މިއަދުގެ ޒަމާނުގައި މާއްދީ ގޮތުން ކިތަންމެ ކުރިއަރައި ފަސޭހަތައް އިތުރުވި ނަމަވެސް، ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ނަޖާވުން ލިބެން އޮތީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މައުޟޫޢުގެ މައްޗަށެވެ. ޚުތުބާގައި ފާހަގަކުރި ގޮތުގައި މާތް الله އަޅަކަށް ދެއްވާނެ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި އެއީ މުސްލިމެއްގެ ހުރިހައި ޢިބާދާތާއި ހެޔޮ ޢަމަލުތަކުގެ އިތުރުން، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ އަސާސެވެ.
މާއްދިއްޔަތަށް މީސްތަކުން ހެއްލެމުންދާ ދިއުމަށް އިޝާރާތްކުރަމުން ޚުތުބާގައި ބުނީ ދުނިޔެ ތަރައްޤީވެ ފަސޭހަތައް ގިނަވި ނަމަވެސް، މިއަދު މީސްތަކުންގެ މެދުގައި ނުތަނަވަސްކަމާއި ހިތާމައާއި އެކަނިވެރިކަމުގެ ބިރުވެރިކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން، މިފަދަ ހާލަތްތަކުން އަރައިގަނެ އަމާންކަން ލިބޭނީ ޝިރުކުން އެއްކިބާވެ، اللهއަށް ފުރިހަމައަށް އީމާންވެގެން ކަމަށް ކީރިތި ޤުރްއާނުގެ އާޔަތްތަކުން ދަލީލު ދައްކަވަމުން ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ.
އަދި މާތް الله އިންސާނުންގެ ހިދާޔަތަށް ފޮނުއްވި ހުރިހާ ރަސޫލުންނާއި ނަބިއްޔުންގެ ވެސް އެންމެ ފުރަތަމަ މަސްއޫލިއްޔަތަކަށްވީ މާތް اللهގެ އެއްކައުވަންތަކަމަށް ގޮވައިލެއްވުން ކަމަށާއި، ދުނިޔެމަތީގައި އެންމެ ބޮޑެތި މުޞީބާތްތަކާއި ދަތިތައް ތަޙައްމަލުކުރެއްވީ އެ ބޭކަލުން ކަމަށް ޚުތުބާގައި ބުންޏެވެ.
ޚާއްޞަކޮށް ކައުއިތުރު ރަސޫލާ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް އެތައް އަނިޔާއަކާއި ފުރައްސާރައެއް ކުރިމަތިވި ނަމަވެސް، އެކަލޭގެފާނު ދެމިހުންނެވީ اللهގެ މިންވަރުފުޅަށް ރުހިވަޑައިގެން، ކެތްތެރިކަމާއެކު ޞައްޙަ ޢަޤީދާގެ މަތީގައި ކަމަށް ޚުތުބާގައި ބަޔާންކުރެއްވިއެވެ.
މީގެއިތުރުން، ބޭރުފުށް ރީތިކުރުމަށް ސަމާލުކަންދޭ ފަދައިން، ހިތާއި އެތެރެފުށް އިޞްލާޙުކުރުމަށް އިސްކަންދިނުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. އަދި ފޯނުގެ ބެޓެރި ދަށްވުމުން ޗާޖުކުރަން އަވަސްވެގަންނަ ފަދައިން، އަޅުގަނޑުމެންގެ ޢަޤީދާ ބަލިކަށިވެ، ބީވެގެން ހިނގައިދާނެތީ އެކަމާ މެދު ވިސްނައި ފަރުވާތެރިވާން ޖެހޭ ކަމަށް ވެސް ބުންޏެެވެ..
އިސްލާމީ ޢަޤީދާއަކީ ހަމައެކަނި ވާރުތަވާ އެއްޗެއްގެ ގޮތުގައި ދޫކޮށްނުލައި، ދީނާ ދުރު ފިކުރުތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޞައްޙަ ޢަޤީދާ ރަނގަޅަށް އުނގެނި، އެ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމަށް ހުރިހާ މުސްލިމުންނަށް ގޮވާލައްވާފައެވެ. އަދި އަންނަން އޮތް ޖީލުތަކަށް މި މަތިވެރި އަމާނާތް ފޯރުކޮށްދިނުމަކީ ކޮންމެ މުސްލިމެއްގެ ވެސް ވާޖިބެއް ކަމުގައި ހަނދާންކޮށްދެއްވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists