އެމްޑީޕީ ނައްތާލިޔަސް، އަދި ވައްޓާލިޔަސް، އަލުން ތެދުވާނެ: ރައީސް ނަޝީދު

30 Jul 2019 | 09:19

އެމްޑީޕީ ނައްތާލިޔަސް، އަދި ވައްޓާލިޔަސް، އަލުން ތެދުވާނެ ކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނޫން ކަމަށާ، އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ކަމަށެވެ.

"އަޅުގަނޑަކީ މަޖިލީހުގެ ރައީސްއޭ ބައެއް ބޭފުޅުން ވިދާޅުވޭ. މިރޭ އައިސް މިހުރީ އއެމްޑީޕީގެ ރައީސް" ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އަޅުގަނޑުމެން ވައްޓާވެސް ލެވިދާނެ ކަމަށެވެ. އެހެންނަމަވެސް އަޅުގަނޑުމެން އެނބުރި އަންނާނެ ކަމަށެވެ.

"ތަކުރާރުކޮށް ދައްކަން އޮތީވެސް ހަމަ އެއްވާހަަކައެއް. އެއީ ޖީބަށް ވަންނަން އެއްޗެއް އިތުރުވާން އެބަޖެހޭ ވާހަކަ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އަޅުގަނޑުމެން ނެތިވެސް ހިނގައިދާނެ ކަމަށާ، އެހެންނަމަވެސް، ދަރިންވެސް އަންނަން ތިބިކަން ފާހަގަކުރައްވާ، އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އަންނަން ހުރި ޖީލުތަކެއްވެސް އެބަހުރި ކަަމަށެވެ.

"އަޅުގަނޑުމެން މިދައްކާ ވާހަކަ، އިރާދަކުރެއްވިއްޔާ ހުއްޓައެއް ނުލާނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިހާރު ތިބި ލީޑަރުން ނެތިގެން ދިޔަސް، އެމީހުންގެ ދަރިން ވެސް ކުރާނީ ހަމަ އެއް މަސައްކަތެއް ކަމަށާއި، ރައްޔިތުން އުންމީދު ކުރާ ދިވެހިރާއްޖެ މި ސަރުކާރުން ހޯދައިދޭނެ ކަމަށެވެ.

އަދި އެމްޑީޕީ އިން ދިވެހި ރައްޔިތުންނަށް ހޯދައިދޭނެ އެންމެ ބޮޑު، އެންމެ ރަނގަޅު ހައްގަކީ ލާމަރުކަޒީ ނިޒާމު ކަމަށް ވެސް ނަޝީދު މިރޭ ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ރިސޯޓު ފަހަރު ހެދުން ވެސް އަދި ރަށްތައް ތަރައްގީ ކުރުން ވެސް އެންމެ ބޮޑަށް ގުޅިފައި އޮތީ ލާމަރުކަޒީ ނިޒާމާ ކަމަށެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް