ސެކިޔުލަރިޒަމްގެ ނުރައްކާތެރިކަން 15

13 Aug 2019 | 11:21

ލިޔުނީ: އައްޝައިޚް އަހްމަދު ސަމީރު

ސެކިއުލަރިޒަމްގެ ޙުކުމް

އިސްވެ ބަޔާންވެދިޔަ ފަދައިން ތައުޙީދުގެ ކަލިމައިގެ މާނަ ނޭނގި އިސްލާމްދީނެއް ނޭނގޭނެއެވެ. ތައުޙީދުގެ ކަލިމައިގައި އަސާސީ ދެކަމެއް ވެއެވެ. އެއީ އިލާހުވަންތަކަން ހަމައެކަނި ﷲ އަށް އިޘްބާތު ކުރުމާއި، އިލާހުވަންތަކަމުގެ ހުރިހާކަމެއް އެހެން ހުރިހާ ފަރާތްތަކުން ނަފީކުރުމެވެ. މި ދެ ރުކުން ޤަބޫލު ކުރުމީ މުސްލިމަކަށް ވުމަށްޓަކައި ލާޒިމުކަމެކެވެ. މިގޮތުން އަޅުކަން ޙައްޤުވާ ހަމައެކަނި ފަރާތަކީ ﷲ ކަން ޤަބޫލު ކުރަން ޖެހޭ ފަދައިން އެހެން ފަރާތަކަށް އަޅުކަމުގެ މާނައިގައި ހިމެނޭ އެއްވެސް ކަމެއް ޙައްޤުވެގެން ނުވާކަމަށްވެސް އީމާންވާންޖެހެއެވެ. އަޅުކަން އެކަލާނގެއަށް އެކަނި ޙައްޤުވާކަން ޤަބޫލު ކުރުމުގެ ޢަޤީދާގައި އެކަލާނގެއީ ހުރިހާ ޚަލްޤުތަކުންގެ ރައްބުވަންތަ ފަރާތްކަމާއި، އެންމެހައި ފުރިހަމަ ނަންފުޅުތަކާއި ޞިފަފުޅުތައް ލިބިވޮޑިގެންވާ އިލާހުކަމާއި، އެކަލާނގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގައި އެއްވެސް އުނިކަމެއް ނުވާކަމާއި، އެއިން އެއްވެސް އިސްމުފުޅަކާއި ޞިފަފުޅެއްގައި އެހެން ފަރާތަކާ ވައްތަރުވެގެން ނުވާކަންވެސް ޤަބޫލުކުރަން ޖެހެއެވެ.

ދެންފަހެ އަޅުކަން އެކަލާނގެ ނޫން ފަރާތަކަށް ޙައްޤުވެގެން ނުވާކަމަށް ޤަބޫލުކުރާއިރު އަޅުކަމުގެ މަފްހޫމަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ. އަޅުކަމަކީ ﷲ އެކަމަކަށް ލޯބިވެވޮޑިގަންނަވާ ކޮންމެކަމެކެވެ. އެއީ އިންސާނާގެ އެތެރެފުށުގެ ކަންކަމާއި ބޭރުފުށުގެ ކަންކަންވެސް ޝާމިލުވާގޮތުގައެވެ. ވީމާ އިންސާނާގެ އެތެރެފުށުގެ ހުރިހާ ޢަމަލަކާއި ބޭރުފުށުގެ ގުނަވަންތަކުން ކުރާ ހުރިހާ ޢަމަލެއްވެސް ކުރަން ޖެހޭނީ ﷲ ގެ ރުއްސެވުން އެދިގެން އެކަލާނގެ ޝަރީޢަތުގައި އަންގަވާފައިވާ ގޮތަށެވެ. އެނޫން ގޮތަކަށް ކޮށްފި ޢަމަލެއް ﷲ ޤަބޫލެއް ނުކުރައްވާނެއެވެ.

ތައުޙީދުގެ ކަލިމައިގެ މަތިވެރި މަފްހޫމަކީ އިންސާނާގެ ހުރިހާކަމެއް ﷲ ގެ ރުއްސެވުން ހޯދުމަށް އަމާޒުކުރުމެވެ. އަދި އެ މަޤްޞަދާ ޚިލާފު ހުރިހާކަމަކުން ދުރުވެގަތުމެވެ. ﷲ މެނުވީ އަޅުކަންވެވުން ޙައްޤު ފަރާތެއް ނުވާކަމަށް އީމާންވާއިރު، އެކަލާނގެ ފިޔަވައި އަޅުކަން ވެވޭ އެންމެހައި ފަރާތްތަކަށް ކާފިރުވާން ޖެހެއެވެ. އަޅުކަން ޙައްޤުވާ ފަރާތަކީ ހަމައެކަނި އެކަލާނގެކަމަށް ވާ އިމާންކަމުގެ ތެރޭގައި، އިންސާނުން އުޅެން އޮތް ހަމައެކަނި ގޮތަކީ ﷲގެ ޝަރީޢަތްކަން ޤަބޫލުކުރަން ޖެހެއެވެ. އަދި އެކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަމެއް ކުރެވޭ އެހެން އިލާހަކު ނުވާކަމަށްވެވޭ އިޤްރާރުގައި އެކަލާނގެ ބާވައިލެއްވި ޝަރީޢަތާ ޚިލާފު ހުރިހައި ކަމަކަށް ކާފިރުވާން ޖެހެއެވެ. އެއީ އެކަލާނގެ ފިޔަވައި އަޅުކަން ކުރެވޭ ތަކެއްޗަށް ކާފިރުވާން ޖެހޭ ފަދައިންނެވެ. ކަން މިހެން އޮތް އިރު އިސްލާމް ދީނުގައި ސެކިއުލަރިޒަމަށް ޖާގައެއް ނެތެވެ. އެއީ ތައުޙީދުގެ ކަލިމައިގެ މާނައާއި މަފްހޫމާ މުޅިން އިދިކޮޅު ފިކުރެކެވެ.

އިސްލާމް އޭގެ ޞައްޙަ މަފްހޫމުގައި ލިބެން އޮތް މަޞްދަރަކީ ކީރިތި ޤުރްއާނާއި ޞައްޙަ ސުންނަތެވެ. އަދި އެ މަޞްދަރާއިގެން ވަޑައިގެން ސާހިބާ އެބައެއްގެ ކުރިމަތީގައި އެ ދެމަޞްދަރަށް ޢަމަލުކުރާނެ ގޮތް ދައްކަވާފައިވާ މަތިވެރި އަޞްޙާބުންނަށް އިސްލާމް ވިސްނި ވަޑައިގެން ގޮތެވެ. އެގޮތް ދައްކަވައި ދެއްވި ޒަމާނަކީ އިސްލާމް ދީނުގެ ރަން ޒަމާނެވެ. އެއީ އެންމެ ހެޔޮ ޤަރުނެވެ. އެއީ މީލާދީން 7 ވަނަ ޤަރުނެވެ. 7 ވަނަ ޤަރުނުގައި އޮތް އިސްލާމް ފެންނަން އޮތީ ހުރިހައި ކަމެއްގައި އިސްލާމް ދީނަށް ޢަމަލުކުރުން ލާޒިމުވެގެންވާ ގޮތަށެވެ. އަދި އެޔާޚިލާފު ހުރިހައި ކަމަކަށް އިންކާރުކޮށް ނޫނެކޭ ބުނަންޖެހޭ ގޮތުގައެވެ. ޙިމާޔަތްކުރަންޖެހޭ އެންމެ ބޮޑު މަޞްލަޙަތަށްވަނީ ދީނުގެ މަޞްލަޙަތުގެ ގޮތުގައެވެ. އެ މަޞްލަހަތު ނިޔާކުރާ ކޮންމެ ކަމަކަށް ޖާނާއި މާލުން ޤުރުބާންވުން ވާޖިބުކަމެއްގެ ގޮތުގައެވެ. ޖިހާދު ޝަރުޢު ކުރެއްވުނީ އެމަތިވެރި ދީނުގެ ޙިމާޔަތުގައި ނުވަތަ އެދީނުގެ ޢަޤީދާ ޤަބޫލުކުރާ މުސްލިމުންނާއި މުސްލިމުންގެ ބިންތަކުގެ ޙިމާޔަތުގައިކަން އެބޭކަލުން ޤަބޫލު ކުރެއްވިއެވެ. އެއީ ހުރިހައި އާރަކާއި ބާރެއް ﷲ ގެ ދީނަށް އޮތުމަށް ޓަކައެވެ. ﷲ ގެ ޙުކުމްފުޅު މަތިވެރިވެ ހުރިހައި ދީނަކާއި މިއްލަތްތަކެއްގެ މައްޗަށް ފާޅުވެގަތުމަށް ޓަކައެވެ.

ސެކިއުލަރިޒަމް އަކީ މުސްލިމުން އެއަށް ކާފިރުވާންޖެހޭ ޠަޣޫތެއް:

ކުރިން އިސްވެ ބަޔާންވެ ދިޔަފަދައިން އިސްލާމް ދީނާ ޚިލާފު ކޮންމެ އެއްޗަކަށް މުސްލިމުން ނޫނެކޭ ބުނަން ޖެހެއެވެ. އެއީ ތައުޙީދުގެ ކަލިމަ އެމީހުންނަށް ލާޒިމު ކުރާކަމެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.{ أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ يُرِيدُونَ أَنْ يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَنْ يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَنْ يُضِلَّهُمْ ضَلَالًا بَعِيدًا } النساء:(60) މާނައީ" ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި، ކަލޭގެފާނުންގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް، إيمانވެގެން ތިބިކަމަށް ބުނާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެއުރެން حكمލިބިގަންނާން، ޠާޣޫތުންގެ ފައިސަލާއަށް ދިއުމަށް އެދެތެވެ. ހަމަކަށަވަރުން، އެފަރާތަށް كافرވުމަށް އެއުރެންނަށް أمرކުރައްވާފައިވާ حالގައެވެ. އަދި، ޝައިޠާނާ އެދެނީ، (حق މަގުން) ދުރުވެގެންވާ މަގުފުރެދުމަކުން، އެއުރެން މަގުފުރެއްދުމަށެވެ."

މި އާޔަތުގެ ތަފްސީރަށް ނަޒަރު ހިންގާލުމުން ޠާޣޫތުގެ ފައިސަލާއަކީ މާތް ﷲ އެކަލާނގެ ޝަރީޢަތުގައި ސާފުކޮށް ބަޔާންކުރައްވައި ލާޒިމް ކުރައްވާފައިވާ ޙުކުމްފުޅާ ޚިލާފަށް ކުރެވޭ ފައިސަލާ ކަމުގައި ފެންނާނެތެވެ. ކަންމިހެން އޮތްއިރު ސެކިއުލަރިޒަމަށް ތާއީދުކުރާ މީހަކު އިސްލާމަކަށް ވާނީ ކިހިނެއްހެއްޔެވެ؟ އެހެނީ އިސްލާމް ދީނުގެ ޙުކުމްފުޅާ ޚިލާފަށް ކުރެވޭ ކޮންމެ ޙުކުމަކާއި، ނިންމޭ ކޮންމެ ނިންމުމަކާއި، ކުރެވޭ ކޮންމެ ފައިސަލާއަކީ އެއަށް ކާފަރުވާން ޖެހޭ އެއްޗެއްކަން މި އާޔަތުގައި އެވަނީ ބަޔާން ކުރައްވާފައެވެ. ހަމަ އެހެންމެ އިސްލާމް ދީނުގެ ޙުކުމްފުޅަށް ނުރުހުންތެރިވާނީ މުނާފިޤުންކަމުގައި ޖެހިގެން އޮތް އާޔަތުގައި އެވަނީ ބަޔާންކުރައްވާފައެވެ. {وَإِذَا قِيلَ لَهُمْ تَعَالَوْا إِلَى مَا أَنْزَلَ اللَّهُ وَإِلَى الرَّسُولِ رَأَيْتَ الْمُنَافِقِينَ يَصُدُّونَ عَنْكَ صُدُودًا} (61) النساء: މާނައީ" އަދި، اللَّه ބާވައިލައްވާފައިވާ ފޮތަށާއި، رسولއާ އަންގަވާ ގޮތަށް تبعވާން ތިޔަބައިމީހުން އަންނާށޭ ބުނެފިނަމަ، منافقން، (ނަފުރަތުވެ) ކަލޭގެފާނަށް ފުރަގަސްދޭތީ ދެކެވަޑައިގަންނަވާނޫއެވެ."

އިސްލާމްދީނުގެ އަޞްލުތަކާއި ޚިލާފު ނުވާނެހެން، މުޖުތަމަޢުގެ ކަންކަން ތަރުތީބުކޮށް ހިންގުމަށް ކަނޑައަޅާފައިވާ އުޞޫލުތައް އެއީ ޠާޣޫތުގެ ޙުކުމް ކަމުގައި ނުބެލެވޭނެއެވެ.؛ އަދި އެފަދަ އުޞޫލަކަށް ތަބާވުމީ ހުއްދަވެގެންވާކަމެކެވެ. 

Advertisement

ކޮމެންޓް