އިންޑިއާއިން ތެލެސީމިއާ ކުދިންނަށް މަނާ ބޭސްދެނީ: ހެލްތް މިނިސްޓްރީ ހަނު!

09 Sep 2019 | 08:49

ތެލެސީމިއާ ކުދިންނަށް "ތެލިޑޮމައިޑް" ކިޔާ މަނާ ބޭހެއް ދެމުންގެންދާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް އެކަން އާންމުންގެ ސަމާލްކަމަށް ގެނެސް ދެއްވައިފި އެވެ.

ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ ޕޫނޭން ތެލެސީމިއާ ކުދިންނަށް ދޭ، މަނާކޮށްފައިވާ ބޭހެއް ކަމަށްވާ "ތެލިޑޮމައިޑް" ބޭނުންކުރާ ރާއްޖޭގެ ތެލަސީމިއާ ކުދިންނާއި ބެލެނިވެރިން ކުދިންގެ ސަލާމަތަށް ވިސްނަންޖެހޭ ކަމަށެވެ.

އޮންލައިން ނޫސް ސަން އަށް ޑރ. ފައިސަލް "ދިން އިންޓިވިއުއްގައި ވިދާޅުވެފައިވަނީ މިހާރަކަށް އައިސް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދެމުގައި ކްރޮސްމެޗް ދިމާނުވުމުން އިންޑިއާގެ ހޮސްޕިޓަލަށް ގޮސް އެހެން ފަރުވާއެއް ނަގަމުންދާ ކަމަށެވެ.

"އެ ހޮސްޕިޓަލްއިން މި ނަގަނީ ޓްރަޔަލް ފަރުވާއެއް. ވާގޮތަކީ ލޭގެ ހުރޭ ދެ ވައްތަރެއް ފީޓަލް ހިމޮގްލޮބިންއާ އެޑަލްޓް ހިމޮގްލޮބިން. ދެން ފީޓަލް ހިމޮގްލޮބިން ގިނަ ދުވަހު ހުންނާނެ. އެޑަލްޓް ހިމޮގްލޮބިން ވަރަށް އަވަހަށް ހަލާކުވާނެ. ދެން މި ހަދާ ގޮތަކީ ފީޓަލް ހިމޮގްލްބިން ގިނަ ކުރަން ބޭހެއް ދެނީ. އޭރުން ލޭ އަޅަން ޖެހޭ މުއްދަތު ކުރުވާނެތާ." ފައިސަލް ވިދާޅުވި އެވެ.

މި މައްސަލާގައި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ މިފަދަ ދިރާސާއެއް ކުރިއަށްގެންދާ ހޮސްޕިޓަލްތަކާއި ރާއްޖޭގެ ސިއްހީ ދާއިރާގައި އިސް ފަރާތްތަކުން ބައްދަލު ކުރަން ޖެހޭނެ ކަމަށް ވިދާޅުވަމުންނެވެ.

އިންޑިއާއިން ތެލެސީމިއާ ކުދިންނަށް މަނާ ބޭސް ދެމުންދާކަން ސަމާލުކަމަށް ގެނެސްފައިވާއިރު މިއަހަރުގެ މިހާތަނަށް ތެލެސީމިއާގެ ނުވަ މީހަކު ވަނީ މަރުވެފަ އެވެ.

ތެލެސީމިއާ ކުދިންނަށް ދައުލަތައް ލާޒިމްކުރާ ފަރުވާ ނުދެވުމުގެ ސަބަބުންނާއި ޤާނޫނުން ލާޒިމްކުރާ އެތައް ކަމަކަށް އިހުމާލުވެފައިވުމުން ގިނަ އަދަދެއްގެ ތެލެސީމިއާ ކުދިން އަންނަނީ އަޑުއުފުލަމުންނެވެ.

މި މައްސަލާގައި ހެލްތް މިނިސްޓްރީން ވަކި އެއްޗެއް ހާމަކުރައްވާފައި ނުވެއެވެ.

Advertisement

ކޮމެންޓް