އެމްއެމްޕީއާރުސީގެ ފައިސާގައި އޭރުގެ އިދިކޮޅު ބައެއް ބޭފުޅުންވެސް ތިބީ މެކެވިފައި: އާދަމް ޝަރީފު

21 Aug 2019 | 23:41

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިންގާފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި އޭރު އިދިކޮޅުގައި ތިއްބެވި ބައެއް ފަރާތްތައްވެސް މެކެވިފައި ތިބި ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

ރޭ ގެނެސްދިން ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ފެންމަތި ވުމާއެކު ރައީސް ޔާމީން އިސްނަންގަވައިގެން އެމައްސަލަ ފުރަތަމަވެސް ބަލަން ފެށި ކަމަށެވެ. އަދި މިސަރުކާރު ވެރިކަމާ ހަވާލުވެ މައްސަލަ ތަހުގީގުކޮށް ޝަރީއަތާ ހިސާބަށް ދިޔައިރު ވެސް މައްސަލައިގައި އިތުރު ކުރިއެރުމެއް ލިބިފައި ނުވާކަމަށް ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް އެންމެ ގާތުން އެނގިވަޑައި ނުގެން ނަމަވެސް އެކަން އެނގިވަަޑައިގެންނެވި ހިސާބުން ރައީސް ޔާމީން ވަނީ އެންމެ ގާތުން އަޅުއްވަން ހުރި ހުރިހާ ފިޔަވަޅެއް އަޅުއްވާފައި ކަމަށެވެ.

'' އަޅުގަނޑުމެންނަށް މިހާރު އެނގެމުން މިދާ އެއްޗަކީ ވަރަށް ރަގަޅަށް އެފައިސާގައި ހަމަ ވަރަށް ރަގަޅަށް އޭރުގެ އިދިކޮޅުގައި ތިއްބެވި ބޭފުޅުންވެސް ހަމަ ވަރަށް ރަގަޅަށް މެކެވިފައި ތިބީ އިނގޭތޯ. އަޅުގަނޑެއް ނުދަންނަވަން އެއީ އެއްގޮތަކަށްވެސް އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިގެން އެކަން ކުރެއްވީއެކޭ. އެހެން ނަމަވެސް އެފައިސާގެ ތެރެއިން ގޮތް ނޭނގޭ ފައިސާތަކެއް ހަމަ ބޭނުންކުރެވިފައިއޮތީ ހަމަ ސީދާ އެމްޑީޕީއަށްވެސް.'' އާދަމް ޝަރީފު ވިދާޅުވިއެވެ.

މީގެއިތުރުން އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ ހިބަރު ވަދެއް ދޫކޮށްގެން މަސް ބާނަން މަސައްކަތް ކުރަމުންދަނިކޮށް، ގެނެވުނު ބަޣާވާތެއްގެ ތެރެއިން ނެރުނު ކޯޓު އަމުރުގައި ތިން ފަނޑިޔާރަކު ހިޔާލު ތަފާތުވި ކަމަށެވެ. އަދި އޭރު ނެރުނު އަމުރަކީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމުން އަޒުލުކޮށް މަގުމަތި ކުރުމަށް ހިންގި ބަޣާވާތެއް ކަމަށް އާދަމް ޝަރީފު ސިފަ ކުރެއްވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ އަމުރާއެކު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަމަށާއި އަދި ހުކުމާއެކު އޭގެ ފަހުން ގެނެވުނު ބަދަލުތަކަށް ބަލާނަމަ ހުކުމުގެ ބާރު އެހިސާބުން ކެނޑިފައިވާ ކަމަށެވެ.

އަދި ސްޕްރީމް ކޯތުގެ އަމުރު ތަންފީޒު ކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ގޮވާލި އިރު، މިއަދުވެސް ސުޕްރީމް ކޯޓުން އަމުރު ނެރޭ ކަމަށާއި ނަމަވެސް މިސަރުކާރު ވެރިކަމަށް އައުމަށްފަހު ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކޮށް ދިޔަ މަންޒަރުވެސް ފެނުނު ކަމަށް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް