ވޯލްޑް ބޭންކުން ރާއްޖެއަށް 30 މިލިއަން ޑޮލަރު ދޭން އެއްބަސްވެއްޖެ

20 Aug 2019 | 21:40

ވޯލްޑް ބޭންކުން ރާއްޖެއަށް 30 މިލިއަން ޑޮލަރު ދިނުމުގެ ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ވޯލްޑް ބޭންކާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ވެފައިވާ މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ވޯލްޑް ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުން ރާއްޖެއާއި ނޭޕާލާއި ލަންކާއަށް ކަނޑައަޅާފައި ހުންނަ ޑިރެކްޓަރު ޑރ. އިދާ ސްވަރާއީ ރިޑިއޯ އެވެ.

އެ ދެ އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ 30 މިލިއަން ޑޮލަރުގެ ތެރެއިން 15 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. އަދި އަނެއް 15 މިލިއަން ޑޮލަރު ދެނީ ލޯނުގެ ގޮތުގައެވެ.

ފުރަތަމަ އެއްބަސްވުމުގެ ދަށުން ދައުލަތުގެ ބަޖެޓާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިޔުމަށް ފްރޭމްވޯކް އެކުލަވާލުމަށް 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދެވަނަ އެއްބަސްވުމުގެ ދަށުން 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދެނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގުދުރަތީ ކާރިސާތަކާއި ބަލިމަޑުކަމަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ ބާރުވެރި ކުރުވުމަށެވެ.

މިއީ ވޯލްޑް ބޭންކުގެ "ކެޓް ޑީޑީއޯ" އާއި ޕެންޑެމިކް އިމަޖެންސީ ފައިނޭންސިން ފެސިލިޓީގެ ދަށުން ދޭ އެހީއެކެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި ރާއްޖެ އަންނަނީ އިގްތިސާދީ ގޮތުންނާއި އިންސާނީ ވަސީލަތްތަކުން ކުރިއަރަމުންނެވެ. ނަމަވެސް ރާއްޖެއަކީ ކުދި ޖަޒީރާ ގައުމަކަށްވާތީ ރާއްޖެ އުފެދިފައިވާގޮތުން ގުދުރަތީ ކާރިސާއެއް ކުރިމަތިވެއްޖެނަމަ ލިބޭ ގެއްލުމުން އަރައިގަތުން ގޮންޖެހުމަކަށް ވާނެ ކަން ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް