އަގުއޭރޯގެ ގޯލުތަކާއެކު ސިޓީ މޮޅުވެ، ނިއުކާސަލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

26 Aug 2019 | 04:33

އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތްއައި ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ. ބޯންމައުތްގެ ދަނޑުގައި ކުޅުނު މެޗް ސިޓީ ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ސްޕެއިންއަށް ނިސްބަތްވާ ޑާވިޑް ސިލްވާ ސިޓީއަށް ކުޅެދިން 400 ވަނަ މެޗުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާ ސިޓީ ކާމިޔާބުކުރި ތިން ގޯލުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

15 ވަނަ މިނެޓުގައި އަގުއޭރޯގެ ގޯލުން ސިޓީ މެޗުގެ ކުރި ހޯދިއިރު 43 ވަނަ މިނެޓުގައި ސީޓީގެ ލީޑް ފުޅާ ކޮށްދިނީ މި ސީޒަނުގައި ވަރަށް ރަނގަޅު ފޯމެއްގައި ހުރި އިނގިރޭސި ތަރި ރަހީމް ސްޓާލިންގއެވެ. ބޯންމައުތްގެ ފަރާތުން މެޗުގައި ފެނުނު ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅުމައި ގުޅުނު ވިލްސަންއެވެ.

ފުރަތަމަ ހާފެކޭ އެއްފަދައިން ދެވަނަ ހާފުގައިވެސް ބޯޅަ ކޮންޓްރޯލްކޮށް ރީތި ފުޓްބޯޅައެއް ކުޅެމުންދިޔަ ސިޓީގެ ތިންވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ އަގުއޭރޯއެވެ. މިއީ އަގުއޭރޯގެ ކެރިއަރުގައި އޭނާ ޖެހި 400 ވަނަ ގޯލެވެ.

މެޗާގުޅޭ ގޮތުން ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ގާޑިއޯލާ ވަނީ އުމުރުން 33 އަހަރުގެ ޑާވިޑް ސިލްވާއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. އެގޮތުން ގާޑިއޯލާ ބުނީ ސިލްވާއަކީ އޭނާ ދުއް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށައި މި މެޗުގައިވެސް ފެނިގެން ގޮސްފައިވަނީ އެކަން ކަމަށެވެ. ފަހަތަށް ފައިބައިގެން ޑިފެންސް ކުރަމުންދިޔަ ޓީމެއްގެ ޑިފެންޑަރުން ތެރެއިން ސިވލްވާ ހުސް ޖާގަތައް ހޯދި ގޮތުގެ ފުރިހަމަ ކަމަށްވެސް ގާޑިއޯލާވަނީ ތައުރީފްކޮށްފައެވެ.

ލީގުގައި ދެން ކުޅުނު މެޗުގައި މީހުން ހީކުރިގޮތާ ހިލާފަށް ނިއުކާސަލް ވަނީ ޓޮޓެންހަމް އަތުން މޮޅުވެ ފުރިހަމަ ތިން ޕޮއިންޓް ކަށަވަރު ކޮށްފައެވެ. ޓޮޓެންހަމްެގެ އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން އެޓީމް ބަލިވީ 1-0 ކުންނެވެ. ޕޮޒިޝަން އަދި އުފެއްދި ހަމަލާއައި ޝޮޓުގެ އަދަދުންވެސް ކުރި ހޯދި ޓޮޓެންހަމްއަށް މި މެޗުގައި ނުކުރެވުނު ހަމައެކަނި ކަމަކީ ބޯޅަ ގޯލު ތެރެއަށް ވައްދާލުމެވެ.

މެޗުގައި ފެނުނު ހަމައެކަނި ގޯލް 27 ވަނަ މިނެޓުގައި ނިއުކާސަލްއަށް ކާމިޔާބު ކޮށްދިނީ ޖޯލިންޓަންއެވެ.

މި ނަތީޖާއަށް ފަހު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ނިއުކާސަލް ތާވަލުގެ ނަވާރަވަނައިގަ އޮތް ހަމަ އެ އަދަދަށް މެޗް ކުޅެގެން ލިބުނު ހަތަރު ޕޮއިންޓާއެކީ ޓޮޓެންހަމް އޮތީ ހަތް ވަނައިގައެވެ.  

Advertisement

ކޮމެންޓް