ޕީއެސް މުސްއަބު ވަޒީފާއަށް ނެރެދޭން އިސްލާމިކް މިނިސްޓްރީގެ 50 މުވައްޒަފަކު ރައީސް އޮފީހުގައި އެދިއްޖެ

26 Aug 2019 | 13:34

ސަސްޕެންޑްކޮށްފައިވާ އިސްލާމިކް މިނިސްޓްރީގެ ސިވިލްސާވިސްގެ ޒިންމާދާރު ވެރިޔާ ނުވަތަ ޕީއެސް މުސްއަބު އަބުރައި ވަޒީފާއަށް ނެރެދިނުމަށް އެދި އެމިނިސްޓްރީގެ 50 އެތައް ސްޓާފުންނެއް ސޮއިކޮށް ރައީސް އޮފީހަށާއި ސިވިލް ސާވިސްކޮމިޝަނަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. ޕެޓިޝަންގައި އިންވޯލްވާ އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކު ބުނީ މިނިސްޓްރީގެ ގިނަ މުވައްޒަފުން ޕީއެސްގެ ދިފާއުގައި ނުކުތީ މިނިސްޓްރީގެ ތެރޭގައި ހިނގި ވައްކަމަކާއި ދެކޮޅަށް ޕީއެސް ތެދުވުމުން އެވައްކަން މަތިޖެހުމަށް ނާއިންސާފުން ޕީއެސް ބޭރުކުރަން މަސައްކަތްކުރާތީއާއި އަދި ޕީއެސްއާމެދު ސްޓާފުންގެ މެދުގައި އުފެދިފައިވާ އިތުބާރާއި ޔަގީންކަމާހެދި ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓާފުންގެ ފަރާތުން މައުލޫމާތު ލިބިފައިވާގޮތުގައި ޕީއެސް މުސްއަބާއި ދެކޮޅަށް ފިޔަވަޅު އަޅަން ސިވިލްސާވިސް ކޮމިޝަނުން އުޅެއުޅެ އޭނާ ކުށްވެރިވާ ޒާތުގެ ކަމެއް ނުފެނުމުން މިހާރުވަނީ ދެފަހަރެއްގެ މަތިން ( ދެމަސްދުވަހު ) ސަސްޕެންޝަން މުސާރަ ނުލިބޭގޮތަށް ބަދަލުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީގެ އިސްބޭފުޅަކު ވިދާޅުވިގޮތުގައި މައްސަލަ އުފެދިގެން އުޅެނީ މިނިސްޓްރީގެ މުސާރަޝީޓް ހަދާ މުވައްޒަފު އޮޅުވާލައިގެން ސްޓާފުންގެ މުސާރަ ޝީޓްގައި ނެތް މުވައްޒަފެއްގެ ނަމުގައި 62 ހާސް ރުފިޔާ ނެގި މައްސަލައެއް ފަޅާއަރައި އެމުވައްޒަފު ވަޒީފާއިން ވަކިކުރުމުންނެވެ. މުސާރަ ޝީޓް ހަދާ މިމުވައްޒަފު މިވައްކަން ކުރީ ދެފަހަރެއްގެ މަތިންނެވެ. ފުރަތަމަ ފަހަރު ދެތިން ހާހެއްހާ ރުފިޔާ މުސާރަ ޝީޓްގެތެރެއަށް ވައްދައިގެން ވަގަށް ނެގިއެވެ. ދެވަނަ މަހު ބޮޑު އަދަދެއް ނެގިއެވެ. އެކަން ފަޅާއެރުމުން އިސްލާމިކް މިނިސްޓްރީގެ ޕީއެސް އެމައްސަލަ ސިވިލް ސާވިސްކޮމިޝަނަށް ހުށަހަޅައި ސިވިލް ސާވިސް ކޮމިޝަނުން އެކަންބެލުމަށްފަހު އެމީހާ ވަޒީފާއިން ވަކިކުރިއެވެ. އެކަމަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން އިސްލާމިކް މިނިސްޓްރީގެސިޔާސީ އެންމެ މަތީ ވެރިޔާ ބޭނުންފުޅުވީ ވައްކަންކުރި މުވައްޒަފު ވަޒީފާއިން ވަކިނުކޮށް އެމުވައްޒަފުގެ ސެކްޝަން ބަދަލުކުރުމަށެވެ. އެހެންނަމަވެސް ޕީއެސް އެމައްސަލަ ސިވިލްސާވިސް ކޮމިޝަނަށް ހުށަހެޅީއެވެ.

ޕެޓިޝަންގައި އިންވޯލްވާ މުވައްޒަފަކު ބުނީ އެމިނިސްޓްރީގެ ޕީއެސް ސިވިލްސާވިސްކޮމިޝަނުން ސަސްޕެންޑްކޮށްގެން އުޅެނީ މިމައްސަލައާއި ގުޅިގެން ކަމަށް ގަބޫލުކުރެވޭކަމަށެވެ. ވޮއިސްއިން އިސްލާމިކް މިނިސްޓްރީގެ ޕީއެސް މުސްއަބަށް ގުޅުމުންބުނީ ސިވިލްސާވިސްކޮމިޝަނުން ހިންގާ ތަހްގީގެއް ވަކިގޮތަކަށް ނުނިންމަނީސް އޭނާ ކޮމެންޓްކުރުން ރަނގަޅުކަމެއްކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ. އެހެންނަމަވެސް މުސާރަނުލިބޭގޮތަށް ސަސްޕެންޑްކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މިމައްސަލަ ހިލިގެންއުޅެނީ ދާދިފަހުންނެވެ. މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ޕީއެސް ސަސްޕެންޑްކުރުމުގެކުރިން އޭނާ ސަސްޕެންޑްކުރާނެކަމުގެ އިންޒާރު މީހަކު ދޭތީ އެވާހަކަ ޕީއެސް ހިއްސާކުރަމުންއައިސްފައިވާކަމަށެވެ. މިކަމުގެ އަޑީގައި އޮތްކަމަށް ލަފާކުރެވިފައިވަނީ މިނިސްޓްރީގެ ކުރީގެ ސިޔާސީވެރިން އަޑީގައިތިބެގެން ހިންގަން އުޅުނު ޕްރޮޖެކްޓެއް ގަވާއިދާއި ޚިލާފަށް ދައުލަތަށް އެތައް މިލިޔަން ރުފިޔާއެއް ގެއްލުންވާގޮތަށް ގެންދާތީ ޕީއެސްމެދުވެރިވެގެން އެކަންހުއްޓުވުމުން އެކަމާ ރުޅިއައިސްފައިތިބި ބައެކެވެ.

ޕެޓިޝަންގައި އިންވޯލްވާ މުވައްޒަފަކު ބުނީ މިނިސްޓްރީގެ ސްޓާފުން ޕެޓިޝަނެއްހެދީ އެމިނިސްޓްރީގެ ސިވިލްސާވިސްގެ އެންމެ އިސްވެރިޔާއަށް ކަރޮޕްޝަންގައި އިންވޯލްވާ ބަޔަކު އަޑީގައިތިބެގެން ގަސްދުގައި އަނިޔާދީ ވަޒީފާއިން ވަކިކުރާހިސާބަށް ގެންދިއުމުން ރައީސް އޮފީހާއި ސިވިލްސާވިސްކޮމިޝަނުން މިކަމުގައި އިންސާފުވެރި ނިންމުމެއް ނިންމުމަށް ސްޓާފުން އެދޭތީކަމުގައެވެ. އެސްޓާފުންގެ ފަރާތުން މައުލޫމާތުލިބިފައިވާ ގޮތުގައި ސިވިލްސާވިސްކޮމިޝަނުން މައްސަލާގައި ސުވާލު އުފައްދަނީ ވައްކަންކުރި މުވައްޒަފު ސެކްޝަން ބަދަލުކުރުމަށް އިސްލާމިކް މިނިސްޓްރީގެ ސިޔާސީ އެންމެ އިސްވެރިޔާ އެންގުމުން އެއަމުރަށް ނުކިޔަމެންތެރިކަން ޕީއެސްދައްކާފައިވާކަމަށް ބަލައެވެ. އެކަމަކު ފާހަގަކުރަންޖެހޭ ކަމަކީ ވައްކަންކުރި މުވައްޒަފު ވަޒީފާއިން ވަކިކުރީ ސިވިލްސާވިސްކޮމިޝަނުން އެކަން ބެލުމަށްފަހު އެއީ ވައްކަމެއްކަމަށް ފެނިގެން ކޮމިޝަންގެ ފަރާތުން ނިންމައިގެންކަމެވެ. އަނެއްކާ ވައްކަންކުރި މުވައްޒަފުވަނީ އެކަމަށް އެއްބަސްވެފައިވެސް މެއެވެ. ވައްކަންކުރި މީހާ ވަޒީފާއިންވަކިކުރީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. އެހެންކަމަށްވާނަމަ މިނިސްޓްރީތަކުގައި ވައްކަމާއި ކަރޮޕްޝަން ހިގާއިރު ސިވިލްސާވިސްކޮމިޝަނުން ލާފައި ހުންނަ އެންމެ އިސްވެރިޔާއަށް އެގޭހިނދު ކޮމިޝަނަށް އެކަން ރިޕޯޓްކުރުމަކީ ކޮށްގެންވާނެކަމެއްނޫންކަމަށް ސިވިލްސާވިސް ކޮމިޝަނުން ދެކެނީތޯއެވެ. ސިޔާސީ މީހަކު ބުނެގެން ވައްކަންކުރަން ފުރުސަތުދީފައި ބަހައްޓާނީތޯ ނުވަތަ ސިވިލްސާވިސްކޮމިޝަންގެ ގާނޫންގެ ހަމަތައް ހިފަހައްޓާނީތޯ އެއީ މިއަދު އުފެދޭ ސުވާލެކެވެ. މިމައްސަލާގައި އިސްލާމިކް މިނިސްޓްރީގެ ޕީއެސް ސަސްޕެންޑްކުރާއިރު ސިވިލްސާވިސް ކޮމިޝަނުން ވައްކަންކުރި މީހާގެ މައްސަލަ ބެލި ބަޔަކުވެސް މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކުރަންޖެހެއެވެ. ސިވިލްސާވިސްގެ ނިޒާމު ތާހިރުކޮށް ހިންގުމަކީ މިއީތޯއެވެ.

Advertisement

ކޮމެންޓް