝްހޫރު ފަންނާނުން އެއްވެސް އެއްޗެކޭ ބުނެފައި ނުވާތީ އެފަރާތްތަކަށް ދަނީ ގިނަ ބަެއެއްގެ ފާޑު ކިޔުންތައް އަމާޒު ވަމުންނެވެ.

އަންހެނުންގެ ހައްގުތަކައް މަސައްކަތްކުރާ ޖަމިއްޔާތަކާއި ފަރާތްތަކުން ބުނަނީ މި ހިނގާ 2018 ވަނަ އަހަރަކީ އަންހެނުންނަށް އެމީހުންނަށް ހައްގު އިހްތިރާމާއި އިއްޒަތް ލިބުނު އަހަރެއް ކަމަށެވެ. 

Advertisement

ކޮމެންޓް