ލިވަޕޫލް މޮޅުވަމުން އަންނަ އައުމުގެ ރެކޯޑް ދަމަހައްޓައިފި

01 Sep 2019 | 05:37

ޕްރިމިއާ ލީގުގައި ލިވަޕޫލް އަދި ބާންލީ ބައްދަލުކުރި މެޗް 3-0 ކުން ކާމިޔާބުކޮށް ލިވަޕޫލް ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑަށް ބޮޅެއް އިތުރު ކޮށްފިއެވެ.

ބާންލީގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމް ވަނީ ފުރަތަމަ ބައި ގަޑިއިރު ލިވަޕޫލްގެ ހަލުވި ފޯވަޑުން ހިފަހައްޓާލާފައެވެ. ވިސްނުންތެރިކަމާއެކު ކުޅެމުން ދިޔަ ބާންލީ ކޮޅަށް ފުރަތަމަ ވައިން ގޯލަކީ ލިވަޕޫލްގެ އާނޯލްޑް ނެގި ހުރަހެއް ބާންލީގެ ޑިފެންޑަރު ވުޑް ގައިގަ ޖެހިފަ ބައި ކޮޅަށް ވައިން ގޯލެކެވެ.

ލިވަޕޫލްގެ ފުރަތަމަ ގޯލަށް ކުޑަ ވަގުތުކޮޅެއް ނުވަނީސް އެޓީމް ވަނީ އިތުރު ގޯލެއް ޖަހާ ލީޑް ފުޅާ ކޮށްފައެވެ. ބާންލީގެ ޑިފެންޑަރ އަދި ކެޕްޓަން ބެން މީ ހެދި މިސްޓޭކެއްގެ ފައިދާ ނަގާ ލިވަޕޫލް އުފެއްދި ހަމަލާ ގޯލަކަށް ބަދަލުކޮށްލީ ހުނަރުވެރި ފޯވަޑް މާނޭއެވެ.

ލިވަޕޫލްގެ ތިންވަނަ ގޯލް ޖަހައިދިނީ 80 ވަނަ މިނެޓުގައި ފިރްމީނޯއެވެ.

މެޗައި ބެހޭ ގޮތުން ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނީ އޭނާގެ ޓީމް ބަލިނުވެ ހިފަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑާ ދޭތެރޭ ހައިރާންވާ ކަމަށެވެ. ސަބަބެއް ކަމުގައި އޭނާ ބުނީ ޕްރީ ސީޒަނުގައި ލިވަޕޫލްގެ ފޯވަޑުން ކަމަށްވާ ސަލާހް، މާނޭ، އަދި ފިރްމީނޯ ޕްރީ ސީޒަނުގައި އެކުގައި ކުޅެފައި ނުވުން ކަމަށެވެ. މާނޭ އަދި ސަލާހް އެފްރިކަން ކަޕުގައި ވާދަކުރިއިރު ޕްރީ ސީޒަނުގައި ފިރްމީނޯ ހުރީ ބްރެޒިލްގެ ގައުމީ ޓީމާއެކު ކޯޕާ އެމެރިކާ މުބާރާތުގައެވެ. ލިވަޕޫލް ނެރެމުންދަނީ އޭނާ ހީނުކުރާވަރުގެ ރަނގަޅު ނަތީޖާތަކެއް ކަމުގައިވެސް ކްލޮޕް ބުނެފައިވެއެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބު ކޮށްފައިވާ ލިވަޕޫލް ތާވަލުގެ އެއްވަނައިގަ އޮތީ 12 ޕޮއިންޓާއެކުއެވެ. ލިވަޕޫލްގެ ފަހަތުން މެންޗެސްޓާ ސިޓީ ދެވަނައިގަ އޮތީ ހަމަ އެ އަދަދަށް ކުޅެ ލިބުނު 10 ޕޮއިންޓާއެކީއެވެ. 

Advertisement

ކޮމެންޓް