އަންހެނުން ގާޒީކަން ކުރުމަކީ ދީނާ ހިލާފު ކަމެއް: ޝެއިހު ޒައިދު

23 Aug 2019 | 11:37

އަންހެނުން ޝަރުއީ ކޯޓުތަކުގައި އެއްވެސް މަރުހަލާއެއްގައި ގާޒީކަން ކުރުމަކީ އިސްލާމުދީނާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ، ދެ އަންހެން ކަނބަލުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އައްޔަން ކުރުމުގެ ލަފަޔަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމުންނެވެ. އަންހެނުން ގާޒީ ކަމަށް އައްޔަންކުރުމުގައި ގިނަ ޖުމްހޫރު އިލްމުވެރިން ބުރަވެލައްވަނީ، އެއީ ހުއްދަ ނޫން ކަމެއް ކަމަށް ޝެއިހް ވަނީ ވިދާޅުވެފައެވެ. އެގޮތުން ހަތަރު މަޒުހަބުގެ ތެރެއިން ޝާފިއީ މަޒުހަބާއި މާލިކީ މަޒުހަބާއި ހަންބަލީ މަޒުހަބާއި ހަނަފީ މަޒުހަބުގެ ކުރީގެ ބައެއް އިލްމުވެރިންނާއި ފަހުގެ އިލްމުވެރިންވެސް އެގޮތަށް ދެކިވަޑައިގަންނަވާ ކަމަށް ޝެއިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަޒުމިރާލްދާ ޒާހިރާއި އާއިޝާ ސުޖޫން އައްޔަން ކުރެއްވުމާ މެދު ޖޭއެސްސީގެ ލަފައަކަށް ރައީސް އެދިވަޑައިގަތުމުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވަނީ، އެނިންމެވުމަށް މަރުހަބާ ދަންނަވާފައެވެ.

އެގޮތުން، އެއީ ތާރީހީ ކަމެއް ކަމަށާ، އަންހެނުންނަށް އެންމެ އިސް މަގާމުތަކަށް ކުރިމަތި ލުމަށް ލިބޭ ފުރުސަތުގެ ބޭނުން ހިފައި، އެ މަގާމުތަކަށް އަންހެނުން ކުރިމަތިލުމަށް ޝިދާތާ ވަނީ ގޮވާލައްވާފައެވެ. 

Advertisement

ކޮމެންޓް