Advertisement

އިސްލާމިކް މިނިސްޓްރީގެ ބޮޑު ކަރޮޕްޝަން؟! އޭސީސީ ކޮބައިތަ؟

20 Aug 2019 | 13:17

ވަގްފް އިމާރާތަކާއެކު ޒިކްރާ މިސްކިތް ދިހަ ބުރިއަށް އިމާރާތްކުރުމަށް މިދިޔަ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީން ހިންގަން އުޅުނު 130 މިލިޔަން ރުފިޔާގެ މަޝްރޫއުން ދައުލަތަށް އެތައް މިލިޔަން ރުފިޔާއެއްގެ ގެއްލުންވާގޮތަށް އޭރު އިސްލާމިކް މިނިސްޓްރީން އަމަލުކޮށްފައިވާކަން ވޮއިސްއަށް ކަށަވަރުވެއްޖެއެވެ.

މިޕްރޮޖެކްޓް ހިންގުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކިޔާ ކުންފުންޏަކަށް އެވޯޑްކުރުމުގައި އިސްލާމިކް މިނިސްޓްރީގެތެރެއިން ވަރަށް ގިނަ ކަންކަން އޮޅުވާލައި ދައުލަތަށް ދިހަ އަހަރުތެރޭގައި 24 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބޭގޮތަށް އޮތް ވަގުފު އިމާރާތުން 10 އަހަރުވެގެންދާއިރުވެސް އެއްވެސް އާމްދަނީއެއް ނުލިބޭގޮތަށް އެއްބަސްވެ ބިޑްއެވޯޑްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން އަމަލުކޮށްފައިވާކަން ވޮއިސްއަށް ލިބިފައިވާ ޑޮކިއުމަންޓްތަކުން އެގެއެވެ.

އިސްލާމިކް މިނިސްޓްރީގެތެރެއިން ދިވެހި ދައުލަތަށް މިހާބޮޑު ގެއްލުމެއް ލިބޭގޮތަށް ޑިޒައިންކޮށްގެން ހިންގަން އުޅުނު މަޝްރޫއުގެ ކަންކަން އެމިނިސްޓްރީގެ ޕީއެސްއާއިހަމައަށް ތިލަވެގެން އައުމުން އެކަން ހުއްޓުވައި އެސްޖޭ ކޮންސްޓްރަކްޝަންއާއެކު ހެދި އެއްބަސްވުން ބަންޑާރަނައިބްގެ ލަފާގެމަތިން ވަނީ ބާތިލްކޮށްފައެވެ. އެސްޖޭ ކޮންސްޓްރަކްޝަންގެ ބަހެއް ހޯދުމަށް ގުޅުމުން އެފަރާތުން ވިދާޅުވީ އެޖީ އާއެކު މަސްވަރާކުރަމުން ދާތީ މިވަގުތު އެއްޗެއްބުނެވެން ނެތްކަމަށެވެ.

 30 މިލިޔަން ރުފިޔާ އެސްޖޭ ކޮންސްޓްރަކްޝަންއަށް ދިނުން

ދާރުއް ޒިކްރާގެ ދިހަބުރީގެ އިމާރާތުގައި އިސްލާމިކް މިނިސްޓްރީއާއި އެސްޖޭ ކޮންސްޓްރަކްޝަންއާ ދެމެދު ސޮއިކުރެވިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް ނުވަތަ މަސައްކަތް ހަވާލުވާ ކުންފުނީގެ ފައިސާގައި އިމާރާތްކުރާގޮތަށެވެ. ދިވެހި ދައުލަތުގެ ބަޖެޓުން 30 މިލިޔަން ރުފިޔާ އިކްއިޓީގެ ގޮތުގައި ކޮންޓްރެކްޓަރ ލޯންނެގުމަށް ހަމަޖައްސައި މިސްކިތުގެ ބިން މޯގޭޖްކުރުމަށް ކަނޑައެޅިފައިވެއެވެ. ފާހަގަކުރެވޭ ކަމަކީ އިސްލާމިކް މިނިސްޓްރީން އެސްޖޭ ކޮންސްޓްރެކްޝަނަށް ހަވާލުކުރި ބިމަކީ އިސްލާމިކް މިނިސްޓްރީގެ ރަޖިސްޓްރީގައި އޮތް ބިމަކަށް ނުވާއިރުވެސް، މޯގޭޖްކުރުމުގެ ނަމުގައި އަވަސް އަރުވާލައިގެން 30 މިލިޔަން ރުފިޔާ އެސްޖޭ ކޮންސްޓްރެކްޝަނަށް ދޫކުރުމެވެ. އެސްޖޭ ކޮންސްޓްރަކްޝަނުން މިކަންކުރުމުގައި އޮޅުވާލަން މަސައްކަތްކޮށްފައިވާކަން އެގެއެވެ. ބެންކުން ފައިނޭންޝަލް ފެސިލިޓީ ހަމަޖެހެނީ މިޕްރޮޖެކްޓް ހިންގާ ބިން މޯގޭޖްކޮށްގެންކަމަށްވާއިރު އިސްލާމިކް މިނިސްޓްރީއަށް ބިން ނުލިބެނީސް، އަދި މޯގޭޖްގެ ކަންކަން ހަގީގަތަކަށް ނުވެއޮތްވައި، މޯގޭޖްކުރުމުގެ ނަމުގައި 30 މިލިޔަން ރުފިޔާ ހޯދަން އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހަޅައި، އިންވޮއިސް ބަދަލުކުރުމެއްނެތި މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ މެމޯއަކަށް ފައިސާ ދޫކޮށްފައިވެއެވެ.

ދާރުއް ޒިކްރާގެ ދިހަބުރީގެ އިމާރާތް

ވޮއިސް އަށް މައުލޫމާތު ލިބިފައިވާގޮތުގައި މިޕްރޮޖެކްޓްގެ އެގްރިމެންޓްގައި ސޮއިކޮށްފައިވަނީވެސް ފުރިހަމަކުރަންޖެހޭ ޑޮކިއުމަންޓްތައް ފުރިހަމަ ނުކޮށެވެ.

ޕްރޮޖެކްޓަށް ޕްރޮޕޯޒަލް ހޯދުމުގައިވެސް ވަކިފަރާތަކަށް ދޭން ރާވާފައިވާކަން ދޭހަވެއެވެ. އެއީ ތިން ފަރާތެއްގެ ޕްރޮޕޯޒަލް ހޯދިއިރު ފުރަތަމަ ޕްރޮޕޯޒަލަކަށްއޮތީ ޗައިނާގެ ކުންފުންޏަކާއެކު އެމްއޯޔޫއެއްގައި ސޮއިކުރުމަށް އެފަރާތުން ގާތްގަޑަކަށް އަހަރެއްހާ ދުވަސްކުރިން ހުށަހަޅާފައިވާ ޕްރޮޕޯޒަލެކެވެ. ދެވަނަ ޕްރޮޕޯޒަލް ހުށަހަޅާފައިވަނީ ( ހުށަހެޅި ތާރީޚެއް ނެތް) ޑަބްލިޔު އެންޑް އޭ އޯވަރސީޒް ކިޔާ ކުންފުންޏަކުންނެވެ. ދެން އެސްޖޭ ކޮންސްޓްރަކްޝަނުން 2018 ވަނަ އަހަރުގެ މާޗްމަހުގެތެރޭގައެވެ. އެސްޖޭ ކޮންސްޓްރަކްޝަނުން ޕްރޮޕޯޒަލް ހުށަހެޅި އިރު އެކުންފުނީގެ ޑައިރެކްޓަރެއްކަމުގައިވާ އަހުމަދު ޝަމްހީދު ޑަބްލިޔު އެންޑް އޯވަސީޒް ކުންފުނީގެ ހިއްސާދާރުންގެތެރޭގައިވެސް ހިމެނެއެވެ.

އަނެއްކާ އެސްޖޭ ކޮންސްޓްރަކްޝަނުން ޕްރޮޕޯޒަލް ހުށަހެޅީ މިޕްރޮޖެކްޓާއިބެހޭ މައުލޫމާތު އިސްލާމިކް މިނިސްޓްރީން ރައީސް އޮފީހަށް ހުށަހަޅާފައިވަނިކޮށްކަމަށްވާއިރު އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި އަގުތައްހުރީ އިސްލާމިކް މިނިސްޓްރީން ތައްޔާރުކުރި އަގުތަކާއި ހަމަ އެއްވަރަކަށެވެ. މިކަމުންވެސް މިނިސްޓްރީގެތެރެއިން މިކަމުގައި ނުބައިރޯލެއް ކުޅެފައިވާކަން އެގެއެވެ.

މީގެއިތުރަށް އިސްލާމިކް މިނިސްޓްރީގެ ސިޔާސީ އެންމެ އިސްވެރިޔާ މިޕްރޮޖެކްޓް އެސްޖޭ ކޮންސްޓްރަކްޝަނަށް ދިނުމަށް ރައީސް އޮފީހަށް ލިޔެފައިވާ ސިޓީތަކެއްވެސް އެބަހުއްޓެވެ. އެސިޓީގައި ބުނަނީ އެސްޖޭ ކޮންސްޓްރަކްޝަން ނޫނީ ރާއްޖޭގައި މިއިމާރާތް ހެދޭނެ އެހެންފަރާތެއް ނެތްކަމަށެވެ. އެސްޖޭ ކޮންސްޓަރަކްޝަނުން ވަގްފް އިމާރާތް ހެދުމަށް ހުށަހަޅާފައިވާ އަގުތަކަކީ ރާއްޖޭގައި އެންމެ ވަރުގަދަ ކޮންސްޓްރަކްޝަން ކުންފުނިތަކުންވެސް ހުށަނާޅާވަރުގެ ބޮޑު އަގުތަކެކެވެ. ދިހަ ބުރީގެ އިމާރާތެއް ހަދަން 130 މިލިޔަން ރުފިޔާދަނީ އެހެންވެގެންނެވެ. އަނެއްކާ މިތިން ޕްރޮޕޯޒަލް ހޯދުމަށްފަހު އިސްލާމިކް މިނިސްޓަރ ޒިޔާދު ބާގިރު ވަގުފު އިމާރާތުގެ ކޮންޓްރެކްޓްގައި އެސްޖޭ ކުންފުންޏާއެކު ސޮކުރައްވަމުން ވިދާޅުވިކަމަށް ސަން ނޫހުގައި ރިޕޯޓްކޮށްފައި އޮތީ އެސްޖޭ ހޮވީ ވަރަށް ގިނަ ފަރާތެއްގެ ޕްރޮޕޯޒަލް ބެލުމަށްފަހުގައިކަމުގައެވެ.

ކޮންޓްރެކްޓަރުގެ ޕްރޮޕޯޒަލްގައި 23 މަސްދުވަހުގެތެރޭގައި އިމާރާތް ހަދައި ނިންމަން ހުށަހަޅާފައިވީނަމަވެސް 25 މަސް ދުވަހުން ނިންމުމަށް ޑޮކިއުމަންޓަކާއި ނުލައި ފުރުސަތު ދީފައިވެއެވެ. 10 ބުރި ނިންމަން މިމުއްދަތު ދެވިފައި އޮތްނަމަވެސް 18 މަސްދުވަހުގެތެރޭގައި އިމާރާތުގެ މިސްކިތުގެ ތިން ފްލޯ ނިންމުމަށްފަހު އިސްލާމިކް މިނިސްޓްރީއާއި ހަވާލުކުރަން އޮވެއެވެ.

މިއެއްބަސްވުމުން ފާހަގަކުރެވޭ ކަންކަމުގެތެރޭގައި ރަސްމީ ލިޔެކިޔުންތަކުގައި އަދި ކޮންޓްރެކްޓަރުގެ ޕްރޮޕޯޒަލްގައިވެސް އިމާރާތުގެ 6 ފަންގިފިލާ ކޮންޓްރެކްޓަރަށް 10 އަހަރަށް ދޭން އޮތް އޮތުމާއި ޚިލާފަށް 7 ފަންގިފިލާ އެސްޖޭ ކޮންސްޓްރަކްޝަނަށްދޭން ކަނޑައަޅާފައި އޮތުމާއި މިމަޝްރޫއާއިބެހޭގޮތުން ރައީސް އޮފީހުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަށް ފޮނުވުމަށް ފިނޭންސް މިނިސްޓްރީން ތައްޔާރުކުރި ރިޕޯޓްގައި މަޝްރޫއުގެ ފައިދާގެ ގޮތުގައި 10 އަހަރުގެ ކުލީގެ ގޮތުގައި 24 މިލިޔަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވީނަމަވެސް އެސްޖޭ ކޮންސްޓްރަކްޝަނާއެކު މިނިސްޓްރީން ހަދާފައި އޮތް އެއްބަސްވުމުގެ ދަށުން 10 އަހަރުތެރޭގައި ސަރުކާރަށް އެއްވެސް އެއްޗެއް ލިބެން ނެތްކަން ފާހަގަކުރެވެއެވެ. ލިބޭ ހުރިހައި އެއްޗެއް ދާނީ އެސްޖޭ ކޮންސްޓްރަކްޝަނަށެވެ.

ދައުލަތުގެ 30 މިލިޔަން ރުފިޔާ އެސްޖޭ ކޮންސްޓްރަކްޝަންގެ އަތުގައި ހުންނަތާ އަހަރުދުވަސް

މިމަޝްރޫއުގެ އެއްބަސްވުން ރޫޅައިލީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަން ފެށިގެންދިއުމާއެކުއެވެ. ބަންޑާރަ ނާއިބްގެ ލަފަޔަށް އެއްބަސްވުން ރޫޅައިލުމުން އެސްޖޭ ކޮންސްޓްރަކްޝަނުން ސިވިލްކޯޓްގައި މައްސަލަ ޖެއްސިއެވެ. އެކަމަކު ސިވިލް ކޯޓުން ނިންމީ އެސްޖޭ ކޮންސްޓްރަކްޝަނަށް ލިބުނު ގެއްލުމެއް އެގެންނެތުމާއެކު އެކުންފުނިން ހުށަހެޅި ގޮތަށް ނިންމެން ނެތްކަމަށެވެ.

ދައުލަތަށް ގެއްލުންވާގޮތަށް އެކުލަވާލާފައިވާ މިއެއްބަސްވުން އުވާލުމަށް މަސައްކަތްކުރި އަދި ކަރޮޕްޝަނާއި މަކަރާއި ހީލަތާއިދެކޮޅަށް މަސައްކަތްކުރި ބައެއް ސްޓާފުން މިހާރުވަނީ މިނިސްޓްރީން ބޭރުކޮށްފައެވެ. އޭގެތެރޭގައި ސިވިލް ސާވިސްކޮމިޝަނުން ސަސްޕަނެޑްކުރި އިސްލާމިކް މިނިސްޓްރީގެ ޕީއެސް ވެސް ހިމެނެއެވެ. އެކަންކޮށްފައިވަނީ މިޕްރޮޖެކްޓްގެ މަސްލަހަތާއި ގުޅިފައިވާ ބަޔަކު އަޑީގައިތިބެގެން ހިންގާ ވަރުގަދަ ހަރަކާތްތަކަކުންކަމަށްވަނީ ބެލެވިފައެވެ. މިކަމުންދޭހަވަނީ އިއްޔެ ވައްކަމާއި ފަސާދައިގައި ފަސްބައިކިލަނބުވެފައިވާ މީހުން މިއަދުވެސް ސަރުކާރުގެ ވުޒާރާތަކުގެ ވެރިންގެ މައްޗަށް ނުފޫޒު ފޯރުވައި އެވުޒާރާތަކުގެ ނިންމުންތަކުގެ މައްޗަށް ބާރުފޯރުވާފައިވާ މިންވަރެވެ.

ކޮންޓްރެކްޓް ބާތިލްކޮށްފައި އޮތަސް ދައުލަތުގެ 30 މިލިޔަން ރުފިޔާ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނީގެ އަތުގައި ހުންނަތާ އަހަރު ދުވަސްވީއެވެ. މިއަދު މިސްޓޯރީ ލިޔާއިރުވެސް ދައުލަތުގެ ފައިސާ ބޭނުންކޮށްގެން އެދަނީ އަމިއްލަ ކުންފުންޏަކުން އެމީހުންގެ ވިޔަފާރީގެ ފައިދާ ނަގައި ކުރިއަރުވަމުންނެވެ. ދައުލަތުގެ 30 މިލިޔަން ރުފިޔާއިން އަމިއްލަ ކުންފުންޏަކުން ވިޔަފާރިކޮށް ނަގަމުންދާއިރު އިސްލާމިކް މިނިސްޓްރީއާއި އޭސީސީ ހިމޭނުން އޮންނާތީ ހައިރާންވެއެވެ.

އޭސީސީއަށް މިމައްސަލަވަނީ ވައްދާފައެވެ. ބާރުގަދަ ކޮންމެވެސް ބަޔަކު އަޑީގައި ތިބެގެން ނޫނީ ދައުލަތުގެ މިހާގިނަ އަދަދެއްގެ ފައިސާ ނަހަމަގޮތުގައި އަމިއްލަކުންފުންޏަކުން ހިތުހުރިހައިގޮތެއް ހަދަން ދޫކޮށްލައިގެން ތިބެން ކެރޭނެތޯއެވެ.

Advertisement

ކޮމެންޓް

Advertisement