'ލުތުފީ ފުރޭމް ކުރައްވައިގެންވެސް ހައްޔަރު ކުރެއްވިދާނެ' ކަމަށް އިމްރާން ވިދާޅުވި: ލުތުފީ

04 Aug 2019 | 07:09

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އޭސީސީއަށް ވަޑައިގެންނާއި ފޯނުން ކުރައްވާފައި ލުތުފީއަށް އިންޒާރު ދެއްވިކަމަށް ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީ މިހެން ވިދާޅުވެފައިވަނީ ލުތުފީ ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކުވުމާގުޅިގެން ސަންގު ޓީވީންގެ ލައިވް ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައިއެވެ.

"އަޅުގަނޑުގެ އޮފީހަށް ގޮސް އިންޒާރު ދީފައި އެންގީ އޮފީހަށް ނުކުމެގެން ނުވާނެ ކަމަށާ، އަޅުގަނޑުގެ ނަމުގައި ހުރި ބޯޓު ފަހަރާއި ބިންތަކާ، ދެން ނޭނގެ. އެ އެއްޗެހި ހޯއްދަވާފަ ހަބަރު ކުރައްވާނެ ކަމަށް މި ބަލަނީ" ލުތުފީ ވިދާޅުވެއެވެ.

މީގެ އިތުރުން ވެސް 'ލުތުފީ ފުރޭމް ކުރައްވައިގެންވެސް ހައްޔަރު ކުރެއްވިދާނެ' ކަމަށް އިމްރާން ވިދާޅުވި ކަމަށް ލުތުފީ ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތިއްބަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި ކަމަށްވެސް އިމްރާން ވިދާޅުވި ކަމަށް ލުތުފީ ވިދާޅުވެއެވެ.

ލުތުފީ ވަނީ މިމައްސަލަ ކަމާބެހޭ އެއްވެސް ފަރާތަކަށް ހުށަހަޅާފައި ނުވަނީ އިންސާފު ލިބިދާނެކަމަށް ގަބޫލުނުކުރައްވާތީކަމަށް ވިދާޅުވެފައިވެއެވެ.

ލުތުފީވަނީ ލީކުވެފައިވާ އޯޑިއޯއަކީ އޭނާގެ ރަށްޓެއްސަކާއި އެކު ފޯނުން ދައްކަވާފައިވާ ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ.

ލުތުފީގެ ލީކުވެފައިވާ ފޯން ކޯލުގައި ވަނީ ރައީސް ޔާމީންއާއި ދެކޮޅަށް ދޮގުކެހި ބަސް ދިނުމަށް މަޖުބޫކުރުކޮށް އިންޒާރުކުރާކަމަށް ލުތުފީވަނީ ވިދާޅުވެފައެވެ.

މިމައްސަލާގައި ހޯމް މިނިސްޓަރ އިމްރާން މިހާތަނަށް ވަކި އެއްޗެއް ހާމަނުކުރައްވައެވެ. ހޯމް މިނިސްޓަރ މިވަގުތު ހުންނެވީ މައްކާގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައެވެ.

Advertisement

ކޮމެންޓް