ސަރުކާރަށް ނުވަ މަސް، އެންމެ މަޝްރޫއެއްވެސް ނުފެށޭ: މުއިއްޒު

22 Aug 2019 | 19:19

ސަރުކާރަށް ނުވަ މަސްވީއިރު އެއްވެސް މަޝްރޫއެއް ނިންމާފައި ނެތް ކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމް ނައިބު ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރަށް ނުވަ މަސްވެގެން ދިޔައިރު، އެއްވެސް އާ މަޝްރޫއެއް ފަށާފައި ނުވާ ކަމަށާ، އެއްވެސް މަޝްރޫއެއް ނުނިމެނީވެސް އެހެންވެގެން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށި ހިޔާ މަޝްރޫއުއަކީ މި ސަރުކާރުން ހިންގާ މަޝްރޫއެއްގެ ގޮތުގައި ރައްޔިތުންނަށް ދައްކަން، ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ދައުލަތުގެ މީޑިއާއިންވެސް އެމަޝްރޫއުގެ ހަބަރުތައް ގެނެސްދެނީ މި ސަރުކާރުގެ މަޝްރޫއެއް ގޮތަށް ސިފަކޮށްދެމުން ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލުގެ އިންތިހާބަށް އިޝާރާތް ކުރައްވަމުން މުއިއްޒު ވިދާޅުވީ، ކޮންމެ އިންތިހާބަކީވެސް ރައްޔިތުންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށާއި، މި ފަހަރު އެ ފުރުސަތުގެ ބޭނުން ރައްޔިތުން ހިފާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

Advertisement

ކޮމެންޓް