ބާސާއިން ނޭމާއަށް ހުށަހެޅި ހުށަހެޅުން ޕީއެސްޖީ ގަބޫލެއްނުކުރި

21 Aug 2019 | 11:48

ބާސެލޯނާއިން ނޭމާ ގަމުތަމަށް ޕީއެސްޖީއަށް ހުށަހެޅި ފުރަތަމަ ހުށަހެޅުން އެކްލަބުން ގަބޫލު ނުކޮށް ދޫކޮށްލާފައިވާ ކަމަށް ޔޫރަޕުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން ނޭމާ ބާސެލޯނާއަށް ދޫކޮށްލަން ޕީއެސްޖީ ތައްޔާރަށް އޮތް ކަމަށައި ނަމަވެސް ބާސެލޯނާއިން ޕީއެސްޖީއަށް ހުށަހެޅި އެއްބަސްވުން ޕީއެސްޖީ ބަލައިގަނެފައި ނުވާ ކަމަށް މީޑިއާތަކުގައިވެއެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން ނޫނީ ނޭމާ ބާސެލޯނާއަށް ގެންދެވެން ނެތުމުގެ ސަބަބުން ބާސެލޯނާއިން ޕީއެސްޖީއަށް ހުށަހެޅީ ފުރަތަމަ ސީޒަނުގައި ނޭމާ ލޯނު ކުޅުންތެރިޔެއްގެ ގޮތުގައި އެ ކްލަބަށް ގެންދިއުމަށްފަހު ޖެހިގެން އަންނަ ސީޒަނުގައި 150 މިލިއަން ޔޫރޯއަށް އޭނާ ގަތުމަށް ކަމަށްވެއެވެ.

ބާސެލޯނާގެ ހުށަހެޅުން ޕީއެސްޖީ ގަބޫލުނުކުރީ 250 މިލިއަން ޔޫރޯ އަށްވުރެ ކުޑަ އަގެއްގައި ނޭމާ ދޫކޮށްލަން ޕީއެސްޖީ ބޭނުން ނުވާތީ ކަމަށް ލަފާކުރެވެއެވެ.

ޕީއެސްޖީ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް ޓީމް ސްކޮޑުގައި ހިމަނާފަ ނުވާ ނޭމާގެ ޓްރާންސްފާއާމެދު ގޮތެއް ނިންމުމަށް ކުރިއަށް ދުވަސްތަކުގައިވެސް ދެ ކްލަބް ތަމްސީލްކުރާ ފަރާތްތަކުގެ މެދުގައި ވާހަކަތައް ދެކެވިގެންދާނެ ކަމުގައި ގަބޫލުކުރެވެއެވެ.

މި ސީޒަނަށް ތައްޔާރުވުމަށް ބާސެލޯނާއިން ވަނީ ބޮޑެތި ޓްރާންސްފާ ފީ ތަކަކަށް ގްރިޒްމަން އަދި ޑި ޖޮންގްގެ ސޮއި ހޯދާފައެވެ. 

Advertisement

ކޮމެންޓް