ހެކިބަސް ދޭތީ ޖަލުގައި މަރާލާނެކަމުގެ އިންޒާރު ލިބުނު: އަދީބު

22 Aug 2019 | 13:18

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލިފައިވާ މަނީ ލޯންޑްރިންގްގެ ދައުވާގައި އެމަނިކުފާނާއި ދެކޮޅަށް ހެކިބަސް ދޭތީ މަރުގެ އިންޒާރު ލިބުނުކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަދީބު ވިދާޅުވީ އެމަނިކުފާނު ހެކިބަސް ދެމުން ގެންދަނީ އެއްވެސް ނުފޫޒެއް ނެތިކަމަށާއި އެކަމުގެ ސަބަބުން އެމަނިކުފާނަށް ހުކުމެއް އައިކަމުގައިވިޔަސް، ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ.

އަދީބަށް ހެކިބަސް ދޭން ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ އެބޭފުޅާގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުން ބަޔާނެއް ނެރުނުކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ ފާހަގަކުރައްވާފައެވެ. އެކަމަށް ރައްދު ދެއްވަމުން އަދީބު ވިދާޅުވީ އެ ވަކީލުން ނެރުނު ބަޔާނުގައި ވަނީ އަދީބުގެ ބަހެއް ނޫންކަމަށާއި އެކަން މާލެ އައުމަށްފަހު ހުއްޓުވާފައިވާނެ ކަމަށެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ ހެކި ބަސް ދޭތީ އެކި އިންޒާރު ލިބިފައިވާ ކަމަށާއި އެގޮތުން ޖަލުގައި މަރާލާނެ ކަމުގެ އިންޒާރު ވެސް އައިސްފައިވާ ކަމަށެވެ. އެކަންކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވިފައިވާނެކަމަށް އަދީބު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް