ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވަނީ، މަސައްކަތް ނުހިނގައި ގިނަ ދުވަސްވެފައިވާ ތަންތަނާމެދު ޢަމަލުކުރާނެ އައު ޤަވާޢިދުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. މި ޤަވާއިދުގެ ދަށުން މަސައްކަތް ކުރިއަށް ނުދާ ތަންތަން 4 ގިންތިއަކަށް ބަހާލައިގެން ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، މަސައްކަތް ފަށައި ކުރިއަށް ނުގޮސް ހުރި ފަރާތްތަކަށް ޤަވާއިދުގެ ތެރެއިން އިތުރު ފުރުޞަތުތަކާއި އޮޕްޝަންތައް ދެވޭނެ ކަމަށެވެ. ނަމަވެސް އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރު ވެފައިވާ ތަންތަން އިމީޑިއަޓް ޓާމިނޭޝަނަށް ދާނެ ކަމަށް ވިދާޅުވިއެވެ.
"އެއްވެސް ފަރާތަކަށް އެއްވެސް ކަމެއް ނުކޮށް، ފަޅު ރަށްރަށާއި ރަށްތައް ނަންގަވައިގެން ދިގު މުއްދަތެއްގައި އެހެން ތިބުމަކީ ވަރަށް ރަނގަޅު ނޫން ކަމެއް. އެއްގޮތަކަށްވެސް އޮވެގެން ނުވާނެ. މިއީ ވަރަށް ދިގުމުއްދަތެއްގެ ތެރޭގައި އަޅާ ނުލާ ކޮންސްޓްރަކްޝަން ޕީރިއަޑް އެކްސްޓެންޑް ކުރަން ރިކުއެސްޓް ކުރެއްވީމަ އެފައިސާ ބާކީ އޮންނަ މުއްދަތުގައި ބަހާލައިގެން ގެންދިޔަ ގެންދިއުމުގެ ނަތީޖާ މިއީ. އަޅުގަނޑުމެން މި ފަށާ މަސައްކަތުން މީގެ ރިކަވަރީ ލިބޭނެ ކަމަށް ޤަބޫލުކުރަނީ،"
ވަޒީރު އަމީން
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި އައު ގަވާއިދުގެ ސަބަބުން ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރުމާއި، ކުލި ފަސްކުރުމާއި އަދި ފަސްކުރެވޭ ކުލި އަލުން ދެއްކުމުގައި ހަރުދަނާ އުސޫލުތަކެއް ޤާއިމުވެގެންދާނެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކާ ގޮތުގައި، ތަރައްޤީ ނުކުރެވި ގިނަ ދުވަސްވެފައިވާ 168 ތަނެއް އެބައޮތެވެ. މީގެ ތެރޭގައި 25 އަހަރަށްވުރެ ދިގު މުއްދަތެއް ވީއިރުވެސް އޮޕަރޭޝަނަށް ނުގެނެވި ހުރި ރަށްތައް ހިމެނޭއިރު، މިފަދަ ތަންތަނުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 537 މިލިއަން ޑޮލަރު މިހާތަނަށް ލިބިފައެއް ނުވެއެވެ.
ސަރުކާރުން މި ޤަވާއިދު ތަންފީޒުކުރަން ފެށުމުގެ މައިގަނޑު މަޤްޞަދުގެ ގޮތުގައި ބުނެފައިވަނީ ދައުލަތަށް ގެއްލެމުންދާ ޓެކުހާއި ކުލީގެ އާމްދަނީ އަނބުރާ ހޯދައި، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ހިންގުމަށް މަގުފަހިކޮށް، ވަޒީފާގެ އައު ފުރުޞަތުތަކާއެކު އިޤްތިޞާދަށް ކުރިއެރުން ހޯދައިދިނުމެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists