މާލެ ސަރަޙައްދުގައި ބުޅާ ގިނަވެ، އެ ތަކެއްޗަށް ކާންދިނުމާއި ބެލެހެއްޓުމުގެ މައްސަލައަކީ އަބަދުވެސް އާންމުންގެ މެދުގައި ހޫނު ބަހުސެއް ހިނގާ ކަމެކެވެ. ނަމަވެސް، ފަހަކަށް އައިސް މީސްމީޑިއާގައި ދައުރުވި ވީޑިއޯއަކާ ގުޅިގެން މި މައްސަލަ މިވަނީ އިންތިހާއަށް ހޫނުވެ، ބޮޑު އިޖުތިމާޢީ ކަންބޮޑުވުމަކަށް ބަދަލުވެފައެވެ. އެއްބަޔަކު ޖަނަވާރުންގެ ހައްގުތަކާއި ކުލުނުގެ ވާހަކަ ދައްކާއިރު، އަނެއް ބަޔަކު ފާހަގަކުރަނީ އާންމު ސާފުތާހިރުކަމާއި ސިއްހީ ނުރައްކާތަކުގެ ވާހަކައެވެ.
މި މައްސަލަ އަލުން ފެންމަތިވެގެން ދިޔައީ އިއްޔެ މީސްމީޑިއާގައި އާންމުވި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަނީ މީހަކު ބުޅަލަކަށް އަނިޔާކުރާ ކަމަށް ބުނެ އަންހެނަކު އެކަމާ ދެކޮޅަށް ވާހަކަދައްކާ މަންޒަރެވެ. އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ މައިގަނޑު ޝަކުވާއަކަށް ވެފައި އޮތީ، އެ ސަރަހައްދުގައި ބުޅާތަކަށް ކާންދިނުމުގެ ސަބަބުން ބުޅާތައް ގިނަވެ، އެ ތަކެތީގެ ނަޖިހުގެ ސަބަބުން މުޅި ސަރަހައްދު ތަޣައްޔަރުވެ އުނދަގޫ ބޮޑުވުމެވެ.
މި ވީޑިއޯ މީސްމީޑިއާގައި ވަރަށް ބޮޑަށް ވައިގައި ހިފުމާއެކު، ކޮމެންޓް ސެކްޝަން ފުރިގެން ދިޔައީ އެކި މީހުންގެ ތަފާތު ޚިޔާލުތަކާއި ޒުވާބުތަކުންނެވެ. އެއްބަޔަކު ބުޅަލަށް އަނިޔާކުރުން ކުށްވެރިކޮށް ބުޅާތަކުގެ ދިފާއުގައި ނުކުތްއިރު، އަނެއް ބަޔަކު ވަކާލާތުކުރީ އާންމުންނަށް ލިބޭ އުނދަގޫތަކުގެ މައްޗަށެވެ.
މި ބަހުސަށް ކޮމެންޓްކުރި އެއްބަޔަކު ވަނީ މިކަމުގައި އިސްލާމީ އުސޫލުތަކާއި އިންސާނިއްޔަތުކަން އިސްކުރުމަށް ގޮވާލާފައެވެ. އެގޮތުން މީހަކު ފާހަގަކުރި ގޮތުގައި އިސްލާމްދީނުގައި ޖަނަވާރުންނަށް ކާންދިނުމަކީ މަތިވެރި އަޅުކަމެއް އަދި ޞަދަޤާތެއްގެ އިތުރުން الله ގެ ހަޟްރަތުން ދަރުމައާއި ފާފަފުއްސެވުން ލިބޭ ކަމެކެވެ.
”ނަމަވެސް މަގުމަތީގެ ޖަނަވާރުންނަށް ކާންދޭ މީހުން މުޖުތަމައުގެ ހަމަނުޖެހުންތަކުން ދުރުހެލިވުމަށާއި ޖަނަވާރުންގެ ރައްކާތެރިކަމަށްޓަކައި ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި އާންމުންނަށް އުނދަގޫނުވާނެ ހަމަހިމޭން ތަނެއް ހޯދުމާއި ސާފުތާހިރުކަން ދެމެހެއްޓުން ހިމެނެއެވެ. މަގުމައްޗާއި، ގޭގޭގެ ދޮރޯށި އަދި ފިހާރަތައް ކައިރީގައި ކާންދިނުން ހުއްޓާލަންޖެހެއެވެ." އެމީހާ ބުންޏެވެ.
މީގެ އިތުރުން، ބުޅަލަށް ކާންދޭ މީހުން އަމަލުކުރާ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ގިނަ ބަޔަކު ޝަކުވާކުރިއެވެ.
"ބުޅަލުގެ އުނދަގޫ ވަރަށް ބޮޑު، މުޅި މަގުމަތީގައި ހުންނަނީ ނަޖިސް ބޭރުކޮށްފައެވެ. ބުޅާ ގެންގުޅެން ބޭނުންވާ މީހުން އެ އެއްޗެހި އަމިއްލަ ގެއަށް ގެންދަންވީނު؟ އެހެން މީހުންނަށް އުނދަގޫ ނުޖައްސާ. މުޅި މަގުމަތީގައި މިހާރު އޮންނަނީ ބުޅާ ކާއެއްޗެއްސާއި ބުޅަލުގެ ނަޖިސް." އެމީހާ ބުނެފައިވެއެވެ.
އެހެން މީހަކު ކޮމެންޓް ކުރަމުން ބުނީ، ބުޅަލުގެ ހިމާޔަތުގައި ވަކާލާތުކުރާ މީހުން މަގުމައްޗަށް ނުކުމެ އެ ތަކެތީގެ ނަޖިސް ސާފުކުރާނަމަ ރަނގަޅު ވާނެ ކަމަށެވެ. އަދި ކާންދޭ މީހުން ދޮރުމައްޗަށާއި، މަގުމައްޗަށާއި ފުރާޅު މައްޗަށް މަސްދަޅު ކަނޑާފައި އެޅުމުގެ ބަދަލުގައި އެކަން އުސޫލެއްގެ ތެރެއިން ކުރުން މުހިންމު ކަމަށް ވެސް ބުނެފައިވެއެވެ.
ބުޅާތަކުގެ ދިފާއުގައި ވާހަކަދެއްކި އެހެން މީހަކު ފާހަގަކުރީ ބަނޑުހައިހޫނުކަމަކީ ހަމައެކަނި އިންސާނުންނަށް އިހުސާސްވާ ކަމެއް ނޫން ކަމެވެ.
"އަހަރެމެން އިންސާނުންނަށް އެ ނަސީބު ލިބިފައިވަނީ ބަނޑުހައިވީމާ ބުނަން ނުވަތަ ގޮސް އެއްޗެއް ނަގައިގެން ކާން. އެއީ އަނގައިން ބުނަން އެނގޭ އެއްޗެއްސެއް ނޫން. އެ އެއްޗެހި އުޅެން ވަކި ތަނެއް އެބައޮތްތަ؟ ތަނެއް ހެދިޔަސް ރަނގަޅަކަށް ނުބެލެހެއްޓޭ. ބުޅާތައް ފާޚާނާއަށް ދަނީ ވެލިގަނޑަށް ނުވަތަ ފަސްގަނޑަށް، އެއީ ހެއްދެވި ފަރާތް އެކަން ލައްވާފައިވާ ގޮތް. އެއީ އެ އެއްޗެހީގެ ކުށެއް ނޫން. ކޮންމެހެން ބުޅާ ދެކެ ލޯބިވާށޭ ނުބުނަން، އެކަމަކު އެއީވެސް އިހުސާސް ހުރި އެއްޗެއް. ކުނި އަޅައި މަގުމަތި ހަޑިކުރަނީ އިންސާނުން. ކުލުނާއި ހަމްދަރުދީ އޮންނަންވީ ހަމައެކަނި އިންސާނުންނަށް އެކަންޏެއް ނޫން."
ބުޅަލަށް އަނިޔާކުރުމަކީ އެއްވެސް މީހަކު ތާއީދުކުރާ ކަމެއް ނޫން ނަމަވެސް، މަގުމައްޗަށް ކާނާ އަޅައި މުޅި ސަރަހައްދު ”ގޮނޑުކޮށް“، ގޭގޭގެ ދޮރުމައްޗަށް ބޮޑުކަމުދާން ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެތައް ބަޔަކު ބުންޏެވެ. އަދި އުނދަގޫވާ ވާހަކަ ބުނާ ކޮންމެ މީހަކީ ބުޅަލަށް އަނިޔާކުރާ މީހެއްގެ ގޮތުގައި ލޭބަލްކޮށް، މަރުގެ އިންޒާރުދީ ހަދާ މިންވަރަށް މުޖުތަމައުގެ ވިސްނުން ގޯސްވެފައިވާ ކަމަށްވެސް ބައެއް މީހުން ފާހަގަކުރިއެވެ.
މި މައްސަލާގައި އާއްމުކުރި ފުރަތަމަ ވީޑިއޯގެ ރައްދުގައި އިތުރު ވީޑިއޯއެއް ވެސް އާންމުވިއެވެ. އެ ވީޑިއޯގައި ވާހަކަ ދެއްކި މީހާ ބުނަނީ ބުޅާތަކަށް ކާންދިނުމުގެ ސަބަބުން އެއްވާ ބުޅާތަކުން އާންމުންގެ ސައިކަލުތަކަށާއި މުދަލަށް ގެއްލުންދީ، ސަރަހައްދު ގޮނޑުވެފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކަށް އަލިއަޅުވާލަމުން މީހަކު ބުނެފައިވަނީ ޖަނަވާރުން ދެކެ ލޯބިވުމަކީ ރަނގަޅު ކަމެއް ކަމަށާ ނަމަވެސް، މަގުމަތީ ބުޅާ ގިނަވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
”ބުޅަލުގެ ޒަރީއާއިން ބަލިތައް ފެތުރުމަކީ ހަގީގަތެއް. ޚާއްސަކޮށް މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި މިފަދަ ބަލިމަޑުކަން ފެތުރުމުގެ ފުރުސަތު ވިއްސާރަ މޫސުމުގައި އިތުރުވޭ. ބުޅަލުގެ ނަޖިހުގެ ޒަރީއާއިން ޓޮކްސޯޕްލަސްމޯސިސް، ގިއާޑިއާސިސް، އަދި އެކި ވައްތަރުގެ ފަންޏާއި ފަނިފަކުސައިގެ ބަލިތައް ފެތުރޭ. އަދި ބުޅާ ވަކިދެމުމުގެ ސަބަބުން ބާޓޮނެލޯސިސް ފަދަ ބަލިތައް ޖެހޭ. އެހެން ހުރިހާ ފުރާނައަކަށްވުރެ އިންސާނުންގެ ފުރާނަ މުހިންމު." އެމީހާ ބުންޏެވެ.
މި މައްސަލަ ހޫނުވެ، ހުޅުމާލޭގައި ބުޅަލަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރުމަށްޓަކައި، ބުޅާތަކުގެ ހައްގުގައި ވަކާލާތުކުރާ ފަރާތްތަކުން ވަނީ ހުޅުމާލެ ވިނަރެސް 6އޭ ކައިރީގައި ރޭގެ ވަގުތެއްގައި އެއްވުމެއްވެސް ބާއްވާފައެވެ. އެ އެއްވުމުގެ ބައިވެރިން ގޮވާލާފައިވަނީ ޖަނަވާރުންނަށް ކުރާ އަނިޔާތައް ހުއްޓުވައި، އެ ތަކެއްޗަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ.
ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ވަނީ ހުޅުމާލެ ފަރުކޮޅުފުށީގައި "އޮޅުހިޔާ" ގެ ނަމުގައި ޚާއްސަ ޕެޓް ކެއަރ ފެސިލިޓީއެއް (ކެޓް ޝެލްޓަރ) ޤާއިމުކޮށް ފައެވެ. ކަރަންޓީނު ސަރަޙައްދަކާއި ކްލިނިކަކާއި ލެބޯޓްރީއަކާއި ފާމަސީއެއް ހިމެނޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރި މި މަރުކަޒު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ
އޮޅުހިޔާއަށް ބުޅާ ގެންދަނީ
މިވަގުތު އެތަނުގައި 280 ބުޅާ ބަލަހައްޓަމުން އަންނައިރު، ޝެލްޓާގެ ޖާގަ އިތުރުކުރުމުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި އެތަން ފުޅާކޮށް ނިމުމުން ގާތްގަނޑަކަށް 500 އެއްހާ ބުޅާ އެއްފަހަރާ ގެންގުޅެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މީގެ އިތުރުން، މި މައްސަލައަށް ފުރިހަމަ ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ބުޅާ ގެންގުޅުމަށް ޚާއްސަކޮށް ވަކި ރަށެއް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއް ވެސް ސަރުކާރުން ވަނީ ރާވާފައެވެ. ވަޒީރު އަޙްމަދު ޝިޔާމް ހާމަކުރެއްވި ގޮތުގައި މި މަޝްރޫޢަށް ޝައުގުވެރިކަން ފާޅުކޮށް ބައިނަލްއަޤުވާމީ ފަރާތެއް ހިމެނޭ ގޮތަށް މިހާރު ވަނީ ޕްރޮޕޯސަލްތައް ލިބިފައެވެ. މިއީ ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމުން، މިކަމަށް ތައްޔާރަށް ތިބި ފަރާތްތައް ހޯދުމަށްފަހު، މިހާރު ކުރިއަށްދަނީ ލިބިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުމުގެ މަރުޙަލާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް
ބުޅަލަށް ކާންދިނުމާއި މަގުމަތީގެ ޖަނަވާރުން ބެލެހެއްޓުމުގެ މައްސަލައަކީ ހަމައެކަނި ޖަޒުބާތީ ގޮތުން ނިންމޭނެ ކަމެއް ނޫނެވެ. ޖަނަވާރުންނަށް ކުލުނުވެތިވެ އަޅާލުމަކީ ދީނީ އަދި އިންސާނީ ވާޖިބަކަށް ވާއިރު، އެހެން މީހުންނަށް އުނދަގޫނުވާނެ ގޮތަށް އާންމު ސާފުތާހިރުކަމާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ވެސް އެހާމެ މުހިންމު ކަމެކެވެ. މުޖުތަމައުގެ ހަމަޖެހުމާއި، އާންމު ސިއްހަތު ސަލާމަތްކުރެވޭނީ ޖަނަވާރުންގެ ހައްގުތަކާއި އިންސާނުންގެ ދުޅަހެޔޮކަން ވަކިވަކިން ނުބަލައި، ޒިންމާދާރު އުސޫލުތަކަކަށް އެންމެންވެސް ތަބާވެގެންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists