ދިވެހިރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ފަންޑު ކުރުމަށްޓަކައި، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) އިން 4،850 ކްރޯޑް އިންޑިއަން ރުޕީސްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ މިހާރު ބޭނުން ކުރެވޭނޭކަމަށް އެޤައުމުގެ ސެންޓްރަލް ބޭންކުން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އިންޑިއާގެ ސެންޓަރަލް ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ މިއަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ގާއިމުކުރި މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ އުމްރާނީ އަދި އިޖުތިމާޢީ ތަރައްޤީގެ ތަފާތު މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހެމަޖެހިގެން ދިޔަކަމަށެވެ. ހަމަޖެހުނު އެ އެލް.އޯ.ސީ އަށް ރަސްމީކޮށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓްމަހުގެ 27 ވަނަ ދުވަހުން ފެށިގެންކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ބޭނުންވާ މުދަލާއި ޚިދުމަތުގެ މަދުވެގެން 75 އިންސައްތައަކީ އިންޑިއާގެ ކުންފުނިތަކުން ފޯރުކޮށްދޭ ތަކެތި ކަމުގައި ވާންޖެހެއެވެ. އަދި ބާކީ 25 އިންސައްތަ މުދަލާއި ޚިދުމަތް އެހެން ގައުމުތަކުން ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.
އެގްޒިމް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި މައި އެލް.އޯ.ސީގެ ދަށުން ފައިސާ ދޫކުރެވޭނީ މަޝްރޫޢުތައް ކަނޑައަޅައި، އެ މަޝްރޫޢުތަކަށް ވަކިވަކި ކްރެޑިޓް އެގްރީމަންޓްތަކެއްގައި ސޮއިކުރުމަށްފަހުގައެވެ. މިގޮތުން ސޮއިކުރެވޭ ކޮންމެ އެއްބަސްވުމެއްގެ އަގު މަދުވެގެން 500 ކްރޯޑް ރުޕީސްއަށް ވާންޖެހޭނެއެވެ. އަދި މަޝްރޫޢު ނިމޭ ތާރީޚުން ފެށިގެން 48 މަސްދުވަހުގެ މުއްދަތަކަށް ފައިސާ ދޫކުރުމުގެ ފުރުސަތު އޮންނާނެއެވެ.
މި އެހީއަކީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ދަށުން، ރާއްޖޭގެ ތަރައްޤީއަށް ދެވުނު މުހިންމު އެހީތެރިކަމެއްކަމަށް އެޤައުމުން ވަނީ ބުނެފައެވެ. ރިޒާވް ބޭންކް އޮފް އިންޑިއާ އިން މިހާރު ވަނީ މިކަމާ ގުޅޭ އިރުޝާދުތައް ކަމާބެހޭ ހުރިހާ ބޭންކުތަކަށް ފޮނުވާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists