މާލޭގައި ހިނގި ބޮޑެތި ފޭރުންތަކެއްގެ ފަހަތުގައި އައިއެސް ވޭ: ސުއޫދު

01 Sep 2019 | 20:59

މާލޭގައި ދާދިފަހުން ހިނގި ފޭރުމުގެ ބޮޑެތި މައްސަލަތަކެއްގެ ފަހަތުގައި އައިއެސް ގްރޫޕަށް ތާއިދުކުރާ ބަަޔަކު ހިމެނޭކަމަށް ގެއްލުވާލެވިފައިވާ އަދި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަލްއުސްތާޛު ހުސްނުއްސުއޫދު ވިދާޅުވީ އައިއެސް ޖަމާއަތަށް ބައިއަތު ހިފާފައިވާ ދިވެހި ގްރޫޕުން ދާދިފަހުން މާލޭގައި ބޮޑެތި ފޭރުމުގެ އަމަލުތަކެއް ހިންގާފައިވާ ކަަމަށެވެ.

އެގޮތުން ދާދިފަހުން އެސްބީއައިގެ ކައިރިން މަޝްހޫރު ބީއެޗްއެމް ފިހާރައިގެ ފައިސާތަކެއް ފޭރިގަތީ އެމީހުންކަމަށް ސުއޫދު ވަނީ ހާމަކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ މާޗްމަހުގައި ވަނީ މާލޭގައި ފުލުފުލުން ވައްކަމުގެ ބޮޑެތި ހާދިސާތަކެއް ހިނގާފައެވެ.

ސުއޫދު ވިދާޅުވިގޮތުގައި މިގޮތަށް އަމަލުކުރުމަށްފަހު، ހޯދި ފައިސާގެ ފަސްބައިކުޅަ އެއްބައި ފޮނުވަނީ އިރާގަށެވެ.

މި ފަރާތްތަކުގެ އިތުރުން އަލްގައިދާއަށް ތާއިދުކުރާ ބަޔަކުވެސް ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ. އެފަރާތްތަކުން ކަންނެލި ދޯނިތަކާއި، ފޮތި އަދި ތަރުކާރީ ފިހާރަތަކުގެ އިތުރުން ހޮޓާ ފަދަ ތަންތަން ހިންގައިގެން ފައިސާ ހޯދާ ބޭރަށް ފޮނުވާކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

މި ދެ ގްރޫޕްގެ ތަފްސީލަށް ވަޑައިގަންނަވަމުން ސުއޫދު ވިދާޅުވީ ރާއްޖޭގައި ހިންގާ ގަތުލުތަކުގެ ފަހަތުގައިވަނީ އަލްގައިދާއަށް ތާއިދުކުރާ ދިވެހިންތަކެއް ކަމަށެވެ. އެގޮތުން ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ ފަހަތުގައިވެސް ވަނީ އެފަރާތްތައް ކަމަށް ހެކިލިބިފައިވާކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

ސުއޫދު ވިދާޅުވިގޮތުގައި އައިއެސް ޖަމާއަތަށް ތާއިދުކުރާ ދިވެހިން ރާއްޖޭގައި ގަތުލުތައް ނުހިންގަނީ އަގީދާގައި ފައިދާއަށް ވުރެ ގެއްލުން ބޮޑުވާނަމަ، އެއީ ކުރުން ހުއްދަކަމަށް އެކަން ނުވާނެކަމަށް އެމީހުންނަށް ފެންނާތީއެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް