ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި ބިދޭސީ މީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވައި، އޭނާ ބަންދުގައި ބަހައްޓައިގެން ފަރުވާ ދިނުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ބްރިޖުމަތިން މީހަކު ފުންމާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އެ ރޭ ދަންވަރު 00:44 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
އެމްއެންޑީއެފުން ހިންގި މި އޮޕަރޭޝަނުގައި އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ. ކޯސްޓްގާޑުގެ ޑައިވަރުން ވަނީ އޭނާ ސަލާމަތްކޮށް، އެމްއެންޑީއެފް ކޯސްޓްގާޑް ހާބަރ ކްރާފްޓަށް ނެގުމަށްފަހު ފުލުހުންނާ ހަވާލުކޮށްފައެވެ.
އަދި އޭނާއަށް ފަރުވާ ދިނުމަށްޓަކައި ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްފައެވެ.
އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދެމުންދަނިކޮށް، ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި އޭނާގެ ހާލަތު ރަނގަޅުވާތާ 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރުކުރުމަށް ވެސް ކޯޓު އަމުރުގައި ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ބަންދުގައި ބަހައްޓަން ޖެހެނީ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީއެވެ. މީގެއިތުރުން، އޭނާއަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ މީހެއް ކަމަށާއި، ދޫކޮށްލައިފިނަމަ ފިލައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމަކީ ވެސް ބަންދުގައި ބަހައްޓަން ނިންމި ސަބަބެއް ކަމަށް އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists