ސަރުކާރު ހިންގާ -- ޕީޕަލްސް ކޮންގްރެސް ޕާޓީ (ކޮންގްރެސް ޕާޓީ) ގެ އަންހެނުންގެ ހަރަކާތުގެ ރައީސާގެ މަގާމަށް މިނިސްޓަރު ހީނާ ވަލީދު އިންތިހާބުވެއްޖެ އެވެ.
މި މަހުގެ 15 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގައި އިންތިޚާބު ކުރުމަށް ޕާޓީގެ އަސާސީގެ ޤަވާއިދުގައި ބުނާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ މެންބަރުންގެ މައުލޫމާތު އެ ޕާޓީން ރޭ ވަނީ އާންމުކޮށްފަ އެވެ.
އަންހެނުންގެ ހަރަކާތުގެ ރައީސާގެ މަގާމަށް ކުރިމަތިލެއްވީ މިނިސްޓަރު ހީނާ އެކަންޏެވެ. އެހެން ކަމުން އެކަމަނާ ވަނީ އެ މަގާމަށް އިންތިހާބުވެފަ އެވެ.
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ. މީޑިއާތަކާއި ވަރަށް ގާތްގުޅެއް ބާއްވަވާ މިނިސްޓަރު ހީނާ އަކީ ޕީއެންސީގެ އެންމެ ހަރަކާތްތެރި އަދި ޕާޓީގައި އެންމެ ތާއީދު ބޮޑު އެއް އަންހެން ލީޑަރެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންސްޕާގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފައިވާ މިނިސްޓަރު ހީނާ, ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާގެ މަގާމަށް އިންތިހާބުވުމުން ގިނަ ބަޔަކު ދަނީ ތަހުނިޔާ ކިޔަމުންނެވެ.
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ. އެއީ މެންބަރު އަސްމާ ރަޝީދާއި އޭނާގެ ދަރިކަލުން އަދި ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފާއި މިނިސްޓަރު އަބްދުﷲ ރާފިޢު އާއި މިނިސްޓަރު އަޙްމަދު ޝިޔާމް އާއި މެންބަރު އިބްރާހިމް ޝުޖާޢު އާއި މެންބަރު ފާތިމަތު ސަޢުދާ އާއި އެލްޖީއޭގެ ސީއީއޯ ޙައްމަދު ނިމާލް އާއި މިނިސްޓަރު މުޙައްމަދު ސައީދެވެ.
ކޮންގްރެސްގެ މެންބަރުންގެ މަޖިލީހަށް އިންތިޚާބުކުރާ އަންހެން މެންބަރުކަމުގެ 10 މަޤާމަށް 22 މެންބަރަކު ވަނީ ކުރިމަތިލާފަ އެވެ. އަދި މެންބަރުންގެ މަޖިލީހަށް އިންތިޚާބުކުރާ ޒުވާނުންގެ މެންބަރުކަމުގެ ހަތް މަޤާމަށް 13 މެންބަރަކު ކުރިމަތިލާފައިވެ އެވެ.
މީގެ އިތުރުން މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރާ އާންމު މެންބަރުންގެ 18 މަޤާމަށް 73 މެންބަރުން ވަނީ ކުރިމަތިލާފަ އެވެ. ނުވަ މަޤާމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަން ޖެހޭ އަދަދަށެވެ.
ޕީއެންސީން ރޭ ބުނި ގޮތުގައި މި މެންބަރުންގެ ނަން ގެންދަން ބޭނުންވާ މެންބަރުންނަށް ފުރުސަތު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists