މިރެއިން ފެށިގެން، ރާއްޖޭން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު މީގެ ކުރިން ނަގަމުން އައި ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލުމަށް ނިންމައިފި އެވެ.
ބެންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ މީގެ ސަބަބުން، ބޭރުގައި ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދުތަކާއި ތައުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ޚަރަދަކާ ނުލައި ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ކަމަށެވެ.
މިއީ ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަން ވެސް ބެންކުން ފާހަގަ ކުރެ އެވެ.
އޮޕްޝަނަލް އިޝުއާ ފީ އަކީ ކާޑު ދޫކޮށްފައިވާ ބޭންކުން، ބޭރު ފައިސާގެ މުއާމަލާތްތަކުން ނުވަތަ ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތްތަކުން ނަގާ ފީއެކެވެ.
ކާޑު ނުވަތަ ކާޑު ލިންކުކުރެވިފައިވާ އެކައުންޓުގެ އަސްލު ފައިސާ ނޫން އެހެން ފައިސާއަކުން ވިޔަފާރިއެއް ކުރުމުން ނުވަތަ ފައިސާ ނެގުމުން، އެ މުއާމަލާތެއް ބައިނަލްއަގުވާމީ ޕޭމަންޓް ނެޓްވޯކްތައް (މިސާލަކަށް ވިސާ ނުވަތަ މާސްޓަރކާޑު) މެދުވެރިކޮށް ޕްރޮސެސް ކުރަންޖެހެ އެވެ. މިކަމަށް ހިނގާ ޚަރަދުތައް ފޫބެއްދުމަށް ބޭންކުން މުއާމަލާތުގެ ޖުމްލަ އަދަދުން ވަކި އިންސައްތައެއް އޮޕްޝަނަލް އިޝުއާ ފީ ގެ ގޮތުގައި ނަގައެވެ.
ކްރޮސް ބޯޑާ ފީއަކީ ބައިނަލްއަގްވާމީ ފެންވަރުގައި ހުރިހާ ބޭންކުތަކަކުންވެސް މިފަދަ މުއާމަލާތްތަކަށް ނަގަމުން އަންނަ ފީއެކެވެ. އަދި ބޭންކް އޮފް މޯލްޑިވްސްއިން ކާޑުގެ ހިދުމަތް ތަޢާރަފު ކުރީއްސުރެ މިއަދާ ހަމައަށްވެސް، މިބާވަތުގެ މުޢާމަލާތްތަކުން މި ފީ ނަގަމުންދެ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists