ރައީސް ޞާލިހް ފަހުވަގުތު ޕާކިސްތާނަށް ތަހުނިޔާ ވިދާޅުވުމުން ފާޑުކިއުން އަމާޒްވެއްޖެ!

15 Aug 2019 | 10:42

އަވަށްޓެރި ޕާކިސްތާނުގެ މިނިވަން ދުވަސް ނިމެން ގާތްވެފައި ވަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދުވަހުގެ ތަހުނިޔާ، އެގައުމުގެ ޕްރައިމް މިނިސްޓަރ އިމްރާން ހާންއަށް އަރިސް ކުރެއްވުމާއެކު، އެމަނިކުފާނަށް ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ޕްރައިމް މިނިސްޓަރަށާއި، ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާ، މުބާރަކްބާދީ އަރިސް ކުރައްވާ ކަމަށެވެ. އަދި އެގައުމުގައި ދިރިއުޅޭ އަހުންނަށް ސުލްހައާއި، އުފާފާގަތި ކަމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ ޓްވީޓުގައި ވަނީ ރާއްޖެއާ ޕާކިސްތާނުގެ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޞާލިހް ޕާކިސްތާންގެ މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެފައިވަނީ ރޭ 9:33 ގައިއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަހާ ގުޅިގެން ރައީސް ސޯލިހު ލަހުން ތަހުނިޔާ ދެންނެވުމުން، އެކަމަށް ފާޑު ކީ ބައެއް މީހުން ވަނީ ތަހުނިޔާ ދެންނެވުން ރައީސް ލަސްކުރެއްވީ އިންޑިއާގެ ނުފޫޒާ ގުޅިގެން ކަމަށެވެ. އަދި އެކަން ލަސްކުރެއްވީ އިންޑިއާގެ ހުއްދަ ނުލިބިގެންތޯވެސް ބައެއް ފަރާތްތަކުން ޓްވިޓާގައި ސުވާލު އުފައްދާފައިވެއެވެ.

Advertisement

ކޮމެންޓް